ރާހުލް.
16 ޑިސެމްބަރ 2020 - 10:21
ރާހުލް ވައިދިއާ ކަލާޒްގެ ރިއަލިޓީ ޝޯ "ބިގް ބޮސް 14" އަމިއްލަ އަށް ދޫކޮށްލިތާ ދެ ހަފުތާއެއްހާ ދުވަސް ފަހުން އަލުން ޝޯއާ ގުޅިއްޖެ އެވެ.
މި ފަހަރުގެ ސީޒަނުން ފުރުސަތު ލިބުނު ސެލެބްރިޓީންގެ ތެރޭގައި ހިމެނެނު ދެ ލަވަކިޔުންތެރިންގެ ތެރެއިން ރާހުލް ޝޯ ދޫކޮށްލީ އާއިލާ މަތިން ވަރަށް ބޮޑަށް ހަނދާންވެ، "ހޯމްސިކްވެެއްޖެ" ކަމުގެ ބަހަނ އަށް ފަހުގަ އެވެ. އެކަމާ ގުޅިގެން ޝޯގެ ބައެއް ބައިވެރިންނާއި ޝޯގެ ހޯސްޓް ސަލްމާން ޚާން ވެސް ރާހުލްގެ ނިންމުމާ ދޭތެރޭ ހިތްހަމަނުޖެހުން ފާޅުކޮށްފައިވެ އެވެ.
ރާހުލް ޝޯ ދޫކޮށް ނުދިޔަ ނަމަ ޝޯ ފެށުނީއްސުރެ މިހާރު ތިބި އަންހެން ބައިވެރިންގެ ތެރޭގައި ހިމެނޭ ރުބީނާ ދިލައިކާއި ޖޭސްމިން ބާސިންގެ ތެރެއިން ކޮންމެވެސް އެކަކު ބެލުންތެރިންގެ އެންމެ ދަށް ވޯޓާއެކު ކަޓައިގެން ދިޔައީހެވެ. ނަމަވެސް އެ ދެ މީހުންގެ ތެރެއިން އެކަކަށް ކުރިއަށް ދިއުމުގެ ޖާގަ ލިބުނީ ރާހުލް ޝޯ ދޫކޮށްދާން ނިންމުމާ ގުޅިގެންނެވެ.
އޭރު ޝޯގައި ތިބީ ރާހުލް އާއި ރުބީނާ އާއި ޖޭސްމިނާއި އިޖާޒް ޚާންގެ އިތުރުން ރުބީނާގެ ފިރިމީހާ އަބިނާވް ޝުކްލާ އެވެ.
"ބިގް ބޮސް" އާ އަލުން ގުޅެން ބޭނުންކަން ރާހުލް ސަލްމާން ގާތު ބުނީ މި ހަފުތާގައި ކުރިއަށް ގެންދިޔަ "ވީކެންޑް ކާ ވާރު" ގަ އެވެ. ރާހުލް ބުނީ ޝޯ ދޫކޮށްދާން ނިންމި ނިންމުމާ ދޭތެރޭ ފަހުން ދެރަވި ކަމަށާއި އަލުން ޝޯ އަށް އަންނަން ބޭނުންވީ އޭނާ އަށް ސަޕޯޓާއި ލޯބި ދިން މީހުންގެ ހިތްވަރު ފެނިފައި އެ މީހުންގެ ހައްގުގައި ކަމަށެވެ.
ރާހުލް ބުނި ގޮތުގައި އޭނާ ޝޯ ދޫކޮށް އަމިއްލަ އަށް ދާން ނިންމި ނިންމުމަކީ ބިސް ބޮސްގެ މުޅި ޓީމަށް އިހުތިރާމު ކުޑަކޮށްލެވުމުގެ އަމަލެއް ކަމަށް ގަބޫލުކުރާ ކަމަށާއި އެކަމަށް މައާފަށް ވެސް އެދޭ ކަމަށެވެ. ޝޯ ދޫކޮށް ރާހުލް ދިއުންވެގެން ދިޔައީ ބިގް ބޮސް 14 އަހަރުވީ ތާރީހުގައި ވެސް އަމިއްލަ އަށް ބައިވެރިޔަކު ޝޯ ދޫކުރި ފުރަތަމަ ފަހަރަށެވެ.
މި ފަހަރުގެ ސީޒަނަކީ މުޅިން އަލަށް ބައިވެރިޔަކު ރުޅި ކޮންޓްރޯލް ނައްޓައިގެން އަމިއްލަ އަށް ގެއިން ނުކުމެގެން ދޔަ ފަހަރު ވެސް މެ އެވެ. އެއީ ދެ ފަހަރެއްގެ މަތިން ވައިލްޑް ކާޑްގެ ދަށުން ފުރުސަތު ލިބުނު ކަވީތާ ކޯޝިކެވެ.
ރާހުލް އަށް ޝޯއިން ޖާގަ ދިނީ މިހާރު ޝޯގައި ތިބި ބައިވެރިންގެ ހިޔާލު ހޯދައި އެ މީހުންގެ ރުހުމާ ވެސް އެކީގަ އެވެ.
އިންޑިއަން އައިޑޮލްގެ ފުރަތަމަ ސީޒަނުން އާންމުންގެ ސަމާލުކަން ހޯދި ރާހުލް އަލުން ޝޯއާ ގުޅުނީ އަންގާރަ ދުވަހުގެ ރެ އެވެ.
"ބިގް ބޮސް 14" ފެށުނީއްސުރެ ވާދަކުރާ ބައިވެރިންނަށް ބަލާ އިރު، ގަދަކޮށް ހިފަމުން އަންނަ ބައިވެރިންނަކީ ރުބީނާގެ ދެމަފިރިންނާއި ޖޭސްމިނާއި އިޖާޒެވެ. ރާހުލް އަލުން ޝޯއާ ގުޅުނު އިރު، ކުރިން ކަޓައިގެން ދިޔަ ދެ ބައިވެރިއަކަށް ވެސް އަލުން ފުރުސަތު ދީފައިވެ އެވެ. އެއީ ޖޭސްމިންގެ ލޯބިވެރިޔާ އަލީ ގޯނީ އާއި ނިކީ ތަމްބޯލީ އެވެ.
ވައިލްޑް ކާޑްގެ ދަށުން މީގެ ދޮޅު ހަފުތާއެއްހާ ދުވަސްކުރިން ކުރީގެ ސީޒަންތަކުގައި ވާދަކުރި ހަ ބައިވެރިޔަކަށް ވެސް ފުރުސަތު ދީފައިވެ އެވެ. އެއީ ކަޝްމީރާ ޝާހާއި މަނޫ ޕަންޖާބީ އާއި ރާހުލް މަހާޖަނާއި ރާކީ ސާވަންތާއި ވިކާސް ގުޕްތާގެ އިތުރުން އަރްޝީ ޚާނެވެ.
ނަމަވެސް މި ހަފުތާގެ ތެރޭގައި ވިކާސް އާއި އަރްޝީއާ ދެމެދު ހިނގި ޒުވާބުގަނޑަކަށް ފަހު، އަރްޝީ ކޮއްޕާލައި ޕޫލްގެ ތެރެއަށް ވައްޓާލި މައްސަލާގައި ހޯމަ ދުވަހުގެ ރޭ ވަނީ ވިކާސް ގެއިން ބޭރުކޮށްލައިފަ އެވެެ.
މިދިޔަ އޮކްޓޯބަރު މަހުގެ 3 ގައި ދައްކަން ފެށި "ބިގް ބޮސް 14" އަންނަ ފެބްރުއަރީ މަހުގެ 9 އާ ހަމައަށް ކުރިއަށް ގެންދާ ގޮތަށް މިހާރު ވަނީ ނިންމައިފަ އެވެ. ކުރިން އޮތީ އަންނަ މަހުގެ 20 ހިސާބުގައި ޝޯ ނިންމައިލާ ގޮތަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy