އަޖޭ ދޭވްގަންގެ "މޭޑޭ" އަށް ރަކުލް ޕްރީތު ސިންގް

އެކްޓަރު އަޖޭ ދޭވްގަން ޑައިރެކްޓްކުރާ ތިން ވަނަ ފިލްމު "މޭޑޭ" ގެ ބަތަލާގެ ރޯލަށް ރަކުލް ޕްރީތު ސިންގް ހަމަޖައްސައިފި އެވެ.


އަޖޭއާ އެކު އަމީތާބް ބައްޗަން ވެސް މުހިއްމު ރޯލެއް ކުޅޭ މި ފިލްމުގައި ރަކުލް ފެންނާނީ ޕައިލެޓެއްގެ ރޯލުންނެވެ. ޒުވާން ބަތަލާ ކުރިން ވެސް ވަނީ އަޖޭއާ އެކު ފިލްމެއް ކުޅެފަ އެވެ. އެއީ 2018 ގެ "ދޭ ދޭ ޕިޔާރު ދޭ" އެވެ. އަދި އަޖޭ އާއި ރަކުލް ވަނީ އެހެން ފިިލްމަކަށް ވެސް ސޮއިކޮށްފަ އެވެ. އެއީ އިންދަރު ކުމާރު ޑައިރެކްޓްކުރާ ކޮމެޑީ "ތޭންކް ގޯޑް" އެވެ. ފިލްމުގެ ކާސްޓްގައި ސިދާތު މަލްއުތުރާ ވެސް ހިމެނެ އެވެ.

ދެހާސް ސޯޅައިގައި ގެނެސްދިން "ޝިވާއޭ" އާއި 2008 ގެ "ޔޫ މީ އޯރް ހަމް" އަށް ފަހު، އަޖޭ ޑައިރެކްޓްކުރާ "މޭޑޭ" ގެ ޝޫޓިން އަންނަ މަހުގެ ތެރޭގައި ފަށަން ވަނީ ނިންމައިފަ އެވެ. ފިލްމުގެ މަންޒަރުތައް އެންމެ ފުރަތަމަ ނަގާނީ ހައިދަރުއާބާދުގަ އެވެ.

"މޭޑޭ" އަކީ އަޖޭ ޑައިރެކްޓްކޮށް، ރޯލެއް ކުޅުމުގެ އިތުރަށް އޭނާ ޕްރޮޑިއުސް ވެސް ކުރާ ތުރިލާ ޑްރާމާއެކެވެ.

މި ފިލްމަށް ރަކުލް ސޮއިކުރި އިރު، އޭނާގެ ކުރިއަށް ހުރި ފިލްމުތަކުގެ ތެރޭގައި އަރުޖުން ކަޕޫރާ އެކު ކުޅޭ ފިލްމަކާއި ޖޯން އަބްރަހަމާ އެކު ކުޅޭ "އެޓޭކް" ހިމެނެ އެވެ.

ރަކުލް، 30، އަކީ ހިންދީ ފިލްމުތަކުގެ އިތުރުން އިންޑިއާގައި އެހެން ބަހުރުވަތަކުން ފިލްމު ހަދާ ދެކުނު ފިލްމު އިންޑަސްޓްރީގައި ވެސް މަސައްކަތްކުރާ މަޝްހޫރު ބަތަލާއެކެވެ. އެގޮތުން ދެކުނުން އޭނާގެ ކުރިއަށް ހުރި ފިލްމުތަކުގެ ތެރޭގައި ކަމަލް ހަސަނާ އެކު ބައިވެރިވާ "އިންޑިއަން 2" ފާހަގަކޮށްލެވެ އެވެ.