20 އެޕްރީލް 2020 - 09:13
ސަލްމާން ޚާނާއި ޅިޔަނު އާޔޫޝް ޝަރުމާ އެކީގައި ފިލްމެއް ކުޅެން އުޅޭ ވާހަކަ ދެކޭވާތާ ދުވަސްތަކެއް ފަހުން، އެ ފިލްމުގެ ނަން ބައެއް މީޑިއާތަކުން ހިއްސާކޮށްފި އެވެ.
ދެހާސް އަށާރަ ވަނަ އަހަރު ރިލީޒްކުރި ކާމިޔާބު ތެލެގޫ ފިލްމު "މުލްޝީ ޕެޓާން" އަސްލަކަށް ބަލައިގެން ހަދާ ފިލްމުގެ ނަމަކީ "ދަކް" ކަމަށް ފިލްމީ ޚަބަރުތައް ގެނެސްދޭ ގިނަ ނޫސްތަކުން ބުންޏެވެ. ނަމަވެސް ރަސްމީކޮށް ސަލްމާން އަދި މިކަން ކަށަވަރެއް ނުކޮށްދެ އެވެ.
"މުލްޝީ ޕެޓާން" އަށް ހިންދީ ފިލްމެއް ހަދަން އޭގެ ރައިޓްސް ހޯދާފައި އޮންނަތާ މިހާރު ދޮޅު އަހަރުވެއްޖެ އެވެ.
ޕަރްވިން ތަރުދޭ ޑައިރެޓްކޮށްފައިވާ މި ފިލްމަކީ ދަނޑުވެރިކަން ކުރާ ބިންތަކެއް މާލީ ދަތިތަކާ ހެދި ވިއްކައިލުމާ ގުޅިގެން އާއިލާއެއްގެ ތެރޭގައި ހިނގާ ބޮޑެތި އަރާރުންތަކެއް ދައްކުވައިދޭ ކްރައިމް ތުރިލާއެކެވެ.
ރިޕޯޓްތައް ބުނާގޮތުން "ދަކް" ޑައިރެކްޓްކުރާނީ ސަލްމާން ޕްރޮޑިއުސްކޮށް، 2018 ގައި އާޔޫޝް ބޮލީވުޑަށް ތައާރަފުކުރި ފިލްމު "ލަވްޔާތުރީ" ޑައިރެކްޓްކުރި އަބިރާޖް މިނަވާލާ އެވެ. އަދި ފިލްމުގައި އާޔޫޝް ކުޅޭނީ ގޭންގްސްޓާރެއްގެ ރޯލެވެ. ސަލްމާން ފެނިގެންދާނީ ފަގުޑި އެޅި ފުލުހެއްގެ ރޯލުންނެވެ.
"ދަކް" ވެގެންދާނީ ހަގު އަންހެން ކޮއްކޮ އަރްޕިތާ ޚާންގެ ފިރިމީހާއާ އެކު ސަލްމާން ސްކްރީން ހިއްސާކުރާ ފުރަތަމަ ފިލްމަށެވެ. ނޫސްތަކުން ބުނާގޮތުގައި ސަލްމާން މަސައްކަތް ފަށާފައި އޮތް "ރާދޭ: އިންޑިއާސް މޯސްޓް ވޯންޓެޑް ބާއީ" އަށް ފަހު، އެންމެ އަވަހަށް ދެން ޝޫޓިން ފަށާނެ ފިލްމަކީ މި އެވެ.
ޕްރަބޫދޭވާ ޑައިރެކްޓްކުރާ "ރާދޭ" އަކީ އަންނަ މަހުގެ 22 ގައި ސިނަމާތަކަށް ގެންނަން ތާވަލުކޮށްފައި އޮތް ފިލްމެކެވެ. އެކަމަކު ކޮރޯނާވައިރަހާ ހެދި އިންޑިއާ ލޮކްޑައުންއެއްގެ އޮތުމުން ފިލްމުގެ މަސައްކަތް ކުރިއަށް ނުގެންދެވި ހުއްޓިފައިވުމާއި ސިނަމާތައް ބަންދުކޮށްފައިވުމާ އެކު އެ ތާރީހުގައި ފިލްމު ރިލީޒްވާނެ ކަމުގެ އެއްވެސް ޔަގީންކަމެއް ނެތެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy