އިމްރާން.
19 ނޮވެމްބަރ 2020 - 07:43
އެކްޓަރު އިމްރާން ޚާން ދެ ފިލްމު ނުކުޅޭނެ ކަމަށާއި އޭނާގެ އަމާޒު މިހާރު ހުރީ ޑައިރެކްޝަނާ ދިމާއަށް ކަމަށް އޭނާގެ އެކުވެރިޔާ އެކްޓަރު އަކްޝޭ އޮބެރޯއީ ބުނެފި އެވެ.
އެކްޓަރު ވިވެކް އޮބެރޯއީއާ ދެބެއިންގެ ދެދަރި އަކްޝޭ ނަވްބާރަތު ޓައިމްސް އަށް ދިން އިންޓަވިއުއެއްގައި ބުނީ އިމްރާން އެކްޓިން ކެރިއަރު މިހާރު އެއްކޮށް ދޫކޮށްލާފައިވާ ކަމަށާއި އޭނާ ދެން ދުވަހަކު ވެސް ފިލްމު ނުކުޅެން ނިންމާފައިވާ ކަމަށެވެ.
"އެކަމަކު ފިލްމީ ދާއިރާއަކުން އޭނާ ނުއެއް ގެއްލޭނެ. އިމްރާނަކީ ވަރަށް މޮޅު ލިޔުންތެރިއެއް. އަދި ކުރިން ވެސް އޭނާ އެންމެ ބޭނުންވީ ޑައިރެކްޝަނުން ކުރިއަށްދާން ކަމަށް ވާތީ އެ ދާއިރާއިން އޭނާ ފެންނާނެ،" އިސީ ލައިފް މޭ އާއި ލާލު ރަންގް އަދި ޕިއްޒާ ފަދަ ފިލްމުތައް ކުޅުނު އަކްޝޭ ބުންޏެވެ. "އަހަންނަށް ޔަގީން އޭނަ ޑައިރެކްޝަނަށް ނުކުނެ ވަރަށް ރީތި، މޮޅު ފިލްމުތަކެއް ގެނެސްދޭނެ."
Imran Khan kuru film akaa eku annanee https://t.co/GiVmqnRjhq
— Adhushan (@Adhushan1) November 18, 2020
މީޑިއާއާ ވެސް ވަރަށް ދުރު އިމްރާނާ ބެހޭ ގޮތުން އަކްޝޭ ބުނީ އެ ދެ މީހުންގެ މެދުގައި އެކުވެރިކަން އޮންނަތާ މިހާރު 18 އަހަރަށް ވުރެ ގިނަ ދުވަސްވެދާނެ ކަމަށާއި ދެ މީހުން ކިޝޯރް އެކްޓިން ސްކޫލުން ކިޔެވީ ވެސް އެކީގައި ކަމަށެވެ.
"މިހާރު ވެސް ކޮންމެ ވަގުތަކު އަހަންނާ ބައްދަލުވެވޭ މީހެއް އިމްރާނަކީ. ރައްޓެއްސެއްގެ ހައިސިއްޔަތުން އަހަރެން ވަރަށް ރަނގަޅަށް އޭނަ ދަންނަން. އިމްރާނަކީ ވަރަށް ވިސްނުން ތޫނު ޒުވާނެއް،" އަކްޝޭ ބުންޏެވެ. "އޭނަ ކުރާ ކޮންމެ ކަމެއްގައި އަހަރެން އަބަދު ވެސް އެކީގައި ހުންނާނަން. ބޭނުމެއް ނޫން އެކުވެރިއެއްގެ ހައިސިއްޔަތުން އިމްރާނަށް އެއްވެސް ޕްރެޝަރެއް ކުރިމަތިކުރާކަށް."
Imran director akah vaan bodubeybe ge eheetherikan https://t.co/Rqu0cgankS
— Adhushan (@Adhushan1) November 18, 2020
އޭނާ ބުނި ގޮތުގައި އިމްރާން ވަރަށް އަވަހަށް ފިލްމެއް ޑައިރެކްޓްކުރާކަން އިއުލާން ވެސް ކުރާނެ އެވެ. އަދި އެ ވަގުތަށް އިންތިޒާރު ކުރެވޭ ކަމަށް ބުންޏެވެ. އާމިރު ޚާނަށް ބޮޑުބޭބެ ކިޔާ އިމްރާން، 37، އެކްޓިން އަށް ނުކުތީ 2007 ގެ "ޖާނޭ ތޫ...ޔާ ޖާނޭ ނާ" އިންނެވެ. އޭނާ އެންމެ ފަހުން ކުޅުނު ފިލްމަކީ 2015 ގެ "ކައްޓީ ބައްޓީ" އެވެ.
އިމްރާން ފީޗާ ފިލްމު ޑައިރެކްޝަނަށް ތައްޔާރުވަމުން އަންނަ އިރު 2018 ގައި ވަނީ "މިޝަން މާސް: ކީޕް ވޯކިން އިންޑިއާ" ގެ ނަމުގައި ކުރު ފިލްމެއް ޑައިރެކްޓްކޮށްފަ އެވެ. އެ ހެދީ ކަރަން ޖޯހަރްގެ ދަރުމާ ޕްރޮޑަކްޝަނާ ގުޅިގެންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy