12 ސެޕްޓެމްބަރ 2020 - 06:53
ބޮލީވުޑްގެ ކުރީގެ ބަތަލާ ކަރިޝްމާ ކަޕޫރް ޕްރޮޑިއުސަރަކަށް ވާން ނިންމައި، އެކަމާ ގުޅޭ ތައްޔާރީތައް ވަމުން އަންނަ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
ފިލްމީ ޚަބަރުތައް ގެނެސްދޭ ނޫސްތަކުން ބުނި ގޮތުގައި 90ގެ އަހަރުތަކުގައި އެންމެ ވިދައިލި ބަތަލާއިންގެ ތެރޭގައި ހިމެނުނު ކަރިޝްމާ، 46، ޕްރޮޑިއުސްކުރަން ނިންމާފައި ވަނީ ޑިޖިޓަލް ޕްލެޓްފޯމްތަކަށް ހާއްސަ ކޮންޓެންޓްތަކެވެ. އަދި މިކަން ކުރިއަށް ގެންދާނީ އާއިލާގެ ވެސް އެހީތެރިކަމާ އެކީގައި ކަމަށާއި ކަރިޝްމާއާ އެކު ކޮއްކޮ ކަރީނާ ކަޕޫރް ކޯ-ޕްރޮޑިއުސަރެއްގެ ގޮތުގައި ބައިވެރިވާނެ ކަމަށް ބުންޏެވެ.
ނަމަވެސް މިކަމާ ބެހޭ ގޮތުން ރަސްމީކޮށް އަދި އެއްވެސް ވާހަކައެއް ކަރިޝްމާ ހިއްސާކޮށްފައެއް ނުވެ އެވެ. ކަރީނާ ވެސް ހިއްސާވާ ގޮތަށް ކޮންޓެންޓްތައް ގެނެސްދޭން ނިންމުމަކީ އެހާ އުނދަގޫ ކަމަކަށް ނުވާނެ އެވެ. ސަބަބަކީ ކަރީނާގެ ފިރިމީހާ ސައިފް އަލީ ޚާނަކީ ވެސް ޕްރޮޑިއުސަރަކަށްވުމެވެ.
ކުރިން އިލޫމިނަތީ ފިލްމްސްގެ ނަމުގައި ކުންފުންޏެއް ހަދައި އޭގެ ދަށުން ކާމިޔާބު ފިލްމުތަކެއް ގެނެސްދިން ސައިފް އަލަށް އުފެއްދި ކުންފުންޏަކީ މިދިޔަ އަހަރު ލޯންޗްކުރި ބްލެކްނައިޓް ފިލްމްސް އެވެ. އެތަނުން ގެނެސްދިން ފުރަތަމަ ފިލްމަކީ މި އަހަރުގެ ޖެނުއަރީގައި ރިލީޒްކުރި "ޖަވާނި ޖާނެމަން" އެވެ.
ކަރިޝްމާ ޕްރޮޑިއުސަރަކަށްވާން ނިންމާފައިވާ ކަމަށް އަޑު ފެތުރިފައި ވަނީ ވަރަށް ފަހުން ދިން އިންޓަވިއުއެއްގައި ފިލްމަކަށް ވެސް ސޮއިކުރިކަމުގެ އިޝާރާތެއް ދީފައި ވަނިކޮށެވެ. ކަރިޝްމާ އެންމެ ފަހުން ފެނިފައި ވަނީ މި އަހަރުގެ ކުރީކޮޅު އެކްތާ ކަޕޫރްގެ ޑިޖިޓަލް ޕްލެޓްފޯމް އޯލްޓް ބަލާޖީން ގެނެސްދިން ވެބް ސީރީޒް "މެންޓަލްހުޑް" އިންނެވެ.
ދެ ކުދިންގެ މަންމަ ކަރިޝްމާ އެންމެ ފަހުން ކުޅުނު ފިލްމަކީ 2012 ގެ "ޑޭންޖަރަސް އިޝްގް" އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy