19 ނޮވެމްބަރ 2020 - 07:48
ދެ ސީޒަނަކަށް ގެނެސްދިން ނެޓްފްލިކްސްގެ ވެބް ސީރީޒް "ސެކްރެޑް ގޭމްސް" އަށް ފަހު، އޭގެ ބަތަލު ސައިފް އަލީ ޚާން އަނެއްކާ ވެސް އެ ޕްލެޓްފޯމްގެ މަސައްކަތަކަށް ފެހި ސިގްނަލް ދީފި އެވެ.
މިކަމާ ބެހޭ ގޮތުން މީޑީއާއަކަށް ދިން އިންޓަވިއެއްގައި އޭނާ ބުނީ މި ފަހަރު ނެޓްފްލިކްސްއާ އެކު މަސައްކަތްކުރާނީ ފިލްމެއްގައި ކަމަށެވެ.
"އަހަރެން މިހާރު އޭގެ ސްކްރިޕްޓް ވެސް ކިޔައިފިން. ވަރަށް ވެސް ފުރިހަމަ. އަދި އޭގެ ޑައިރެކްޓަރާ ދޭތެރޭ ވަރަށް ހިތްހަމަޖެހިފައި މި ހުރީ،" ތަފުސީލަކަށް ނުގޮސް ސައިފް ބުންޏެވެ.
މި ވަގުތު ހިމާޗަލް ޕްރަދޭޝްގައި ހޮރޯ-ކޮމެޑީ "ބޫތު ޕޮލިސް" ގެ މަންޒަރުތައް ނަގަމުން އަންނަ އެކްޓަރު ބުނިގޮތުގައި އޭނާ މިހާރު އަންނަނީ ނެޓްފްލިކްސްގެ ފިލްމަށް ވަގުތު ހުސްކުރުމާ ދޭތެރޭ ގޮތެއް ނިންމަމުންނެވެ.
"ޑޭޓް ފައިނަލްކޮށްފައި އޭގެ މަސައްކަތަށް ވަގުތު ހުސްކުރާނަން." ސައިފް ބުންޏެވެ.
އޭނާ ސޮއިކޮށްފައި ހުރި ފިލްމުތަކުގެ ތެރޭގައި "އަދިޕުރުޝް" އާއި "ގޯ ގޯއާ ގޯން 2" ހިމެނެ އެވެ. ސައިފްގެ ދެ މަސައްކަތެއް ވަރަށް އަވަހަށް އާންމުންނާ ހަމައަށް އަންނާނެ އެވެ. އެއީ ޔާޝްރާޖް ފިލްމްސް (ވައިއާރްއެފް) ގެ "ބަންޓީ އޯރް ބަބްލީ 2" އާއި އަލީ އައްބާސް ޒަފަރު އެމެޒޯން ޕްރައިމް ވީޑިއޯ އިން ގެނެސްދޭ ވެބް ސީރީޒް "ދިއްލީ" އެވެ.
ސައިފްގެ ތިން ފިލްމެއް މި އަހަރު ރިލީޒްވެފައިވެ އެވެ. އެއީ "ތާނާޖީ: ދި އަންސަންގް ވޮރިއާ" އާއި "ޖަވާނި ޖާނެމަން" ގެ އިތުރުން "ދިލް ބޭޗާރާ" އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy