ރިއާ.
22 ސެޕްޓެމްބަރ 2020 - 18:09
އެކްޓަރު ސުޝާންތު ސިންގް ރާޖްޕޫތު މަރުވި މައްސަލައިގެ ތަހުގީގުގެ ތެރެއިން މަސްތުވާތަކެއްޗާ ގުޅުން ހުރި ތުހުމަތުތަކެއްގައި ހައްޔަރުކުރި ބަތަލާ ރިއާ ޗަކްރަބަތީގެ ބަންދުގެ މުއްދަތު މިއަދު ހަމަވުމާ ގުޅިގެން، އެ މުއްދަތު އަންނަ މަހުގެ 6 އަށް އިތުރުކޮށްފި އެވެ.
މީޑިއާތަކުން ބުނި ގޮތުގައި މުމްބާއީ ހައި ކޯޓުން 27 އަހަރުގެ ބަތަލާގެ ބަންދު އިތުރުކުރީ ގާނޫނީ ޓީމުން ކަފާލާތުގެ ދަށުން ރިއާ ދޫކޮށްލުމަށް ކޯޓަށް ހުށަހެޅި މައްސަލަ ވެސް ބޭރުކޮށްލުމަށް ފަހު އެވެ. ކޯޓާ ހަވާލާދީ އިންޑިއާގެ މީޑިއާތަކުން ބުނީ ކަފާލާތު ގަބޫލުނުކޮށް، ބަންދުގެ މުއްދަތު އިތުރުކުރީ ރިއާ ދޫކޮށްލައިފި ނަމަ މައްސަލައާ ގުޅުން ހުރި ހެކިތައް ނައްތައިލަން މަސައްކަތްކޮށްފާނެ ކަމަށް ބަލައިފަ އެވެ.
ނަމަވެސް ގާނޫނީ ޓީމުން ރިއާގެ ކަފާލާތުގެ މައްސަލަ އަލުން ކޯޓަށް ހުށަހަޅަން ނިންމާފައިވާ ކަމަށް ބުންޏެވެ.
މި މަހުގެ 8 ވަނަ ދުވަހު ރިއާ ހައްޔަރުކުރީ ސުޝާންތަށް މަސްތުވާތަކެތި ހޯދައި ދީ، އެ ފަދަ މުއާމަލާތްތައް ކުރާ ބަޔަކާ ގުޅުން އޮތް ކަމުގެ ހެކިތަކެއް ލިބުމާ ގުޅިގެންނެވެ. ނާކޮޓިކްސް ކޮންޓްރޯލް ބިއުރޯ (އެންސީބީ) އަށް ރިއާ ދިން ބަޔާންތަކުގައި ވެސް ސުޝާންތަށް މަސްތުވާތަކެތި ހޯދައިދީ، އަދި އެކްޓަރުގެ މަޖުބޫރުން އަމިއްލަ އަށް ވެސް މަސްތުވާތަކެތި ބޭނުންކުރި ކަމަށް އިއުތިރާފުވެފައިވެ އެވެ. ރިއާ ބުނެފައިވާ ގޮތުގައި ސުޝާންތަކީ މެރުއާނާ އެޑިކްޓްވެފައިވާ މީހެކެވެ. އަދި ސުޝާންތުގެ މަރާއި އޭނާއާ އެއްވެސް ގުޅުމެއް ނެތް ކަމަށާއި ކޮށްދިން ހާ ވެސް ކަމަކީ ލޯބިވެރިޔާގެ ހައިސިއްޔަތުން ސުޝާންތަށް ބޭނުންވާ ގޮތަށް މަސްތުވާތަކެތި ހޯދައި ދިނުން ކަމަށް ބުނެފައިވެ އެވެ.
ސުޝާންތު މަރުވީ ޖޫން މަހުގެ 14 ގަ އެވެ. އޭރު މުމްބާއީގެ ފުލުހުން ޕޯސްޓްމޯޓަމް ރިޕޯޓާ ހަވާލާދީ ބުނީ 34 އަހަރުގެ އެކްޓަރު މަރުވީ ދަންޖެހިގެން ކަމަށެވެ.
ސުޝާންތުގެ މަރުގެ ތަހުގީގުގެ ތެރެއިން މަސްތުވާތަކެތީގެ ތުހުމަތުތަކެއްގައި ރިއާ ހައްޔަރުކުރުމާ އެކު، ބޮލީވުޑްގައި މިހާރު ވަނީ މަސްތުވާތަކެއްޗާ ގުޅުން ހުރި ގިނަ މައްސަލަތަކެއް ފެންމަތިވެފަ އެވެ. ރިއާ އެންސީބީ އަށް ދިން ބަޔާނުގައި ވެސް ވަނީ ބޮލީވުޑްގެ ވަރަށް ގިނަ ބަޔަކު މަސްތުވާތަކެތި ބޭނުންކޮށް، އެ ޓްރެފިކް ކުރާ ކަމަށް ބުނެފަ އެވެ. މިކަމާ ގުޅިގެން އެންސީބީން މިހާރު ވަނީ ރިއާ ދިން ލިސްޓްގައި ހިމެނޭ ފަންނާނުންނާ ސުވާލުކުރަން ނިންމައިފަ އެވެ.
ސުޝާންތުގެ މަރުގެ މައްސަލާގައި ހައްޔަރުކޮށްފައިވާ މީހުންގެ އަދަދު މިހާރު 20 އާ ގާތްކުރާ އިރު، އޭގެ ތެރޭގައި ރިއާގެ ކޮއްކޮ ޝޯވިކް ޗަކްރަބަތީ، 24، ވެސް ހިމެނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އައްލާއި ބޭ
23 September 2020
މަސްތުވާ ތަކެތި ބޭނުން ކުރާ ބޮޑު ހާއްޔަކަށް ދޯ މިވަނީ
އަބްދުއްالله
23 September 2020
މަ ހީކުރީ މި ރިޔަލަކީ ދިވެއްސެއްކަމުގަ. ހާދަ ދިވެއްސަކާ ވައްތަރޭ. ނަންވެސް ހަމަ ސާފު ދިވެހި ނަމެއް.