މުނިފޫހިފިލުވުން / ބޮލީވުޑް

ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް

25 ނޮވެމްބަރ 2020 - 08:05

އަންނަ މަހުގެ 11 ގައި ރިލީޒްކުރަން ހަމަޖެހިފައިވާ ފިލްމު "އިންދޫ ކީ ޖަވާނީ" ގެ ޓްރެއިލާ ދައްކާލައިފި އެވެ.

ބުޝަން ކުމާރުގެ ޓީ ސީރީޒާއި ނިކިލް އަދުވާނީގެ އެއްމޭ އެންޓަޓައިންމަންޓުން ހަދާފައިވާ މި ކޮމެޑީ އަކީ ކިއާރާ އަދުވާނީ އާއި އަދިތިޔާ ސީލް ލީޑް ރޯލް ކުޅެފައިވާ ފިލްމެކެވެ. "އިންދޫ ކީ ޖަވާނީ" ގެ ޓްރެއިލާ އިން މިއީ ވަރަށް މަޖާވާނެ ފިލްމެއް ކަމަށް ބެލެވެ އެވެ. ޓްރެއިލާގައި ވަނީ ހިނިއަންނަ ކަހަލަ އެތައް މަންޒަރެއް ވެސް ހިމަނައިފަ އެވެ.

މި ފިލްމަކީ އަބީރް ސެންގުޕްތާ ލިޔެ، ޑައިރެކްޓްކޮށްފައިވާ ފިލްމެކެވެ.

"އިންދޫ ކީ ޖަވާނީ" ގެ ވަރަށް ހާއްސަ ރޯލަކުން މަލިކާ ދުއާ ވެސް ފެންނާނެ އެވެ.

"ޚުދާ ހާފިޒް 2" ގެ ޝޫޓިން އޭޕްރީލްގައި

މި އަހަރުގެ އޮގަސްޓް މަހުގެ ތެރޭގައި ޑިޒްނީ ޕްލަސް ހޮޓްސްޓާ އިން ޕްރިމިއާކުރި ކާމިޔާބު އެކްޝަން ތުރިލާ "ޚުދާ ހާފިޒް" ގެ ދެވަނަ ބައިގެ ޝޫޓިން އަންނަ އެޕްރީލް މަހުގެ ތެރޭގައި ފަށާ ގޮތަށް ނިންމައިފި އެވެ.

ފިލްމަށް އާންމުންނާއި ކްރިޓިކުންގެ ފަރާތުން ވެސް ލިބުނު ޕޮޒިޓިވް ރިވިއުތަކާ ގުޅިގެން ދެވަނަ ބައެއް ހަދަން އިއުލާންކޮށްފައިވާ އިރު ފިލްމުގެ ތައްޔާރީތައް މިހާރު އަންނަނީ ވަމުންނެވެ. "ޚުދާ ހާފިޒް" އަކީ ފާރޫގް ކަބީރް ޑައިރެކްޓްކޮށް ވިދުޔަތު ޖަމްވަލް އާއި ޝިވަލީކާ އޮބެރޯއީ ލީޑް ރޯލް ކުޅުނު ފިލްމެކެވެ.

އަންބަކު ކިޑްނެޕްކުރުމުން އޭނާ ސަލާމަތްކުރަން ފިރިއަކު ފުރާނަ އަތްމައްޗަށް ލައިގެން ކުރާ ހިތްވަރު ގަދަ މަސައްކަތް ދައްކުވައި ދިން ފިލްމުގެ ކާސްޓުންގެ ތެރޭގައި އަހާނާ ކުމްރާ އާއި އައްނޫ ކަޕޫރާއި ނަވާބް ޝާހާއި ޝިވް ޕަންޑިތު ވެސް ހިމެނެ އެވެ.

މީޑިއާތަކުން ބުނީ "ޚުދާ ހާފިޒް 2" އިން އާ ކެރެކްޓާތަކެއް ވެސް ތައާރަފުކުރާނެ ކަމަށާއި ކުރީ ބަޔަށް ވުރެ ދެވަނަ ބައި ހުރިހާ ގޮތަކުން ވެސް ފުރިހަމަވާނެ ކަމަށެވެ.

އިންޑިއާގެ "ދިއްލީ ކްރައިމް" އަށް އެމީ އެވޯޑް

ނެޓްފްލިކްސް އިން ސްޓްރީމްކުރި އިންޑިއާގެ ވެބް ސީރީޒް "ދިއްލީ ކްރައިމް" އަށް އިންޓަނެޝަނަލް އެމީ އެވޯޑްސް ލިބިއްޖެ އެވެ.

އެއަށް ބެސްޓް ޑްރާމާ ސީރީޒްގެ އެވޯޑް ލިބުމުން ޑައިރެކްޓަރު ރިޗީ މެހެތާ ބުނީ މިއީ ވަރަށް ބޮޑު ކާމިޔާބީއެއް ކަމަށާއި އެވޯޑް ޑެޑިކޭޓްކުރަން ބޭނުން ވަނީ އިންޑިއާގައި ކުށް މަދުކުރަން މަސައްކަތްކުރާ އަންހެން ފުލުހުންނަށް ކަމަށެވެ.

"ދިއްލީ ކްރައިމް" އަކީ ކުށްވެރިން ހަމަ ބިމަށް ތިރިކުރަން ހިތްވަރު ގަދަ އަންހެން ފުލުހަކު ކުރާ މަސައްކަތް ދައްކުވައި ދިން އެއްޗެކެވެ. މީގެ ލީޑް ރޯލް ކުޅުނީ ޝެފާލީ ޝާހެވެ. އޭނާއާ އެކު މީގެ ކާސްޓުން ރާސިކާ ޑުއްގަލް އާއި އާދިލް ހުސައިނާއި ރާޖޭޝް ތައިލަންގް ފަދަ ފަންނާނުން ފެނިފައިވެ އެވެ.

މިދިޔަ އަހަރުގެ މާޗްގައި ޕްރިމިއާކުރި "ދިއްލީ ކްރައިމްސް" ގެ ފުރަތަމަ ސީޒަނުގައި ހިމެނެނީ ހަތް އެޕިސޯޑެވެ. އަދި ދެވަނަ ސީޒަނެއް ވެސް ގެނެސްދޭން ހަމަޖެހިފައިވެ އެވެ.

"ރަޝްމީ ރޮކެޓް" ގެ ފުރަތަމަ ޝެޑިއުލް ނިންމާލައިފި

މިދިޔަ މަހުގެ ތެރޭގައި ބަތަލާ ތާޕްސީ ޕައްނޫ ޝޫޓިން ފެށި ކުޅިވަރު ފިލްމު "ރަޝްމީ ރޮކެޓް" ގެ ފުރަތަމަ ޝޫޓިން ޝެޑިއުލް ނިންމާލައިފި އެވެ.

އެ ވާހަކަ ސޯޝަލް މީޑިއާގައި ވެސް ހިއްސާކުރަމުން ހުނަރުވެރި ބަތަލާ ބުނީ ފިލްމުގެ މަސައްކަތް ކުރިއަށް ދިޔައީ ބޫޓް ކޭމްޕެއް ގޮތަށް ކަމަށާއި މަސައްކަތް ދިޔައީ ވަރަށް ހިތްހަމަޖެހޭ ގޮތަށް ކަމަށެވެ. "ރަޝްމީ ރޮކެޓް" އަކީ އިންޑިއާގެ ގުޖުރާތަށް އުފަން ބާރު ދުވުންތެރިއެއް ކަމަށްވާ ރަޝްމީގެ ވާހަކަ ކިޔައިދޭ ފިލްމެކެވެ. މީގެ ޑައިރެކްޓަރަކީ އާކާޝް ކްރާނާ އެވެ.

"ރަޝްމީ ރޮކެޓް" ދެވަނަ ޝޫޓިން ޝެޑިއުލްގެ ކުރިން ތާޕްސީ ދެން ޝޫޓިން ފަށާނީ "ލޫޕް ލަޕޭޓާ" އެވެ. މިއީ ޖަރުމަންގެ ތުރިލާ "ރަން ލޯލާ ރަން" ގެ ރިމެކެކެވެ. އާކާޝް ބާޓިއާ ޑައިރެކްޓްކުރާ މި ފިލްމުގައި ތާޕްސީއާ އެކު ތާހިރު ރާޖް ބާސިން ހިމެނެ އެވެ.

ތާޕްސީ ޝޫޓިން ފަށާފައި ހުރި ފިލްމުތަކުގެ ތެރޭގައި "ހަސީން ދިލްރުބާ" ވެސް ހިމެނެ އެވެ.

0 ކޮމެންޓް, 1 ރިއެކްޝަންސް

icon happy icon happy 100%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454