ރާހުލް.
11 ޑިސެމްބަރ 2020 - 08:31
ހާލު މިހާރު އެއްކޮށް ރަނގަޅުވަމުން އަންނަ ކަމަށާއި ވަރަށް އަވަހަށް އެނބުރި ފިލްމީ މަސައްކަތަށް ނުކުންނާނެ ކަމަށް މިދިޔަ މަހުގެ ފަހުކޮޅު ސްޓްރޯކެއް ޖެހިގެން ފަރުވާ ހޯދަމުން އަންނަ ބޮލީވުޑްގެ އެކްޓަރު ރާހުލް ރޯއި ބުނެފި އެވެ.
މުމްބާއީގެ ނަނަވާތީ ހޮސްޕިޓަލްގައި ފަރުވާ ހޯދަމުން އަންނަ އެކްޓަރުގެ އަންހެން ކޮއްކޮ ޕްރިޔަންކާ ރޯއި އާއި އޭނާގެ ފިރިމީހާ ރޮމީރް ސެންއާ އެކު ނަގާފައިވާ ވީޑިއޯއެއް އިންސްޓަގްރާމްގައި ހޯމަ ދުވަހު ހިއްސާކޮށް ރާހުލް ވަނީ އޭނާ އަށް ހެޔޮ ދުއާކޮށްދޭ ހުރިހާ އެންމެންނަށް ޝުކުރު އަދާކޮށްފަ އެވެ.
"ރައްޓެހިންނާއި ފޭނުންނަކީ ހަމަ އާއިލާ މީހުން. ތިދޭ ލޯތްބާއި ހެޔޮދުއާތަކަށް ޝުކުރު އަދާކުރަން،" ރާހުލް ބުންޏެވެ. "ހާލު މިހާރު އަންނަނީ ރަނގަޅުވަމުން. އެހެންވީމަ ވަރަށް އަވަހަށް އެނބުރި އަންނާނަން."
އާންމުންގެ މެދުގައި ބޮޑު މަގުބޫލުކަމެއް ހޯދި 1990 ގެ "އާޝިގީ" ކުޅެގެން ބޮޑު މަޝްހޫރުކަމެއް ހޯދި ރާހުލް އަށް ސްޓްރޯކެއް ޖެހުނީ ކަރްގިލްގެ ގަދަ ފިނީގައި ފިލްމެއް ޝޫޓްކުރަން އުޅެނިކޮށެވެ. އެ ފިލްމަކީ އޭނާ އަސްކަރީ އޮފިސަރެއްގެ ރޯލުން ފެންނާނެ "އެލްއޭސީ: ލިވް ދަ ބެޓްލް" އެވެ. ސްޓްރީމިން ޕްލެޓްފޯމަކަށް ހަދާ އެ ފިލްމަކީ ނިތިން ކުމާރު ޑައިރެކްޓްކުރާ ފިލްމެކެވެ.
އޭގެ ޕްރޮޑިއުސަރު ނިވެދިތާ ބާސޫ ބުނެފައިވާ ގޮތުގައި ރާހުލް އަށް ސްޓްރޯކެއް ޖެހިގެން ފިލްމުގެ މަސައްކަތް ހުއްޓުމަކަށް އައި އިރު، ރާހުލްގެ އޮތީ ނަގަން ޖެހޭ އެންމެ މަންޒަރެކެވެ. އެހެންވެ އޭނާގެ ހާލު އެއްކޮށް ރަނގަޅުވިހާ އަވަހަކަށް އަލުން މަސައްކަތް ފަށާނެ ކަމަށް ބުންޏެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy