ސުޝާންތުގެ އެކައުންޓުން ރިއާ 15 ކްރޯޑް ރުޕީސް ޓްރާންފާކުރި

ބޮލީވުޑްގެ އެކްޓަރު ސުޝާންތު ސިންގް ރާޖްޕޫތު މަރުވި ހާދިސާ ވަރަށް ސީރިއަސްކޮށް ތަހުގީގުކުރަމުން އަންނައިރު، އޭނާ ލޯބީގެ ގޮތުން ގުޅިގެން އުޅުނު ބަތަލާ ރިއާ ޗަކްރަބަތީ، ސުޝާތުންގެ އެކައުންޓުން 15 ކްރޯޑް ރުޕީސް (2,007,627 ޑޮލަރު) ނަގާފައިވާ ކަމަށް ތުހުމަތުކޮށްފި އެވެ.


ސުޝާންތުގެ އާއިލާ އިން ބިހާރުގެ ފުލުހުންނަށް ހުށަހެޅި މައްސަލާގައި ވެސް ވަނީ ސުޝާންތަށް މާލީ ގޮތުން ޕްރެޝަރުތަކެއްކޮށް، ރިއާގެ ކޮންޓްރޯލްގެ ދަށަށް އޭނާ ގެންނަން މަސައްކަތްކޮށްފައިވާ ކަމަށް ބުނެފަ އެވެ. ސުޝާންތު ނިސްބަތްވާ ޕަޓްނާގެ ބިހާރުގެ ފުލުހުންނާއި މުމްބާއީ ފުލުހުން ގުޅިގެން ތަހުގީގު ކުރިއަށް ގެންދާ އިރު، އެންފޯސްމަންޓް ޑިރަކްޓަރޭޓް (އީޑީ) ވެސް ވަނީ ތަހުގީގު ތެރެއަށް ވަދެފަ އެވެ. މިހާތަނަށް ސުޝާންތުގެ އެކައުންޓްތަކާ ބެހޭ ގޮތުން ލިބުނު މައުލޫމާތުން 15 ކްރޯޑް ރުޕީސް ރިއާ އާއި އާއިލާގެ ބައެއްގެ ނަމުގައި ހުޅުވާފައިވާ ސިއްރު އެކައުންޓްތަކަށް ޖަމާކޮށްފައިވާ ކަމަށް ބުނެފައިވެ އެވެ. އެގޮތުން ރިއާގެ މަންމަ އާއި ބޭބެ ޝޯވިކްގެ އެކައުންޓްތަކަށް ފައިސާ ޓްރާންސްފާކޮށްފައިވާ ކަމަށް ބެލެވޭތީ އޭގެ ތަފުސީލުތައް ހޯދަން އަންނަނީ މަސައްކަތްކުރަމުންނެވެ.

މީޑިއާތަކުން ބުނެފައިވާ ގޮތުގައި މިދިޔަ ޖޫން މަހުގެ 14 ވަނަ ދުވަހު ސުޝާންތު މަރުވި އިރު، ރިއާ އާއި އޭނާގެ ބޭބެއާ ގުޅިގެން ތިން މީހުންގެ ނަމުގައި ކުންފުންޏެއް ވެސް ހަދާފައިވެ އެވެ. އަދި އެ ކުންފުނީގެ ކޮންޓްރޯލް ވެސް ރި އާއި ޝޯވިކް ނަގާފައިވާ ކަމަށް ބުނެފައިވެ އެވެ.

ރިއާގެ ޕޯސްޓެއް.

ޒުވާން އެކްޓަރުގެ މަރާ ގުޅިގެން ރިއާ އަށް ވަރަށް ބޮޑަށް ތުހުމަތުގެ އިނގިލި ދިއްކުރެވެމުން އަންނަ އިރު، ސުޝާންތުގެ އާއިލާ އިން ރިއާގެ މައްސަލަ ފުލުހުންނަށް ރިޕޯޓްކުރީ މިދިޔަ އަންގާރަ ދުވަހު އެވެ. މިއާ އެކު މި މަރުގެ ތަހުގީގަށް ވަނީ މީޑިއާގެ ސަމާލުކަން ވެސް ހުއްޓިފަ އެވެ. މިހާތަނަށް މުމްބާއީގެ ފުލުހުން ސުޝާންތުގެ މަރާ ގުޅޭ ގޮތުން ތަހުގީގެއް ކުރަމުންދާ ކަމަށް ބުނި ނަމަވެސް އެކަމުގައި މާ ސީރިއަސް ކަމެއް ނެތް ކަމަށް ބުނެ ފުލުހުންނަށް ވަރަށް ބޮޑެތި ފާޑުކިޔުންތަކެއް ވެސް އަމާޒުވެފައިވެ އެވެ.

ނަމަވެސް ސުޝާންތުގެ އާއިލާ އިން ބިހާރުގެ ފުލުހުންނަށް މައްސަލަ ރިޕޯޓްކުރުމާ އެކު، ތަހުގީގަށް ވަނީ ކުރިން ނުލިބޭ ވަރުގެ ސަމާލުކަމެއް ލިބިފަ އެވެ. މި މައްސަލައިގެ މީޑިއާތަކުން ގެނެސްދޭ ޚަބަރުތަކާއި އާއިލާ އިން ރިއާ އަށް ކުރާ ތުހުމަތުތަކަށް ބަލާ އިރު، ސުޝާންތުގެ މަރުގެ ފަހަތުގައި ރިއާގެ އަތެއްވާކަމަށް ބެލުމުގެ ފުރުސަތު ވަރަށް ބޮޑެވެ.

ރިއާ ބުނެފައިވާ ގޮތުގައި ސުޝާންތު މަރުވި އިރު، އެ ދެ މީހުން އުޅުނީ ލިވް-އިން ރިލޭޝަންޝިޕެއްގަ އެވެ. އަދި އެ ގުޅުމަށް އަހަރު ދުވަސްވެފައިވާނެ ކަމަށް ބުންޏެވެ. ސުޝާންތުގެ އާއިލާ އިން ތުހުމަތުކޮށްފައިވާ ގޮތުގައި އެ މުއްދަތުގެ ތެރޭގައި ރިއާ ވަނީ ސުޝާންތު މުޅި ދިރިއުޅުން ކޮންޓްރޯލްކޮށްފަ އެވެ. އެގޮތުން އާއިލާ އާއި ރައްޓެހިންނާ އޭނާ ދުރުކޮށް، ނަފުސާނީ ގޮތުން ސުޝާންތު "ޓޯޗާކޮށްފައިވާ" ކަމަށް ބުނެފައިވެ އެވެ.