"ލާލް ސިންގް ޗައްޑާ" އިން ތިން ޚާނުން ފެންނާނެ

އާމިރު ޚާންގެ ކުރިއަށް އޮތް ފިލްމު "ލާލް ސިންގް ޗައްޑާ" ވާނީ ހިންދީ ސިނަމާގެ ވަރަށް ތާރީހީ ފިލްމަކަށް ކަމަށް ބެލެވެ އެވެ. ސަބަބަކީ ބޮލީވުޑްގެ ވަރުގަދަ ތިން ޚާނުން ފުރަތަމަ ފަހަރަށް މި ފިލްމުން ފެނުމެވެ. އެއީ އާމިރު ޚާނާއި ޝާހްރުކް ޚާނާއި ސަލްމާން ޚާނެވެ.


އާމިރު ޓައިޓްލް ރޯލް ކުޅޭ "ލާލް ސިންގް ޗައްޑާ" ގައި ޝާހްރުކް ޚާންގެ ހާއްސަ ފެނިލުމެއް ހިމެނޭކަން މީގެ ދުވަސްކޮޅެއް ކުރިން ކަށަވަރުވެފައިވެ އެވެ. އަދި އޭނާ ވަނީ ފިލްމަށް ޝޫޓް ވެސް ކޮށްފަ އެވެ. ފަހުގެ ޚަބަރުތައް ބުނާ ގޮތުން ޝާހްރުކް ފިލްމުގައި ފެންނާނީ އޭނާގެ މަޝްހޫރު ސްކްރީން ނަން "ރާޖް" ގެ ގޮތުގަ އެވެ. އަދި އެއީ ޗައްޑާގެ ހަޔާތުން 1995 ގެ ދުވަސްވަރު ދައްކާ އިރު އެވެ. އެ އަހަރަކީ ޝާހްރުކް ރާޖްގެ ކެރެކްޓާ އިން ފެނިގެން ދިޔަ ދިލްވާލޭ ދުލްހަނިޔާ ލޭޖާއޭގޭ (ޑީޑީއެލްޖޭ) ރިލީޒްކުރި އަހަރެވެ.

ފިލްމީ ޚަބަރުތައް ގެނެސްދޭ ނޫސްތަކުން ބުނި ގޮތުގައި ސަލްމާން "ލާލް ސިންގް ޗައްޑާ" އިން ފެންނާނީ 1989 ގެ ޒަމާނުގަ އެވެ. އެ އަހަރަކީ އޭނާގެ "ޕްރޭމް" ކެރެކްޓާ "މޭނޭ ޕިޔާރު ކިޔާ" އިން އުފަންވި އަހަރެވެ.

ރިޕޯޓްތައް ބުނާގޮތުން ސަލްމާން ވަރަށް އަވަހަށް އޭނާގެ ކެމިއޯ ޝޫޓްކުރާނެ އެވެ. އެކަމަކު މި ވަގުތު އޭނާ ހުރީ އައިސޮލޭޝަނުގަ އެވެ. އެއީ ޑްރައިވަރަކާއި އިތުރު މުވައްޒަފަކު ކޮވިޑް-19 އަށް ޕޮޒިޓިވްވުމާ ގުޅިގެންނެވެ.

"ލާލް ސިންގް ޗައްޑާ" ވެގެންދާނީ އާމިރާ އާއި ޝާހްރުކް އެކީގައި ފިލްމަކުން ފެންނާނެ ފުރަތަމަ ފަހަރަށެވެ. ނަމަވެސް ސަލްމާނާއި އާމިރު އަދި ޝާހްރުކާއި ސަލްމާން އެކީގައި ފިލްމުތަކެއް ކުޅެފައިވެ އެވެ.

ތިން ޚާނުން މުޅިން އަލަށް ސްކްރީނުން ފެންނާނެ "ލާލް ސިންގް ޗައްޑާ" އަކީ 1994 ގެ ހޮލީވުޑް ފިލްމު "ފޮރެސްޓް ގަމްޕް" އަސްލަކަށް ބަލައިގެން އަދުވައިތު ޗަންދަން ޑައިރެކްޓްކުރާ ފިލްމެކެވެ. ކަރީނާ ކަޕޫރް ބަތަލާގެ ރޯލު ކުޅެފައިވާ ފިލްމު ސިނަމާތަކަށް އަންނާނީ އަންނަ އަހަރުގެ ޑިސެމްބަރު 25 ގަ އެވެ.