ސައިފް އަލީ ޚާންގެ އޮޓޯބައޮގްރަފީ ނެރުމާ މެދު ދެވަނަ ވިސްނުމަކަށް

ބަތަލާއެއްގެ ދަރިއަކަށްވީތީ އަމާޒުވެފައިވާ ފާޑުކިޔުންތަކާ ހެދި، ސައިފް އަލީ ޚާންގެ އޮޓޯބައޮގްރަފީ ގެނެސްދިނުމާ ދޭތެރޭ ދެވަނަ ވިސްނުމަކަށް ދާން ނިންމައިފި އެވެ.


އަންނަ އަހަރު ގެނެސްދޭން އަމާޒު ހިފި ސައިފްގެ ބައޮގްރަފީ ނެރުމާ ދޭތެރޭ އަލުން ވިސްނަން ޖެހުނު މައިގަނޑު އެއް ސަބަބަކީ އޭނާ އަކީ "ނެޕޮޓިޒަމް" ގެ އުފެއްދުމެއް ކަމަށް ބުނެ އާންމުން ފާޑުކިޔުމެވެ. ސައިފަކީ ކުރީގެ މަޝްހޫރު ބަތަލާ ޝަރުމީލާ ޓެގޯގްގެ ދަރިއެކެވެ.

އަމަންޑާ ކާނީގެ ޕޮޑްކާސްޓް ޝޯގައި ބަތަލާ ޖެކްލިން ފެނަންޑޭޒާއާ އެކު މެހުމާނެއްގެ ގޮތުގައި ބައިވެރިވެ ބައޮގްރަފީއާ ބެހޭ ގޮތުން ދެއްކި ވާހަތަކުގައި ސައިފް ބުނީ އޭނާގެ ވާހަކަ ކިޔައިދޭ ފޮތަކީ އިންޑިއާގެ މިހާރުގެ ހާލަތު އޮތް ގޮތަށް ބަލާ އިރު، އެ ގައުމުގެ އާންމު އޯޑިއަންސް ބަލައިގަންނާނެ އެއްޗެއްކަމާ ދޭތެރޭ ޝައްކު ކަމަށެވެ. ސަބަބަކީ މި ފަހަކަށް އައިސް ހިންދީ ފިލްމު އިންޑަސްޓްރީގައި ހަރަކާތްތެރިވާ ބޮލީވުޑްގެ އާއިލާތަކަށް ނިސްބަތްވާ މީހުންނާއި އެފަދަ އާއިލާތަކާ ގުޅުން އޮންނަ މީހުންނާއި ނުފޫޒު ގަދަ މީސްމީހުންނާ ގުޅުން އޮންނަ ބަޔަކަށް ނޫނީ ކުރިއަށް ދެވޭނެ ގޮތެއް ނެތް ކަމަށް ސިފަކުރަމުން ދިއުމެވެ.

ސައިފް ބުނީ އޭނާގެ ބައޮގްރަފީއެއް ގެނެސްދިނުމުގެ މަސައްކަތް ފެށީ ގާތް ބަޔަކު އެދިގެން ކަމަށާއި އެކަން ފެށީ ފޮތަށް ފުރިހަމަ އަށް އިންސާފުކޮށްދެވޭނެ ކަމަށް ގަބޫލުކުރެވިގެން ކަމަށެވެ.

"އެކަމަކު ހާލަތު މިހާރު އޮތް ގޮތަށް ބަލާ އިރު، އަހަރެން ފޮތުގައި ހިއްސާކުރާ ވާހަކަތައް ގިނަ ބަޔަކު ހާއްސަކޮށް އިންޑިއާގެ ވަކި ބަޔަކު ގަބޫލުކުރާނެ ކަމަކަށް މިހާރު ގަބޫލެއް ނުކުރެވޭ. އެ ސަބަބާ ހުރެ ފޮތަށް އަހަރެންގެ ސަތޭކަ ޕަސެންޓް ދެވިދާނެ ކަމަކަށް ވެސް މިހާރު ގަބޫލެއް ނުކުރެވޭ،" ސައިފް ބުންޏެވެ. "އަހަރެން ކިތަންމެ އިހުލާސްތެރިކަމާ އެކު ފޮތުގައި ވާހަކަތައް ހިމެނި ނަމަވެސް އެކަންކަމާ ދޭތެރޭ ސުވާލު ނުއުފައްދާނެ އެއްވެސް ގޮތެއް ނޯންނާނެ. ހާއްސަކޮށް އިންޑިއާގައި ނެގަޓިވިޓީ ފަތުރުން އުޅޭ މީހުންގެ ތެރޭގައި."

ސައިފް ބުނި ގޮތުގައި ބައޮގްރަފީ މި ވަގުތަށް ނެރުމާ ދޭތެރޭ ދެ ހިޔާލެއްގައި ހުރި ނަމަވެސް އޭގެ ޕަބްލިޝިން ހައުސް ހާޕާ ކޮލިންސް އިންޑިއާއާ އަދި އެ ވާހަކަ ހިއްސާއެއްނުކުރެ އެވެ. އެކަމަކު އޮޓޯބައޮގްރަފީ މި ވަގުތަށް ނެރުމަށް ވުރެ ގާތީ ނުނެރުންކަމުގެ އިޝާރާތެއް 50 އަހަރުގެ އެކްޓަރު ދީފައިވެ އެވެ.