ކަރީނާ އާއި އަނިލް.
04 ޖެނުއަރީ 2021 - 08:03
ބޮލީވުޑްގައި ދެ ޖިންސްގެ ތަރިންނަށް ފިލްމުތަކުން ލިބޭ އާމްދަނީގައި ބޮޑު ފަރަގެއް ހުންނާތީ އެކަމާ ބެހޭ ގޮތުން ބަތަލާ ކަރީނާ ކަޕޫރް ކުރި ސުވާލަކަށް އަނިލް ކަޕޫރް ހީވެސް ނުކުރާ ކަހަލަ ޖަވާބެއްދީ ކަރީނާގެ އަނގަ ބަންދުކޮށްފި އެވެ.
މި ރައްދު ދިނީ މިހާރު ދެ ވަނަ ދަރިފުޅަށް ބަލިވެއިން ބަތަލާ ހޯސްޓްކުރާ ޝޯ "ވަޓް ވިމެން ވޯންޓް" ގެ އެޕިސޯޑެއް ވާޗުއަލްކޮށް މެހުމާނުންގެ ގޮތުގައި އަނިލް އާއި ޑައިރެކްޓަރު އަނޫރާހް ކެޝަޕް ބައިވެރިކޮށްގެން ކުރިއަށް ގެންދިއުމުގެ ތެރޭގަ އެވެ. އެ އިންޓަވިއުގައި އެކްޓަރު ސައިފް އަލީ ޚާންގެ އަންހެނުން އަނިލްއާ ކުރި ސުވާލަކީ ފަހަކަށް އައިސް ހޮލީވުޑްގައި ދެ ޖިންސްގެ މެދުގައި އާމްދަނީގައި އޮންނަ ފަރަގު ނައްތާލަން އެކްޓަރުން ވަރަށް ބޮޑަށް މަސައްކަތްކޮށްދޭ ކަމަށާއި އެއީ ބޮލީވުޑްގެ އެކްޓަރުން ވެސް ކުރަންވެއްޖެ ކަމެއް ނޫންތޯ އެވެ.
ރައްދުގައި، ސަމާސާކުރަމުން އަނިލް ބުނީ ކަރީނާ އަކީ ފިލްމުތަކުން އެކްޓަރުންނަށް ވުރެ ބޮޑު އަގެއް އަބަދު ވެސް ނަގާ ތަރިއެއް ކަމަށެވެ. އަދި މީގެ ތިން އަހަރު ކުރިން އަމިއްލަ އަށް ޕްރޮޑިއުސަރެއްގެ ގޮތުގައި ހިއްސާވި "ވީރޭ ދީ ވެޑިން" އަށް ކާސްޓުން ހަމަޖައްސަމުން ދިޔަ އިރު ކަރީނާ ފިލްމަށް ކީ އަގު ބޮޑުވެގެން ފިލްމުގެ ޓީމުން ސީދާ އޭނާއާ ހަމައަށް ވެސް ޝަކުވާ ގެންދިޔަ ކަމަށް އަނިލް ބުންޏެވެ.
"ވީރޭ ދީ ވެޑިން" އަކީ އަލަތު ދަރިފުޅު ވިހެއުމަށް ފަހު ކަރީނާ ކުޅުނު ފުރަތަމަ ފިލްމެވެ. އެ ފިލްމަކީ އަނިލް އާއި ދަރިފުޅު ރިއާ ކަޕޫރާއި އެކްތާ ކަޕޫރާއި އޭނާގެ މަންމަ ޝޯބާ ކަޕޫރްގެ އިތުރުން އެކްޓަރު ނިކިލް ދިވެދީ ޕްރޮޑިއުސަރުންގެ ގޮތުގައި ހިއްސާވި ފިލްމެކެވެ.
ތެދަށް ބުނަންޏާ ކަރީނާ އަކީ އަހަރެންގެ އަތުން ބައިވަރު ފައިސާ ނަގާފައިވާ ތަރިއެއް: އަނިލް
"ވީރޭ ދީ ވެޑިން" ގެ ތަޖުރިބާއާ ބެހޭ ގޮތުން އަނިލް ބުނީ ކަރީނާ ހުށަހެޅީ އަގު ބޮޑުކަމުން އޭނާ ވެސް އަންތަރީސްވި ކަމަށާއި އެކަމަކު ކަރީނާ ބުނާ އަގެއް އޭނާ އަށް ދޭން ފިލްމުގެ ޓީމަށް ނަސޭހަތްތެރިވި ކަމަށެވެ.
"ތެދަށް ބުނަންޏާ ކަރީނާ އަކީ އަހަރެންގެ އަތުން ބައިވަރު ފައިސާ ނަގާފައިވާ ތަރިއެއް،" ސަމާސާކުރަމުން އަނިލް ބުންޏެވެ.
ކާމިިޔާބު އެތައް ފިލްމެއް ކުޅެފައިވާ އެކްޓަރު ބުނި ގޮތުގައި ހަގީގަތުގައި ބޮލީވުޑްގެ ދެ ޖިންސްގެ ތަރިންގެ އާމްދަނީގެ ފަރަގުގެ ވާހަކަ އަކީ މިހާރަށް އެހާ ފެތޭ ވާހަކައެއް ނޫނެވެ.
"އަމިއްލަ އަށް ތަޖުރިބާ އަށް ބަލާފައި ވާހަކަ ދައްކާ ކަމަށް ވަންޏާ ބުނެވިދާނެ އަހަރެން ކުޅުނު ބައެއް ފިލްމުތަކުން އަހަންނަށް ވުރެ މާ ބޮޑު އަގެއް އެ ފިލްމުގެ ބަތަލާއިންނަށް ލިބިފައި ހުރި ކަމަށް،" ބަތަލާ ސޯނަމް ކަޕޫރްްގެ ބައްޕަ ބުންޏެވެ.
އަނިލް ބުނި ގޮތުގައި ކޮންމެ ފަންނާނަކަށް ވެސް އެ މީހަކަށް ހައްގުވާ މިންވަރެއް ލިބެން ޖެހޭނެ އެވެ. އަދި އެއީ ވަކި ޖިންސެއްގެ މީހަކަށްވެގެން ލިބެން ޖެހޭ ހައްގެއް ނޫން ކަމަށް ބުންޏެވެ.
"އަމިއްލަ އަށް ތަޖުރިބާ އަށް ބަލާފައި ވާހަކަ ދައްކާ ކަމަށް ވަންޏާ ބުނެވިދާނެ އަހަރެން ކުޅުނު ބައެއް ފިލްމުތަކުން އަހަންނަށް ވުރެ މާ ބޮޑު އަގެއް އެ ފިލްމުގެ ބަތަލާއިންނަށް ލިބިފައި ހުރި ކަމަށް." އަނިލް
އަނިލް އާއި ކަރީނާ އަކީ އެކީގައި ފިލްމުތަކެއް ކުޅެފައިވާ ދެ ތަރިންނެވެ. އޭގެ ތެރޭގައި "ބޭވަފާ" އާއި "ތަޝަން" ހިމެނެ އެވެ. ކަރަން ޖޯހަރު ހަދަން ނިންމާފައި އޮތް ތާރީހީ ބޮޑު ފިލްމު "ތަޚުތު" އިން ވެސް މި ދެ ތަރިން އެކީގައި ފެންނާނެ އެވެ.
ކަރީނާ އަކީ ބޮލީވުޑްގެ ބަތަލާއިންގެ ތެރެއިން އެންމެ ބޮޑު އަގެއް ލިބޭ އެކެކެވެ. އެކަމަކު މީގެ ކުރިން އޭނާ ފިލްމުތަކަށް ހުށަހެޅި އަގު ބޮޑުވެގެން ބައެއް ފިލްމުތައް ގެއްލިފައި ވެސް އެބަހުއްޓެވެ. އޭގެ ތެރެއިން އެންމެ ފާހަގަކޮށްލެވޭ އެއް ފިލްމަކީ ސައިފާއި ޝާހްރުކް ޚާނާއި ޕްރިތީ ޒިންތާ ކުޅުނު "ކަލް ހޯ ނަ ހޯ" އެވެ.
ކަރަން ޕްރޮޑިއުސްކުރި އެ ފިލްމު ކަރީނާ އަށް ގެއްލުނީ އޭނާ ކީ އަގާ މެދު ކަރަންއާ އެކު އެއްބަސްވުމަކަށް ނާދެވުމުންނެވެ. އެއާ އެކު "ކަލް ހޯ ނަ ހޯ" ގެ ބަތަލާގެ ރޯލު ޕްރިތީއަށް ލިބުނީ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy