25 ސެޕްޓެމްބަރ 2020 - 08:12
ސަލްމާން ޚާންގެ ޅިޔަނު އާޔޫޝް ޝަރުމާއާ ކުޅެން އޮތް ފިލްމު "ގަންސް އޮފް ނޯތު" އިން ސަލްމާން ނުފެންނާނެ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
މި ފިލްމަކީ 2018 ގައި ރިލީޒްކުރި މަރާޓީ ގޭންގްސްޓާ ޑްރާމާ "މުލްޝީ ޕެޓާން" ގެ ރިމެކެއްގެ ގޮތުގައި ގެނެސްދޭން ނިންމި ފިލްމެކެވެ. ސަލްމާން ފިލްމުގެ ރޯލެއް ކުޅެން ނިންމުމަށް ފަހު، ނިންމުން ބަދަލުކުރީ ސްކްރިޕްޓްގެ ފައިނަލް ޑްރާފްޓް ކިޔައިލި އިރު، އެއަށް ގެނެސްފައި ހުރި ބަދަލުތަކާ ދޭތެރޭ ހިތްހަމަނުޖެހިގެންނެވެ. ކުރިން "ދަކް" ގެ ނަމުގައި ހަދަން ނިންމުމަށް ފަހު، ފަހުން "ގަންސް އޮފް ނޯތު" އަށް ނަން ބަދަލުކޮށްފައިވާ ފިލްމުގައި ސަލްމާން ކުޅޭ ގޮތަށް އޮތީ އެކްސްޓެންޑް ކެމިއޯއަކަށް ވިޔަސް، އާޔޫޝްގެ ކެރެކްޓާއާ ދާދި އެއްވަރުގެ ރޯލަކަށް ސަލްމާން ކުޅޭ ކެރެކްޓާ ފައްކާކުރި އެވެ. ނަމަވެސް ސްކްރިޕްޓަށް ގެނައި ބަދަލުގެ ތެރޭގައި އޮރިޖިނަލް ފިލްމުގައި ހުރި ފާޑުވެރިކަން "ގަންސް އޮފް ނޯތު" ގައި ނެތުމުން ސަލްމާން އެ ފިލްމު ނުކުޅެން ނިންމީ ކަމަށް މުމްބާއީ މިރާ އިން ބުންޏެވެ.
އެކަމަކު މި ފިލްމުގެ ޕްރޮޑިއުސަރެއްގެ ގޮތުގައި ސަލްމާން ހިއްސާވާނެ އެވެ. "މުލްޝީ ޕެޓާން" އަކީ އޭނާ އާއި ކޮއްކޮ ސުހައިލް ޚާން ރައިޓްސް ހޯދާފައި އޮތް ފިލްމެކެވެ.
މުމްބާއީ މިރާ އިން ބުނިގޮތުގައި "ގަންސް އޮފް ނޯތު" ގެ ޑައިރެކްޓަރު ވެސް މިހާރު ވަނީ ބަދަލުކޮށްފަ އެވެ. ކުރިން އެ ފިލްމު ޑައިރެކްޓްކުރާ ގޮތަށް އޮތީ އާޔޫޝް 2018 ގައި ބޮލީވުޑަށް ނުކުތް ފިލްމު "ލަވްޔާތުރީ" ގެ ޑައިރެކްޓަރު އަބިރާޖް މިނަވާލާ އެވެ. ނަމަވެސް ފިލްމު މިހާރު ވަނީ "މުލްޝީ ޕެޓާން" ގެ ރޯލެއް ވެސް ކުޅުނު ސަލްމާންގެ ގާތް އެކުވެރިޔާ މަހޭޝް މަންޖްރޭކަރާ ހަވާލުކޮށްފަ އެވެ.
ސަލްމާނާ އެކު "ވޯންޓެޑް" އާއި "ދަބަންގް" ސީރީޒްގައި ވެސް މަސައްކަތްކޮށްފައިވާ މަހޭޝް އަކީ ކުރިން ވެސް ފިލްމުތަކެއް ޑައިރެކްޓްކޮށްފައިވާ ފަންނާނެކެވެ. އޭގެ ތެރޭގައި ސަންޖޭ ދަތުގެ 1999 ގެ ފިލްމު "ވާސްތާވް" އާއި ތައްބޫގެ 2000 ވަނަ އަހަރުގެ ފިލްމު "އަސްތިތުވާ" ގެ އިތުރުން 2010 ގެ "ސިޓީ އޮފް ގޯލްޑް" ހިމެނެ އެވެ.
މުމްބާއީ މިރާ އިން ބުނި ގޮތުގައި "ގަންސް އޮފް ނޯތު" ގެ ޝޫޓިން އަންނަ ނޮވެމްބަރު މަހުގެ ތެރޭގައި ފެށުމަށް މިހާރު ތައްޔާރީތައް ވަމުން އަންނަ އިރު ބަތަލާއަކާއި އިތުރު ކާސްޓުން ހޯދުމުގެ މަސައްކަތް ވެސް މިހާރު އަންނަނީ ކުރަމުންނެވެ. ސަލްމާންގެ ހަގު އަންހެން ކޮއްކޮ އަރްޕިތާ ޚާނާ ކައިވެނިކޮށްގެން އުޅޭ އާޔޫޝްގެ ކުރިއަށް ހުރި ފިލްމުތަކުގެ ތެރޭގައި "ކްވާތާ" ވެސް ހިމެނެ އެވެ. އެ ފިލްމުގެ ބަތަލާ އަކީ ކެޓްރީނާ ކައިފްގެ ކޮއްކޮ އީޒަބެލް ކައިފެވެ.
ބެލުންތެރިންގެ ބޮޑު ތަރުހީބެއް ލިބުނު "މުލްޝީ ޕެޓާން" އަކީ ޕަރްވިން ތަރުދޭ ލިޔެ، ޑައިރެކްޓްކުރި ފިލްމެކެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy