ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް

ޒުވާން ދެ ތަރިން ކަމަށްވާ އަދިތިޔާ ރޯއި ކަޕޫރާއި ތާރާ ސުތާރިއާ "އޯމް" ކިޔާ ފިލްމަކަށް ސޮއިކޮށްފި އެވެ.


ބޮލީވުޑް ހަންގާމާ އިން ބުނި ގޮތުގައި ދެ ތަރިން ސޮއިކުރި ފިލްމަކީ "ބާގީ 2" އާއި "ބާގީ 3" ގެނެސްދިން ޑައިރެކްޓަރު/ކޮރިއޮގްރާފަރު އެހުމަދު ޚާންގެ އަމިއްލަ ޕްރޮޑަކްޝަން ހައުސް އިން އުފައްދާ ފިލްމެކެވެ. އަދި "އޯމް" ޑައިރެކްޓްކުރާނީ ބޮލީވުޑްގެ މަޝްހޫރު އެކްޝަން ޑައިރެކްޓަރު ޓީނޫ ވަރުމާގެ ފިރިހެން ދަރިފުޅެވެ.

ހަންގާމާ އިން ބުނި ގޮތުގައި ރޮމޭންޓިކް އެކްޝަން ފިލްމެއްގެ ގޮތުގައި ހަދާ "އޯމް" އަކީ އޮރިޖިނަލް ސްކްރީންޕްލޭއަކަށް ހަދާ ފިލްމެކެވެ. އަދި މީގެ ޝޫޓިން އަންނަ ނޮވެމްބަރު މަހުގެ ތެރޭގައި ފަށާނެ އެވެ. ފިލްމު ގެނެސްދޭން ނިންމާފައި ވަނީ ޒީ ސްޓޫޑިއޯސްއާ ގުޅިގެންނެވެ.

އެހުމަދު މި ވަގުތު އަންނަނީ ޓައިގާ ޝްރޮފާ އެކު "ހީރޯޕަންތީ 2" ގެ ޝޫޓިން ފެށުމަށް ތައްޔާރުވަމުންނެވެ.

އޭނާގެ ފިލްމު ކުންފުނިން ހަދާ "އޯމް" އިން އަދިތިޔާ އާއި ތާރާ އަށް ފުރުސަތު ލިބުނު އިރު، މި ދެ ތަރިންނަށް ކުރިން ވެސް އެކީގައި މަސައްކަތްކުރަން ފުރުސަތު ލިބުނެވެ. އެއީ ޑައިރެކްޓަރު މޯހިތު ސޫރީގެ "ދޯ ވިލަން" އިންނެވެ. ނަމަވެސް އަދިތިޔާ ފަހުން ވަނީ އެ ފިލްމު ދޫކޮށްލައިފަ އެވެ. އެހެންވެ "ދޯ ވިލަން" އިން ތާރާއާ އެކު ފެންނާނީ އަރުޖުން ކަޕޫރާއި ޑިޝާ ޕަޓާނީގެ އިތުރުން ޖޯން އަބްރަހަމެވެ.

"ކާލީ ޕީލީ" އިން އިތުރު ލަވައެއް

އަންނަ މަހުގެ 2 ގައި ޒީ ޕްލެކްސް އިން ޕްރިމިއާކުރާ ފިލްމު "ކާލީ ޕީލީ" ގެ އާ ލަވައެއް އަނެއްކާ ވެސް ދައްކާލައިފި އެވެ.

މަގުބޫލް ޚާން ޑައިރެކްޓްކޮށްފައިވާ މި ރޮމޭންޓިކް އެކްޝަން ފިލްމުގެ ލަވަތަކުގެ ތެރެއިން މި ފަހަރު ދައްކާލި ލަވަ އަކީ އިޝާން ޚައްތަރާއި އަނަންޔާ ޕާންޑޭގެ ނެށުންތަކެއް ފެނިގެންދާ ލަވައެކެވެ. "ތެހަސް ނެހަސް" ގެ ނަން ދީފައިވާ މި ލަވަ ކިޔާފައި ވަނީ ލަވައިގެ މިއުޒިކްގައި ހިއްސާވާ ޝޭކަރް ރަވްޖާނީ އާއި ޕްރަކްރިތީ ކައްކަރެވެ. ލަވައިގެ މިއުޒިކް ވިޝާލް-ޝޭކަރު ހަދާފައިވާ އިރު ޅެން ހެދީ ކުމާރެވެ.

"ކާލީ ޕީލީ" އަކީ ޑައިރެކްޓަރު އަލީ އައްބާސް ޒަފަރު ޕްރޮޑިއުސްކޮށް ގެނެސްދޭ ފުރަތަމަ ފިލްމެވެ.

"ސާންކީ" ގައި ވަރުން؟

ސާޖިދު ނަދިއަދުވާލާ ޕްރޮޑިއުސްކުރާ ފިލްމު "ސާންކީ" ގެ ބަތަލުގެ ރޯލް ވަރުން ދަވަނަށް ހުށަހަޅާފައިވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

މީޑިއާތަކުން ބުނި އެ ފިލްމުގެ ސްކްރީންޕްލޭ ލިޔަނީ "ދަ ޑާޓީ ޕިކްޗާ" އާއި "ވަންސް އަޕޮން އަ ޓައިމް އިން މުމްބާއީ" ފަދަ ފިލްމުތައް ލިޔުނު ރަޖަތު އަރޯރާ ކަމަށާއި ސްކްރިޕްޓް ކިޔައި ދިނުމާ އެކު ވަރުން ފިލްމަށް އެއްބަސްވެފައިވާ ކަމަށެވެ. "ސާންކީ" ގައި ވަރުން ފެންނާނެ ކަމަށް ބެލެވެނީ އިންޑިއާގެ އެއާފޯސްގެ އޮފިސަރެއްގެ ރޯލުންނެވެ.

ޒުވާން އެކްޓަރު ކުރިން ވެސް ވަނީ ސާޖިދު ޕްރޮޑިއުސްކުރި ފިލްމުތަކެއް ކުޅެފަ އެވެ. އެއީ "ޖުޅުވާ 2" އާއި "ޑިޝޫމް" އެވެ.

"ސާންކީ" ގެ ނަމުގައި ސާޖިދު ފިލްމެއް ހަދާ އިރު، އެ ނަން ހޯދަން ޝާހްރުކް ޚާން މަސައްކަތްކޮށްފައިވާ ކަމަށްވެ އެވެ. އެއީ ތަމަޅަ ޑައިރެކްޓަރު "އެޓްލީ" އާ އެކު ޝާހްރުކް މަސައްކަތްކުރަން އުޅޭ ކަމަށް ބުނާ ފިލްމަށެވެ.

ޝިޝާންކްގެ ފިލްމެއް ޝާހިދަށް؟

"ދަޅަކް" އާއި "ހަމްޓީ ޝަރުމާ ކީ ދުލްހަނިޔާ" ފަދަ ފިލްމުތައް ގެނެސްދިން ޑައިރެކްޓަރު ޝަޝަންކް ކައިތާންގެ ފިލްމެއް ޝާހިދު ކަޕޫރަށް ހުށަހަޅާފައިވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

ޕިންކްވިލާ އިން ބުނިގޮތުގައި މި ފިލްމަކީ "ޔޯދާ" ގެ ނަމުގައި ކަރަން ޖޯހަރްގެ ދަރުމާ ޕްރޮޑަކްޝަނުން ހަދާ އެކްޝަން ފިލްމެކެވެ. އަދި ޝާހިދު ފިލްމަށް އެއްބަސްވާން ނިންމާފައިވާތީ އޭނާ މިހާރު ޝޫޓިން ފަށާފައި އޮތް "ޖާޒީ" ގެ މަސައްކަތް ނިންމުމަށް ފަހު ޝިޝާންކްގެ ފިލްމުގެ ޝޫޓިން ފަށާނެ ކަމަށް ބުންޏެވެ. ޕިންކްވިލާ އިން ބުނީ ޝިޝާންކް ޑައިރެކްޓްކުރާ ހަތަރު ވަނަ ފިލްމު ދަރުމާ އިން ވަރަށް އަވަހަށް އިއުލާން ވެސް ކުރާނެ ކަމަށެވެ.

ޝާހިދާ އެކު ޝިޝާންކް ފިލްމެއް ހަދަން އުޅޭ ވާހަކަ ތިލަވެފައި ވަނީ ވަރުން ދަވަނާ އެކު ހަދަން ނިންމި ކޮމެޑީ ފިލްމު "މިސްޓަ ލޭލޭ" މި އަހަރުގެ ކުރީކޮޅު އިއުލާންކުރުމަށް ފަހު، ފަހުން މުއްދަތެއް ނެތް ގޮތަށް އެ ފަސްކޮށްފައި ވަނިކޮށެވެ.

މިދިޔަ އަހަރު "ކަބީރް ސިންގް" ކުޅުނު ޝާހިދަށް ދާދި ފަހުން ވަނީ ނެޓްފިލްސް އިން ހަދާ ބޮޑު ފިލްމެއް ވެސް ހުށަހަޅައިފަ އެވެ. އެ ފިލްމަކީ ރާއްޖެ އަށް ނޮވެމްބަރު 3، 1988 ގައި ދިން އުދުވާނީ ހަމަލައާ ގުޅިގެން އިންޑިއާ އިން އެހީވާން ކުރިއަށް ގެންދިޔަ "އޮޕަރޭޝަން ކެކްޓަސް" އަށް ބިނާކޮށް ހަދާ ފިލްމެކެވެ.