29 ޖުލައި 2020 - 08:40
އިންޑިއާގެ ލޮކްޑައުންއާ އެކު ޝޫޓިން ހުއްޓުމަކަށް އައި، ޑައިރެކްޓަރު އާނަންދު އެލް ރާއީގެ އާ ފިލްމު "އަތުރަންގީ ރޭ" ގެ ޝޫޓިން އަންނަ އޮކްޓޯބަރު މަހުގެ ތެރޭގައި އަލުން ފަށަން ނިންމައިފި އެވެ.
ވަރަށް ތަފާތު ލޯބީގެ ވާހަކައަކަށް ހަދާ މި ފިލްމުގެ މަސައްކަތް ލޮކްޑައުންއާ އެކު ހުއްޓުމަކަށް އައި އިރު، މާޗް މަހުގެ ކުރީކޮޅު އޮތީ ފިލްމުގެ ޝޫޓިން ފަށައިފަ އެވެ. އެކަމަކު ކޮވިޑް-19އާ ހެދި މަސައްކަތްތައް ހުއްޓައިލަން ޖެހުނު އިރު ޝޫޓްކުރެވުނީ މަދު މަންޒަރުތަކެކެވެ. އެހެންވެ "އަތުރަންގީ ރޭ" ގެ ބޮޑުބައި އަދި ކުރިއަށް އޮތީ އެވެ.
މި ފިލްމުގެ ތަރިންނަކީ އަކްޝޭ ކުމާރާއި ސާރާ އަލީ ޚާނާއި އާނަންދު 2013 ގައި ގެނެސްދިން "ރާންޖަނާ" ގެ ބަތަލު ދަނޫޝް އެވެ. ރިޕޯޓްތައް ބުނާގޮތުން "އަތުރަންގީ ރޭ" ގައި ސާރާ ފެނިގެންދާނީ ދެ ޒަމާނަކަށް ނިސްބަތްވާ ޑަބަލް ރޯލަކުންނެވެ.
އާނަންދު ބުނީ އޮކްޓޯބަރު މަހުގެ ތެރޭގައި ފިލްމުގެ ޝޫޓިން ފަށާ އިރު، ކާސްޓާއި ކްރޫގެ އެއްބާރުލުން މަސައްކަތްތަކަށް ވަރަށް ބޮޑަށް ލިބޭނެ ކަމަށް އުންމީދުކުރާ ކަމަށެވެ. "އަތުރަންގީ ރޭ" ގެ މަސައްކަތް އަލުން ފަށާ އިރު، އަކްޝޭ އަންނަ މަހުގެ ތެރޭގައި "ބެލް ބޮޓަމް" ގެ ޝޫޓިން އަށް ސްކޮޓްލެންޑަށް ފުރާނެ އެވެ. އަދި އޭނާގެ "ޕްރިތުވީރާޖް" ގެ ބާކީ ހުރި މަންޒަރުތައް ނޮވެމްބަރު މަހުގެ ތެރޭގައި ޝޫޓްކުރަން މިހާރު ވަނީ ރާވައިފަ އެވެ.
އާނަންދު ބުނިގޮތުގައި "އަތުރަންގީ ރޭ" ޝޫޓިން އަލުން ފަށާނީ ދުރާލައި ހުރިހާ ކަމެއް ވަރަށް ބޮޑަށް ރާވައިގެންނެވެ. އެގޮތުން ލޮކްޑައުން އަކީ ކަންކަން އިންތިޒާމުކުރަން ލިބުނު ވަގުތުތަކެއް ކަމަށް ބުންޏެވެ.
"އެހެންވެ ވީހާ ވެސް އަވަހަކަށް ޝޫޓިން އެއްކޮށް ނިންމައިލުން ޓާގެޓަކީ. އެގޮތުން މި އަހަރު ނިމުމުގެ ކުރިން ޝޫޓިން ނިންމާލަން ވަރަށް މަސައްކަތްކުރާނަން. މި ފަހަރުގެ ޝެޑިއުލް ކުރިއަށް ގެންދަން ރާވާފައި އޮތީ މަދުރާއީގައި." 2018 ގައި "ޒީރޯ" ގެނެސްދިން ޑައިރެކްޓަރު ބުންޏެވެ.
އޭއާރް ރަހްމާން މިއުޒިކް ހަދައިދޭ "އަތުރަންގީ ރޭ" ސިނަމާތަކަށް ގެންނަން ތާވަލުކޮށްފައި އޮތީ އަންނަ އަހަރުގެ ފެބްރުއަރީ 14 ގަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy