މިއީ ފިލްމު ނަމަށް ބަދަލު ގެނައި ތިން ވަނަ ފަހަރު
އަޔޫޝް އާއި އަރްޕިތާއާ އެކު ސަލްމާން.
30 އޮކްޓޯބަރ 2020 - 08:15
ސަލްމާން ޚާނާއި އޭނާގެ ޅިޔަނު އާޔޫޝް ޝަރުމާ އެކީގައި ފެންނާނެ ކަމަށް ބުނާ ފިލްމުގެ ނަން އަނެއްކާ ވެސް ބަދަލުކޮށްފި އެވެ.
ދެހާސް އަށާރައިގައި ރިލީޒްކުރި ތެލެގޫ ފިލްމު "މުލްޝީ ޕެޓާން" އަސްލަކަށް ބަލައިގެން ހަދާ މި ފިލްމަށް އެންމެ ފުރަތަމަ ކިޔަން ނިންމި ނަމަކީ "ދަކް" އެވެ. ނަމަވެސް ފަހުން ވަނީ ނަން "ގަންސް އޮފް ނޯތު" އަށް ބަދަލުކޮށްފަ އެވެ.
ފިލްމީ ޚަބަރުތައް ގެނެސްދޭ ނޫސްތަކުން މިހާރު ބުނާގޮތުގައި އެ ފިލްމުގެ ނަމަކީ "އަންތިމް" އެވެ. އަދި ދާދި ފަހުން މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތާ ހިލާފަށް ފިލްމުގެ ރޯލަކުން ސަލްމާން ފެންނާނެ އެވެ. މި ފިލްމުގައި ސަލްމާން ކުރިން ފަގުޑި އެޅި ފުލުހެއްގެ ރޯލް ކުޅޭ ގޮތަށް އޮތް ނަމަވެސް ސްކްރިޕްޓަށް ފަހުން ގެނައި ބަދަލުތަކަކާ ގުޅިގެން ކެރެކްޓާއާ ދޭތެރޭ މާ ގަޔާވާ ނުވެގެން ފިލްމު ނުކުޅެން ނިންމާފައިވާ ކަމަށް މީޑިއާތަކުން ބުނެފައިވެ އެވެ. ނަމަވެސް ރިޕޯޓްތައް މިހާރު ބުނަނީ ސަލްމާން ބޭނުންވާ ކަހަލަ ބަދަލުތަކެއް އޭނާގެ ކެރެކްޓާ އަށް ގެނެސްފައިވާތީ އަލުން އެ ފިލްމު ކުޅެން ނިންމާފައިވާ ކަމަށެވެ.
"އަންތިމް" ޑައިރެކްޓްކުރާނީ ސަލްމާނާ އެކު ބައެއް ފިލްމުތަކުގައި އެކީގައި މަސައްކަތްކޮށްފައިވާ ގާތް އެކުވެރިޔާ އެކްޓަރު މަހޭޝް މަންޖްރޭކަރެވެ. ކުރިން މި ފިލްމު ޑައިރެކްޓްކުރާ ގޮތަށް އޮތީ އާޔޫޝްގެ އަލަތު ފިލްމު 2018 ގެ "ލަވްޔާތުރީ" ގެނެސްދިން އަބިރާޖް މިނަވާލާ އެވެ.
ބޮލީވުޑް ހަންގާމާ އިން ބުނިގޮތުގައި "އަންތިމް" ގެ ޝޫޓިން އަންނަ މަހުގެ 15 ގައި ފަށާނެ އެވެ. އެކަމަކު ފިލްމުގެ ބަތަލާއިންނަކީ ކޮބައި ކަމެއް އަދި ނޭނގެ އެވެ. ހަންގާމާ އިން ބުނިގޮތުގައި ޝޫޓިން ފަށާ ގޮތަށް އެއްވާނެއްގައި ކުރިއަށް ގެންގޮސް ނިންމައިލާ ގޮތަށް ރާވާފައިވާ އިރު "އަންތިމް" ގެ މަންޒަރުތައް ނަގާނީ މުމްބާއީ އާއި ކަޖްރަތުގަ އެވެ.
ސަލްމާންގެ ހަގު އަންހެން ކޮއްކޮ އަރްޕިތާ ޚާންގެ ފިރިމީހާ އާޔޫޝް "ލަވްޔާތުރީ" އަށް ފަހު ކުޅެން ފަށާފައި އޮތް ފިލްމަކީ ކެޓްރީނާ ކައިފްގެ ކޮއްކޮ އީޒަބެލްއާ އެކު ކުޅޭ "ކްވާތާ" އެވެ.
"އަންތިމް" ގެ ޝޫޓިން ފެށުމުގެ ތައްޔާރީތައް ވަމުން އަންނަ އިރު ސަލްމާން މިހާރު ވަނީ "ރާދޭ: އިންޑިއާސް މޯސްޓް ވޯންޓެޑް" ގެ ޝޫޓިން ވެސް އެއްކޮށް ނިންމާލައިފަ އެވެ. އޭނާ ދެން މަސައްކަތް ފަށަން ހުރި ފިލްމުތަކަކީ "ކަބީ އީދު ކަބީ ދިވާލީ" އާއި "ކިކް 2" ގެ އިތުރުން "ޓައިގާ" ފްރެންޗައިޒްގެ ތިން ވަނަ ފިލްމެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy