06 ޖޫން 2020 - 08:58
އަހަރުތަކެއް ފަހުން އަނެއްކާ ވެސް ފީޗާ ފިލްމަކަށް ސޮއިކުރިކަމުގެ އިޝާރާތެއް ބޮލީވުޑްގެ ކުރީގެ ބަތަލާ ކަރިޝްމާ ކަޕޫރް ދީފި އެވެ.
ފިލްމުފެއާ އަށް ދިން އިންޓަވިއުއެއްގައި، ދެ ދަރިން ވެސް ތިބި 45 އަހަރުގެ ބަތަލާ ބުނީ ކޮމެޑީ އަކީ ވަރަށް ގަޔާވާ ޖޯންރާއެއް ކަމަށާއި އެ ކަހަލަ ފިލްމެއްގެ ވާހަކަ ދެކެވިފައި އެބަ އޮތް ކަމަށެވެ. އެކަމަކު މި ވަގުތު އަމިއްލަ އަށް އެ އެ ފިލްމުގެ އެއްވެސް ވާހަކައެއް ދައްކަން ބޭނުން ނުވާ ކަމަށް ބުންޏެވެ.
"ހިނގާ ޕްރޮޑިއުސަރުން އެ ޕްރޮޖެކްޓް އިއުލާންކުރަންދެން މަޑުކުރަމާ،" ކަރިޝްމާ ބުންޏެވެ.
އޭނާ ބުނިގޮތުގައި ދެ ކުދިން ވެސް މިހާރު އަމިއްލަ އަށް ކަންކަން ކުރެވޭ އުމުރަށް އަޅާފައި ތިބުމުން އަމިއްލަ ކެރިއަރައިގެން ކުރިއަށް ދިއުމުގެ ވިސްނުން ބޮޑެވެ. އެހެންވެ އަލުން އެކްޓްކުރަން ބޭނުންވާ ކަމަށް ބުންޏެވެ.
"އެކަމަކު ކޮންމެ ކޮންމެ އެއްޗެއް ނުކުޅެނޭނަން. އަހަންނަކީ ކުރިން ވެސް ވަރަށް ޗޫޒީ މީހެއް. ދެން ވެސް އެކަން އޮންނާނީ ހަމަ އެހެން." ބެލުންތެރިންގެ ލޯބި ވަރަށް ބޮޑަށް ހޯދި ބަތަލާ ބުންޏެވެ.
ކާމިޔާބު އެތައް ފިލްމެއް ކުޅެފައިވާ ކަރިޝްމާ ފިލްމު ކުޅުން ހުއްޓައިލީ 2003 ގައި ކައިވެނިކުރުމާ އެކީގަ އެވެ. އެކަމަކު ދެ ކުދިން ވެސް ލިބިފައި ވަނިކޮށް ކައިވެނީގައި ކުނިޖެހި ނިއު ދިއްލީގެ ވިޔަފާވެރިޔާ ސަންޖޭ ކަޕޫރާއި ކަރިޝްމާ ގުޅުން ކުރިއަށް ގެންދެވޭނެ ގޮތެއް ނެތުމުން ކަރިޝްމާ ވަނީ ދިއްލީ ދޫކޮށް 2012 ގައި އަލުން މުމްބާއީ އަށް ބަދަލުވެފަ އެވެ. ކަރިޝްމާ އާއި ސަންޖޭ އަށް ލިބުނު ދަރިންނަކީ ސަމައިރާ ކަޕޫރް، 15، އާއި ކިއާން ރާޖް ކަޕޫރް، 10، އެވެ.
ދެހާސް ބާރައިގައި މުމްބާއީ އަށް ބަދަލުވުމަށް ފަހު ހަމަ އެ އަހަރު ވިކްރަމް ބަޓް ގެނެސްދިން "ޑޭންޖަރަސް އިޝްގް" އިން ކަރިޝްމާ ބޮޑު ސްކްރީނަށް އެނބުރި އައެވެ. ނަމަވެސް އެ ފިލްމު ބެލުންތެރިންނަށް އެހާ ކަމުދިޔަ އެއްޗަކަށް ނުވުމުން އޭގެ ފަހުން، އޭނާ އެއްވެސް ފިލްމަކަށް ސޮއެއްނުކުރެ އެވެ.
ނަމަވެސް "ޑޭންޖަރަސް އިޝްގް" އަށް ފަހު ކަރިޝްމާ ވަނީ އަނެއްކާ ވެސް އެކްޓިން އަށް ނުކުމެފަ އެވެ. އެގޮތުން އޭނާ ދެން ކުޅުނީ މިދިޔަ މަހު މާޗް މަހު އެކްތާ ކަޕޫރް ގެނެސްދިން ވެބް ސީރީޒް "މެންޓަލްހުޑް" އެވެ. އެ ސީރީޒަކީ އެކްތާގެ އޯލްޓް ބާލަޖީ އާއި ޒީ5 އިން ސްޓްރީމްކުރި އެއްޗެކެވެ.
ބޮޑު ސްކްރީނަށް އަލުން އަންނަ އުޅޭކަމުގެ އިޝާރާތެއް ބަތަލާ ކަރީނާ ކަޕޫރްގެ ދައްތަ ކަރިޝްމާ ދިން އިރު، އިންޓަވިއުގައި އޭނާ ބުނީ ކައިވެންޏަށް ފަހު ފިލްމީ ދާއިރާ ދޫކޮށްލަން ޖެހުމަކީ ދެރަވި ކަމެއް ނޫން ކަމަށެވެ. ސަބަބަކީ އޭރު ހާސިލުކުރަން ބޭނުންވި ހުރިހާ ކަމެއް ހާސިލުވެފައި އޮތުން ކަމަށް ބުންޏެވެ.
"އެހެންވެ ނެތް ރިގްރެޓްކުރާ އެއްވެސް ކަމެއް." ނެޝަނަލް އެވޯޑްގެ އިތުރުން ވެސް އެތައް އެވޯޑެއް ހޯދާފައިވާ ބަތަލާ ބުންޏެވެ. "އަހަރެންގެ ކެރިއަރުގެ ޕީކްގައި ރެއާއި ދުވާލު ވަރަށް ބުރަކޮށް މަސައްކަތްކޮށްފައި ވާނެ. އަދި ހާސިލުކުރަން ބޭނުންވި ހުރިހާ ކަމެއް އޮތީ ހާސިލުވެފައި."
ކަރިޝްމާ ކެރިއަރުގައި ކުޅުނު ފިލްމުތަކުގެ ތެރެއިން އެންމެ މަޝްހޫރުވި ފިލްމުތަކުގެ ތެރޭގައި "ދިލް ތޯ ޕާގަލް ހޭ"، "ރާޖާ ހިންދުސްތާނީ" އާއި "ފިޒާ"، "ޒުބައިދާ" އަދި "ބީވީ ނަމްބަރު 1" އާއި "ހީރޯ ނަމްބަރު 1" އަދި "ހަމް ސާތު ސާތު ހޭ" ފަދަ ފިލްމުތައް ހިމެނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ފޭންއެއް
06 June 2020
ކަރިޝްމާ ކެރިއަރ ހަލާކުވީ ސީރީއެސް ކުޅުމުން