ޑްރަގާ ގުޅުވައިގެން ކަންގަނާ ދެއްކީ ރިތިކްގެ ވާހަކަ؟

އެކްޓަރު ސުޝާންތު ސިންގް ރާޖްޕޫތުގެ މަރާ މަސްތުވާތަކެއްޗާ ގުޅުމެއްވާކަމުގެ އަޑުތަކެއް އަރާފައި ވަނިކޮށް، ބަތަލާ ކަންގަނާ ރަނާވަތު މަސްތުވާތަކެއްޗާއި ބޮލީވުޑްގެ ނުފޫޒު ގަދަ މީހުންނާ އަބަދު ވެސް ގުޅުން އޮންނަ ކަމަށް ބުނެ ވާހަކަ ދައްކައިފި އެވެ.


އޭނާ ކުރިން ވެސް އެތައް އިންޓަވިއުއެއްގައި އެ ވާހަކަ ދައްކާފައިވާ އިރު، ރިބަޕްލިކަން ޓީވީގެ ޗީފް އެޑިޓަރު އަރްނާބް ގޮސްވާމީ އަށް ދިން އިންޓަވިއުއެއްގައި ކަންގަނާ ވަނީ ބޮލީވުޑްގެ ބޮޑުންނާއި ޑްރަގާ ގާތް ގުޅުމެއް އޮންނަ ކަމަށާއި އޭގައި ނުޖެހޭ ބަޔަކު ވަރަށް މަދު ކަމަށް ބުނެފަ އެވެ.

މި ވާހަކައިގެ ތެރެއިން އޭނާ ވަނީ ރިތިކް ރޯޝަނަށް ނިސަބްތަވްތާ ވެސް ގޮތަށް ބައެއް ވާހަކަތައް ހިއްސާކޮށްފަ އެވެ. އެގޮތުން ސުޕަހީރޯއަކަށް ހެދިގެން އުޅޭ މަޝްހޫރު އެކްޓަރަކު ޑްރަގް ބޭނުންކޮށް، އޯވަޑޯޒްވެގެން އެއްފަހަރަކު ހޮސްޕިޓަލެއްގައި އެޑްމިޓްކުރި ކަމަށް ބުންޏެވެ. އަދި އެކަން އާއިލާ އާއި ރައްޓެހިންނާއި ދަންނަ ގާތް މީހުންގެ އިތުރުން ހޮސްޕިޓަލުން ވެސް ސިއްރުކޮށްފައިވާ ކަމަށް ކަންގަނާ ބުންޏެވެ.

އިންޓަވިއުގީއި ސީދާ ރިކްތިގެ ނަން ނުގެނަޔަސް ކަންގަނާގެ ވާހަކައިގައި ސުޕަހީރޯއެއްގެ ވާހަކަ އާއި މަޝްހޫރު އެކްޓަރެއް ކަމަށް ބުނުމަކީ ރިތިކަށް ރައްދުކޮށް ދެއްކި ވާހަކަތަކެއް ކަމަށް މީޑިއާތަކުން ދަނީ ބުނަމުންނެވެ. ފިލްމު "ކައިޓްސް" އާއި "ކްރިޝް 3" ގައި އެކީގައި މަސައްކަތްކުރި ކަންގަނާ އާއި ރިތިކަކީ ލޯބީގެ މައްސަލަގަނޑެއްގައި މޫނު ކެނޑި ބޮޑު ދެ ހަތަރުންނަށްވެފައިވާ ދެ ތަރިންނެވެ.

ކަންގަނާ ބުނިގޮތުގައި ބޮލިވުޑްގެ ޕާޓީތަކާއި އެ ނޫން ވެސް ގިނަ އިވެންޓްތަކަކީ އަބަދު ވެސް ރަލާއި މަސްތުވާތަކެތި ރަސްކަންކުރާ އިވެންޓްތަކެކެވެ. އަދި ނުފޫޒު ގަދަ ބައެއް ޑައިރެކްޓަރުންނާއި ޕްރޮޑިއުސަރުން އެ މީހުންގެ ބާރުގެ ދަށަށް ބައެއް ތަރިން ގެންނަން މަސްތުވާތަކެތި ދޭ ކަމަށް ވެސް ބުންޏެވެ.

މިދިޔަ އަހަރުގެ ތެރޭގައި ކަރަން ޖޯހަރްގެ ގޭގައި ބޭއްވި ޕާޓީއެއްގައި ބޮލީވުޑްގެ އޭ-ލިސްޓް ފަންނާނުންތަކެއް ބައިވެރިވާ މަންޒަރު ފެންނަ ވީޑިއޯއެއް ކަރަން ހިއްސާކުރި އިރު، އެ ވީޑިއޯ އިން ފެންނަ ތަރިން "ނައިސްވެފައި" ތިބޭ ކަހަލަ ގޮތަކަށް ފެންނާތީ، އެއީ ބޮއެގެން އެ މީހުން ތިބި ގޮތް ކަމަށް ބުނެ ވަރަށް ގިނަ ބައެއްގެ ފާޑުކިޔުންތައް ވެސް އަމާޒުވި އެވެ. ނަމަވެސް ކަރަން އެކަން ދޮގުކޮށްފައިވެ އެވެ.

ބޮލީވުޑާއި މަސްތުވާތަކެއްޗާ އޮންނަ ގުޅުން ޑައިރެކްޓަރު މަދޫރު ބަންޑާރަކް 2012 ގައި ގެނެސްދިން ފިލްމު "ހިރޮއިން" އިން ވެސް ފެނިގެންދެ އެވެ. ބޮލީވުޑްގެ އަނދިރި ފަރާތް ދައްކުވައިދިން އެ ފިލްމުގައި ކާމިޔާބީ އާއި މަޝްހޫރުކަން ހޯދަން ތަރިން ބޭނުންކުރާ ކުރުމަގުތައް ދައްކުވައި ދީފައިވެ އެވެ.

ބޮލީވުޑްގައި މިހާރު މަސްތުވާތަކެތީގެ ވާހަކަ ހޫނުވެފައިވާ އިރު، ޑައިރެކްޓަރު ވިވެކް އަގްނިހޯތުރީ ވެސް ވަނީ އެކަމަކީ އެންމެން ދަންނަ ބޮޑު ސިއްރެއް ކަމަށް ބުނެފަ އެވެ. އަދި ބޮލީވުޑް މާފިއާގެ ތެރޭގައި ޑްރަގް ލީޑަރުންނާ އޮންނަ ގުޅުމަކީ ޒަމާންވީ ކަމެއް ކަމަށާއި އެއީ އާ ކަމެއް ނޫން ކަމަށް ބުންޏެވެ.

ބޮލީވުޑާއި ޑްރަގާ އޮންނަ ގުޅުމާ ބެހޭ ގޮތުން ކަންގަނާ ވާހަކަ ދައްކާފައިވާ އިރު، ވަރަށް ފަހުން އޭނާ ދިން އިންޓަވިއުއްގައި ކެރިއަރުގެ ކުރީކޮޅު މަސްތުވާތަކެއްޗަށް ދެވިހިފައިގެން އުޅެން ޖެހުނު ކަމަށް ބުނެފައިވެ އެވެ. މަދޫރު 2008 ގައި ގެނެސްދިން ފިލްމު "ފެޝަން" ގައި ވެސް ކަންގަނާ ވަނީ މަސްތުވާތަކެއްޗާއި ރަލާ ހެދި ކެރިއަރު ހަލާކުވެގެންދާ ސުޕަމޮޑެލްއެއްގެ ރޯލް ކުޅެފަ އެވެ. އެ ރޯލް ކުޅެގެން އޭނާ އަށް އެންމެ މޮޅު ސަޕޯޓިން ބަތަލާގެ ނެޝަނަލް އެވޯޑް ވެސް ލިބުނެވެ.