ސުޝާންތުގެ މަރު: ލޯބިވެރިޔާ އަށް ކުރެވޭ ޝައްކު ބޮޑުވެއްޖެ

އެކްޓަރު ސުޝާންތު ސިންގް ރާޖްޕޫތު މަރާ އެކު މުޅި ބޮލީވުޑް އޮތީ ބޮޑު ހާޖާނުގަނޑެއްގެ ތެރޭގަ އެވެ. އޭނާ މުމްބާއީގައި ދިރިއުޅު އެޕާޓްމަންޓްގައި މިދިޔަ މަހުގެ 14 ވަނަ ދުވަހު ދަންޖެހިގެން މަރުވި ވާހަކައާ އެކު، އެތައް ސުވާލެއް އުފެދި، އެތައް ބަޔަކަށް ވަނީ އިނގިލި ދިއްކުރެވިފަ އެވެ. އެގޮތުން ސުޝާންތުގެ މަރުގެ ޒިންމާ ބޮލީވުޑްގެ ނުފޫޒު ގަދަ ބައެއް މީހުން ނަގަން ޖެހޭނެ ކަމަށް ބުނެ ސޯޝަލް މީޑިއާގައި އުފުލި އަޑުތައް ވެސް ގަދަ އެވެ.


މީގެ އިތުރުން ދެން އެންމެ ގިނަ ބަޔަކު އިނގިލި ދިއްކުރީ ސުޝާންތު، 34، ލޯބީގެ ގޮތުން ގުޅިގެން އުޅުނު ބަތަލާ ރިއާ ޗަކްރަބަތީ، 28، އާ ދިމާއަށެވެ. އެގޮތުން އޭނާ ސުޝާންތު "އަޅުވެތިކޮށްގެން" ނަފުސާނީގޮތުން ބޮޑު ހާޖާގަނޑެއްގެ ތެރޭގައި ގެންގުޅުނު ކަމަށް ތުހުމަތުކޮށްފައިވެ އެވެ. ސުޝާންތު މަރުވި އިރު ޑިޕްރެޝަނަށް ފަރުވާ ވެސް ހޯދާފައިވެ އެވެ.

އޭނާގެ މަރާ އެކު މުމްބާއީ ފުލުހުން ކުރިއަށް ގެންދާ ތަހުގީގަށް މިހާތަނަށް 50 ވަރަކަށް މީހުންނާ ސުވާލުކޮށް އެ މީހުންގެ ބަޔާންތައް ނަގާފައިވެ އެވެ. އޭގެ ތެރޭގައި ރިއާ އާއި ސުޝާންތުގެ މުވައްޒަފުންނާއި ރައްޓެހިންނާއި ފިލްމީ ދާއިރާގެ ބައެއް މީހުންނާއި ޕްރޮޑަކްޝަން ހައުސްތަކުގެ ބައެއް ވެރިން ހިމެނެ އެވެ. މި މަރުހަލާ އަދިވެސް ކުރިއަށްދާ އިރު، މުމްބާއީ ފުލުހުން ވަނީ ސުޝާންތުގެ ޕޯސްޓްމޯޓަމް ބިނާކޮށް އެކްޓަރު މަރުވީ ދަންޖެހިގެން ކަމަށް ކުރިން ބުނެފަ އެވެ. އެކަމަކު ސުޝާންތު ދަންޖެހިގެން މަރުވާނެކަމާ ދޭތެރޭ ސުވާލު އުފައްދާ މީހުން ވެސް ގިނަ އެވެ. އަދި އެ މަރުގެ ފަހަތުގައި އެތައް ކަމެއް ހިނގާފައިވާ ކަމަށް ގަބޫލުކުރާ މީހުން މަދެއް ނޫނެވެ.

މިކަމަށް އިތުރު ބާރެއް ލިބުނީ ސީދާ ފުރަތަމަ ފަހަރަށް ސުޝާންތުގެ މަރުގެ މައްސަލަ ތަހުގީގުކޮށްދޭން، ބިހާރުގެ ޕަޓްނާގައި ދިރިއުޅޭ އޭނާގެ އާއިލާގެ މީހުން އަންގާރަ ދުވަހު ފުލުހުންނަށް ހުށަހެޅުމާ އެކީގަ އެވެ. ސުޝާންތުގެ ބައްޕަ އިސްކޮށް ހުރެގެން ހުށަހެޅި އެ މައްސަލާގައި ރިއާގެ މައްޗަށް އެތައް ތުހުމަތެއްކޮށްފައިވެ އެވެ. އޭގެ ތެރޭގައި މާލީ ގޮތުންނާއި ނަފުސާނީ ގޮތުން ޕްރެޝަރުކޮށް، ސުޝާންތު ހާޖާނުގަނޑެއްގެ ތެރެއަށް ވައްޓާލައިގެން އުޅުނު ކަމަށް ބުނެފައިވުމާއި ސުޝާންތުގެ ފައިސާ އިން އެތައް މުއާމަލާތެއް ރިއާ އާއި އޭނާގެ އާއިލާގެ މީހުން ހިންގާފައިވާ ކަމަށް ބުނުމާއި މުމްބާއީގައި ސުޝާންތު ދިރިއުޅުނު އެޕާޓްމަންޓްގެ މުވައްޒަފުންތަކެއް ރިއާ ބަދަލުކުރުން ފަދަ ކަންކަން ހިމެނެ އެވެ. އަދި އެ އެޕާޓްމަންޓްގައި ރޫހާނީ ކަންތައްތަކެއް އުޅޭ ކަމަށް ބުނެ އެތަނުން ސުޝާންތު އެހެން ތަނަކަށް ބަދަލުކުރަން ވެސް ރިއާ މަސައްކަތްކޮށްފައިވާ ކަަމަށާއި އޭގެ ބޭނުމަކި އެތަނުގައި ސުޝާންތާ މެދު އަމަލުކުރި ގޮތް ފޮރުވުން ކަމަށް ވެސް ތުހުމަތުކޮށްފައިވެ އެވެ.

ސުޝާންތުގެ އާއިލާ އިން ހުށަހެޅި މައްސަލަ ކުރުކޮށް، ތިލަކޮށް ސިފަކޮށްދޭ ނަމަ އާއިލާ އިން ބުނާ ގޮތުގައި "ރިއާ ވަނީ އޭނާގެ މުށުތެރޭގައި ސުޝާންތު ބަނދެފަ" އެވެ. އަދި އޭނާގެ މުޅި ދިރިއުޅުން އެންމެ ފަހު ވަގުތާ ހަމައަށް ވެސް ކޮންޓްރޯލްކުރީ ރިއާ އެވެ. މި ވާހަކަ ސުޝާންތުގެ އޭނާގެ ބައެއް މީހުންގެ ގާތުގައި ވެސް ކުރިން ދައްކާފައިވާ ކަމަށްވެ އެވެ. އެގޮތުން ކުރިން އޭނާ ލޯބީގެ ގޮތުން ގުޅިގެން އުޅުނު އަންކިތާ ލޯކަންދޭ ގާތު ރިއާއާ ބެހޭ ގޮތުން ދެއްކި ވާހަކަތަކުގެ ތެރޭގައި "ވަރަށް އުނދަގޫ ހާސްކަން ބޮޑު ގުޅުމެއްގެ ތެރޭގައި އުޅެންޖެހިފައިވާ" ކަމަށް ބުނެފައިވާ ކަމަށްވެ އެވެ. މުމްބާއީ ފުލުހުން ކުރިއަށް ގެންދާ ތަހުގީގަށް ބަޔާން ދިން މީހުންގެ ތެރޭގައި އަންކިތާ ވެސް ހިމެނެ އެވެ. އަދި އެކަމާ ގުޅުވައިގެން އޭނާ އިންސްޓަގްރާމްގައި އާންމުކުރި ޕޯސްޓެއްގައި ވެސް ސުޝާންތުގެ މަރުގައި ސިއްރު ކަންތައްތަކެއް ހިނގާފައިވާ ކަމަށް ދޭހަވާ ކަހަކަ އިބާރާތްތަކެއް ބޭނުންކޮށްފައިވެ އެވެ.

މިފަދަ ސަބަބުތަކާ ހެދި ރިއާ އަށް މި މަރުގެ މައްސަލާގައި ތުހުމަތުގެ އިނގިލި މިހާރު މާ ބޮޑަށް ދިއްކުރެވޭ އެއް ސަބަބަކީ އެ މަރުގެ ތަހުގީގަށް އޭނާ ނުފޫޒު ފޯރުވަން އުޅޭ ކަމަށް ބުނާތީ އެވެ. އޭނާ ވަނީ މުމްބާއީ ފުލުހުންނަށް މައްސަލަ އެކަށީގެންވާ ގޮތަށް ނުބެލޭނެ ކަމަށާއި އެ މީހުންނަށް އިތުބާރު ވެސް ނުކުރެވޭ ކަމަށް ބުނެ މައްސަލަ ތަހުގީގުކުރަން ސެންޓްރަލް ބިއުރޯ ފޯ އިންވެސްޓިގޭޝަން (ސީބީއައި) ގައި ވެސް އެދިފަ އެވެ. އެކަމަކު މިހާރު ސުޝާންތުގެ އާއިލާ އިން ޕަޓްނާ ފުލުހުންނަށް މައްސަލަ ރިޕޯޓްކުރުމުން ބުދަ ދުވަހު ރިއާ ވަނީ އެ މައްސަލައިގެ މުޅި ތަހުގީގު މުމްބާއީގެ ފުލުހުން ކުރިއަށް ގެންދެވޭނެ ގޮތެއް ހަމަޖައްސައިދޭން ސުޕްރީމް ކޯޓްގައި އެދިފަ އެވެ.

މިކަމަށް އިޝާރާތްކުރައްވައި ސުޝާންތުގެ އާއިލާގެ ވަކީލު ވިކާސް ސިންގް އެންޑީޓީވީ އަށް ވިދާޅުވީ ސުޝާންތުގެ މަރުގެ ޒިންމާ ރިއާ ނަގަން ނުޖެހޭނެ ގޮތެއް ނޯންނާނެ ކަމަށެވެ. އަދި ކުރިން މުމްބާއީ ފުލުހުންނަށް އިތުބާރު ނުކުރި މީހަކު މިހާރު ޕަޓްނާގެ ފުލުހުން މަރުގެ ތަހުގީގު ހިންގަން ފެށުމުން އެ ތަހުގީގު މުމްބާއީގެ ފުލުހުން ކުރިއަށް ގެންދަން އެދި ހުށަހެޅުމުން ވެސް ސުވާލުތައް އިތުރަށް އުފެދޭ ކަމަށް ވިދާޅުވި އެވެ.

ވިކާސް ވަނީ ބިހާރުގެ ފުލުހުންނާ މުޅި ތަހުގީގު ހަވާލުކުރަން ގޮވާލައިފަ އެވެ. އޭނާ ވިދާޅުވީ މުމްބާއީ ފުލުހުން މިހާތަނަށް ސުޝާންތުގެ މަރާ ގުޅޭ ގޮތުން ނެގި ބަޔާންތަކާއި ހުރިހާ ލިޔެކިޔުންތަކެއް ވެސް ބިހާރު ފުލުހުންނާ ހަވާލުކުރަން ޖެހޭ ކަމަށެވެ.

"އެ ނޫން ގޮތަކަށް މި މަރުގެ ތަހުގީގު އިންސާފުވެރިކޮށެއް ނުދާނެ." އޭނާ ވިދާޅުވި އެވެ. "އަހަރެން ގަބޫލެއް ވެސް ނުކުރަން މުމްބާއީ ފުލުހުން މަރުގެ މައްސަލާގައި ތަހުގީގެއް ކުރާ ކަމަކަށް ވެސް. ސަބަބަކީ މަރު ތަހުގީގުކޮށްދޭން އެއްވެސް ފަރާތަކުން އެ މީހުންނަށް ހުށަހަޅާފައި ވެސް ނުވާތީ. އެ މީހުން ކުރާ ކަމަކީ ސުޝާންތުގެ މަރާއި ނެޕޮޓިޒަމް ގުޅުވާތީ އެކަމާ ގުޅުން ހުރި މީސްމީހުންނާ ސުވާލުކުރުން."

ރިޕޯޓްތައް ބުނާ ގޮތުން ސުޝާންތުގެ މަރުގެ މައްސަލަ މިހާރު ކުރިއަށްދާ ގޮތުން ރިއާއަކަށް ދެން ސަލާމަތެއް ނުވެވޭނެ އެވެ. އެހެންވެ އޭނާ ފިލަން މަސައްކަތްކުރާ ކަމުގެ އަޑުތަކެއް ވެސް އަރާފައިވެ އެވެ. ރިއާގެ ދަންނަ ބައެއް މީހުންނާ ހަވާލާދީ ބައެއް މީޑިއާތަކުން ބުނީ އޭނާގެ ފޯނަށް ވެސް މިހާރު ނުގުޅޭ ކަމަށާއި މުމްބާއީގައި އޭނާ ދިރިއުޅެމުން ދިޔަ ގޭގައި ވެސް ރިއާ ނެތް ކަމަށެވެ. އަދި މި މައްސަލައިން ސަލާމަތްވުމަށްޓަކައި ވަކީލަކަށް ބޮޑު އަދަދަކުން ރިއާ ފައިސާދޭން ހުށަހަޅާފައިވާ ކަމުގެ އަޑުތަކެއް ވެސް އަރާފައިވެ އެވެ.

މަންޒަރު މިހާރު ސިފަވާ ގޮތުން ސުޝާންތުގެ މަރުގެ މައްސަލާގައި ރިއާ ގާނޫނީ ގޮޅިއަކަށް ފެތުމުގެ ފުރުސަތު ބޮޑު ކަމަށް އިންޑިއާގެ މީޑިއާ އިން ބުނެ އެވެ. ގިނަ ބަޔަކު މިހާރު ތިބީ މި މައްސަލަ ކުރިއަށްދާ ގޮތެއް ބަލާށެވެ. އަނެއްކޮޅުން މީޑިއާތަކުގެ ސަމާލުކަން ވެސް މި މައްސަލަ އަށް މިހާރު ވަނީ ބޮޑުވެފަ އެވެ.