ސުޝްމިތާ ސެންގެ "ދަރިފުޅު" ގެ ފިލްމުގެ ޓްރެއިލާ ދައްކާލައިފި

ބޮލީވުޑްގެ ބަތަލާ ސުޝްމިތާ ސެން އެޑޮޓްޕްޓްކުރި ދެ ކުދިންގެ ތެރެއިން ދޮށީ ކުއްޖާ ރެނީ ސެން އެކްޓިން އަށް ނުކުތް ކުރު ފިލްމު "ސުއްޓަބާޒް" ގެ ޓްރެއިލާ ދައްކާލައިފި އެވެ.


ކަބީރް ކްރާނާ ޑައިރެކްޓްކޮށްފައިވާ މި ފިލްމު ހަދާފައި ވަނީ ވަރަށް ރިއަލިސްޓިކް އަދި އާޓް ފިލްމުތައް ގެނެސްދީފައި ހުންނަ ކަހަލަ ގޮތަކަށެވެ. "ސުއްޓަބާޒް" ގައި ދައްކުވައި ދޭނީ ޒުވާން އަންހެން ދަރިއަކާއި މައިންބަފައިންނާ ދެމެދު ހިނގާ ކަންތައްތަކެވެ.

ރެނީ، 21، އާ އެކު މި ފިލްމުގެ މުހިއްމު ރޯލްތައް ކުޅުނީ ކޯމަލް ޗަބްރިއާ އާއި ރާހުލް ވޯރާ އެވެ. "ސުއްޓަބާޒް" ގައި ރެނީ ކުޅެފައި ވަނީ ދިޔާ ކުމާރު ކިޔާ ކެރެކްޓާއެކެވެ.

މި ފިލްމު ބެލުންތެރިންނަށް ގެނެސްދޭނެ ކަމަށް ބެލެވެނީ ޑިޖިޓަލް ސްޓްރީމިން ޕްލެޓްފޯމަކުންނެވެ. އެކަމަކު އެކަމާ ބެހޭ އެއްވެސް ވާހަކައެއް އަދި ފިލްމުގެ ޓީމުން ނުދައްކަ އެވެ.

"ސުއްޓަބާޒް" އަކީ މިދިޔަ އޮކްޓޯބަރު މަހުގެ ކުރީކޮޅު މަސައްކަތް ފެށި ފިލްމެކެވެ.

ދޮށީ "ދަރިފުޅު" އެކްޓިން އަށް ނުކުތް އިރު 10 ވަރަކަށް އަހަރުގެ މެދުކެނޑުމަކަށް ފަހު ސުޝްމިތާ، 45، މި އަހަރު އެކްޓިން އަށް އެނބުރި އައީ ހޮޓްސްޓާ އިން ޕްރިމިއާކުރި ވެބް ސީރީޒް "އާރިއާ" އިންނެވެ.

ރެނީގެ އިތުރުން 1994 ގެ މިސް ޔުނިވާސްގެ ދެން ހުންނަނީ އަލީޝާ ސެން ކިޔާ 11 އަހަރުގެ ކުއްޖެކެވެ.