މަލައިކާ.
07 ސެޕްޓެމްބަރ 2020 - 09:15
ބޮލީވުޑްގެ އެކްޓަރު އަރުޖުން ކަޕޫރް ކޮވިޑް-19 އަށް އިއްޔެ ޕޮޒިޓިވްވެފައި ވަނިކޮށް އޭނާގެ ލޯބިވެރިޔާ މަލައިކާ އަރޯރާ ވެސް އެ ބައްޔަށް ޕޮޒިޓިވްވެއްޖެ އެވެ.
މިކަން ކަށަވަރުކޮށް ދީފައި ވަނީ މަލައިލާގެ ކޮއްކޮ ކުރީގެ ބަތަލާ އަމްރިތާ އަރޯރާ އެވެ. ނަމަވެސް އިތުރު ތަފުސީލެއް ހާމައެއްނުކުރެ އެވެ. މަލައިކާ ކޮވިޑަށް ޕޮޒިޓިވްވި އިރު، އޭނާ ޖަޖެއްގެ ގޮތުގައި ބައިވެރިވާ ސޮނީ ޓީވީގެ ޑާންސް ޝޯ "އިންޑިއާސް ބެސްޓް ޑާންސާ" ގެ ކްރޫގެ ތެރެއިން އަށެއްކަ މެމްބަރުން މިދިޔަ ހަފުތާގައި ކޮވިޑަށް ޕޮޒިޓިވްވެފައިވާ ކަމަށް ވެސް މީޑިއާތަކުން ރިޕޯޓްކޮށްފައިވެ އެވެ.
"އިންޑިއާސް ބެސްޓް ޑާންސާ" އަކީ ކޮންމެ ހަފުތާއެއްގެ ހޮނިހިރާއި އާދީއްތަ ދުވަހުގެ ރޭ ރާއްޖެ ގަޑިން 7:30 ގައި ގެނެސްދޭ ޝޯއެކެވެ. އޭގެ ޖަޖުންގެ ޕެނަލުގައި މަލައިކާއާ އެކު ހިމެނެނީ ދެ ކޮރިއޮގްރާފަރުން ކަމަށްވާ ޓެރެންސް ލުވިސް އާއި ގީތާ ކަޕޫރެވެ.
މަލައިކާ ކޮވިޑަށް ޕޮޒިޓިވްވުމާ ގުޅިގެން ޝޯގެ ކުރިއަށް ހުރި އެޕިސޯޑްތަކުން އޭނާ ފެންނާނެކަމާ ދޭތެރޭ ވެސް މިހާރު ވަނީ ސުވާލު އުފެދިފަ އެވެ.
އަރުޖުން، 34، އާ 2018 ގައި ލޯބީގެ ގޮތުން ގުޅުނު މަލައިކާ، 46، އަކީ ސަލްމާން ޚާންގެ ކޮއްކޮ އަރްބާޒް ޚާންގެ ކުރީގެ އަންހެނުންނެވެ. އެ ދެ މީހުންގެ ކައިވެނި ރޫޅައިލި އިރު ފިރިހެން ދަރިއަކު ވެސް ލިބިފައިވެ އެވެ. އެއީ މިހާރު 17 އަހަރުގެ އަރްހާން ޚާނެވެ.
އެންމެ ޒުވާން އުމުރުގައި މޮޑެލްކުރި މަލައިކާ އަކީ ބޮލީވުޑްގައި އައިޓަމް ގާލްއެއްގެ ގޮތުން މަޝްހޫރު ފަންނާނެކެވެ. އޭނާގެ މަޝްހޫރު އައިޓަމް ލަވަތަކުގެ ތެރޭގައި "ޗައްޔާ ޗައްޔާ" އާއި "މުންނީ ބަދުނާމް" އަދި "އަނާރުކަލީ ޑިސްކޯ ޗަލީ" ފަދަ ލަވަތައް ހިމެނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ރަބަރު
07 September 2020
އަވަސް ޝިފާއަކަށް އެދެން. ސޮނީ ޓީވީ އިން ގެނަސްދޭ ޑާންސް ޝޯތައް ކަމަށްވާ އިންޑިއާސް ބެސްޓް ޑާންސަރ އާއި ސުޕަރ ސްޓާރ ޑާންސަރ އަކީ މަށަށް ވަރަށް ފޫހި ޝޯތަކެވެ.