ސަންޖޭ ދަތުގެ ބައްޔަކީ ފުއްޕާމޭގެ ކެންސަރު

މި ހަފުތާގެ ކުރީކޮޅު ފުއްޕާމޭގެ އިންފެކްޝަނެއް އުފެދިގެން ފަރުވާ ދިން ބޮލީވުޑްގެ އެކްޓަރު ސަންޖޭ ދަތަށް ފުއްޕޭމާގެ ކެންސަރު ޖެހިފައިވާ ކަމަށް ބުނެފި އެވެ.


އިންފެކްޝަނަށް ފަރުވާ ހޯދުމަށް ފަހު، ހޮސްޕިޓަލުން ހޯމަ ދުވަހު ދޫކޮށްުމުން ސަންޖޭ، 61، އަންގާރަ ދުވަހު ކުރި ޓްވީޓެއްގައި ވަނީ ސިއްހީ ފަރުވާއަށްޓަކައި މަސައްކަތްތަކުން ކުޑަ ބްރޭކެއް ނަގަން ނިންމާފައިވާ ކަމަށް ބުނެފަ އެވެ. އަދި އާއިލާ އާއި ރައްޓެހިން ތިބީ އޭނާއާ އެކުގައި ކަމަށްވާތީ ފޭނުން ވެސް ކަންބޮޑުނުވުމަށް އެދިފައިވެ އެވެ. އަދި އޭނާގެ ސިއްހަތާ ބެހޭ ގޮތުން އެކި ކަހަލަ ވާހަކަތައް ނުފެތުރުވުމަށް ވެސް އެދިފައިވެ އެވެ.

ނަމަވެސް މަޝްހޫރު ފިލްމު ކްރިޓިކް ކޯމަލް ނަހަޓާ ކުރި ޓްވީޓްތަކެއްގައި ބުނީ ސަންޖޭ އަށް ފުއްޕާމޭގެ ކެންސަރު ޖެހިފައިވާ ކަމަށެވެ. އަދި އަވަސް ޝިފާއަކަށް އެދޭ ކަމަށް ވެސް ބުނެފައިވެ އެވެ.

މީޑިއާތަކުން ބުނީ ސަންޖޭ މި ވަގުތު ހުރީ ކެންސަރުގެ ހަތަރު ވަނަ ސްޓޭޖްގައި ކަމަށާއި ވަރަށް އަވަހަށް ފަރުވާ އަށް އެމެރިކާ އަށް ފުރާނެ ކަމަށެވެ. ނަމަވެސް މިކަމާ ބެހޭ ގޮތުން ސަންޖޭ އާއި އޭނާގެ އާއިލާ އިން އެއްވެސް އެއްޗެއް ނުބުނެ އެވެ.

ސަންޖޭ ކުއްލިއަކަށް ބަލިވެފައި މި ވަނީ ޔާޝްރާޖް ފިލްމްސް (ވައިއާރްއެފް) ގެ ފިލްމު "ޝަމްޝޭރާ" ގެ ބާކީ ހުރި މަންޒަރުތަކުގެ ޝޫޓިން މި ހަފުތާގެ ތެރޭގައި ފަށަން ނިންމާފައި ވަނިކޮށެވެ. އަދި ސަންޖޭ މުހިއްމު ރޯލަކުން ފެނިގެންދާނެ އެ ސްޓޫޑިއޯގެ "ޕްރިތުވީރާޖް" ގެ ޝޫޓިން ވަނީ އަންނަ ނޮވެމްބަރުގައި އަލުން ފަށަން ތާވަލުކޮށްފަ އެވެ.

ސަންޖޭ ދެން އެންމެ އަވަހަށް ފެންނާނީ މި މަހުގެ 28 ގައި ޑިޒްނީ ޕްލަސް ހޮޓްސްޓާ އިން ޕްރިމިއާކުރާ "ސަޅަކް 2" އިންނެވެ. އޭނާގެ ކުރިއަށް ހުރި އިތުރު ފިލްމުތަކުގެ ތެރޭގައި "ބޫޖް: ދަ ޕްރައިޑް އޮފް އިންޑިއާ" އާއި "ތޯރްބާޒް" އަދި "ކޭޖީއެފް: ޗެޕްޓާ 2" ހިމެނެ އެވެ.

ސަންޖޭ އަށް ޕުއްމާގެ ކެންސަރު ޖެހުނު އިރު އޭނާގެ މަންމަ އަދި ކުރީގެ މަޝްހޫރު ބަތަލާ ނަރްގިސް އަކީ ވެސް ކެންސަރު ބަލީގައި މަރުވި މީހެކެވެ. ސަންޖޭ އަކީ ނަގްރިސް އާއި ކުރީގެ މަޝްހޫރު އެކްޓަރު ސުނިލް ދަތުގެ ކުދިންގެ ތެރެއިން ދޮށީ ދަރިފުޅެވެ. ދެން ތިބެނީ ދެ އަންހެން ކުދިންނެވެ. އެއީ ޕްރިޔާ ދަތު އާއި ކުރީގެ އެކްޓަރު ކުމާރް ގޯރަވްގެ އަންހެނުން ނަމްރަތާ ދަތެވެ.

މި ފަހުން ބޮލީވުޑުން ކެންސަރުގެ ޝިކާރައަކަށްވި ތަރިންގެ ތެރޭގައި މި އަހަރު މަރުވި ދެ އެކްޓަރުން ކަމަށްވާ ރިޝީ ކަޕޫރާއި އިރްފާން ޚާންގެ އިތުރުން ބަތަލާ ސޮނާލީ ބެންޑްރޭ އާއި ޑައިރެކްޓަރު ރާކޭޝް ރޯޝަން ހިމެނެ އެވެ.