23 ފެބުރުއަރީ 2021 - 07:26
ޝޫޓިން ފެށުމުގެ އެންމެ ފަހުގެ ތައްޔާރީތައް ވަމުން އަންނަ، ވަރުން ދަވަންގެ މޯންސްޓާ ކޮމެޑީ "ބޭޅިޔާ" މޯޝަން ޕޯސްޓަރު ދައްކާލައި، ފިލްމު ރިލީޒްކުރާ ތާރީހު ވެސް އިއުލާންކޮށްފި އެވެ.
ދެހާސް އަށާރައިގެ ހޮރޯ-ކޮމެޑީ "އިސްތިރީ" ގެ ޕްރޮޑިއުސަރު ދިނޭޝް ވިޖަންގެ މެޑޮކް ފިލްމްސްއިން ހަދައި އަމަރް ކޯޝިކް ޑައިރެކްޓްކުރާ "ބޭޅިޔާ" ސިނަމާތަކަށް ގެންނާނީ އަންނަ އަހަރުގެ އެޕްރީލް 14 ގަ އެވެ.
މި ފިލްމުގެ ބަތަލާ އަކީ ކްރިރީ ސެނަން އެވެ. ވަރުން އާއި ކްރިތީ ކުރިން 2015 ގެ "ދިލްވާލޭ" ގައި މަސައްކަތްކޮށްފައިވެ އެވެ. "ބޭޅިޔާ" ގެ ކާސްޓްގައި ދީޕަކް ދޮބްރިޔާލް ވެސް ހިމެނެ އެވެ.
އަމަރު އެންމެ ފަހުން ގެނެސްދިން ފިލްމަކީ 2019 ގެ "ބާލާ" އެވެ.
ދިނޭޝް މިހާރު ވެސް އަންނަނީ ހޮރޯ-ކޮމެޑީއެއް ރިލީޒްކުރަން ތައްޔާރުވަމުންނެވެ. އެއީ އަންނަ މަހުގެ 11 އަށް ތާވަލުކޮށްފައިވާ "ރޫހީ" އެވެ. އޭގެ ކާސްޓުންނަކީ ރާޖްކުމާރު ރާއޯ އާއި ޖާންވީ ކަޕޫރްގެ އިތުރުން ވަރުން ޝަރުމާ އެވެ.
ޖޯން އަބްރަހަމްގެ އެކްޝަން ތުރިލާ "އެޓޭކް" މި އަހަރުގެ އޮގަސްޓް 13 ގައި ރިލީޒްކުރަން ނިންމައިފި އެވެ.
ނިއު ދިއްލީގައި މި ވަގުތު ޝޫޓިން ކުރިއަށްދާ މި ފިލްމަކީ ލަކްޝަޔާ ރާޖް އާނަންދު ޑައިރެކްޓްކުރާ އެއްޗެކެވެ. "އެޓޭކް" ގެ ބަތަލާއިންނަކީ ޖެކްލިން ފެނަންޑޭޒާއި ރަކުލް ޕްރީތު ސިންގް އެވެ.
މި އަހަރު ރިލީޒްކުރާނެ ޖޯންގެ ފުރަތަމަ ފިލްމަކީ މެއި 14 ގައި ގެނެސްދޭ "ސަތިޔަމޭވް ޖަޔަތޭ 2" އެވެ. އަދި އޭނާގެ "މުމްބާއީ ސާގާ" އަކީ ވެސް މި އަހަރު ރިލީޒްކުރާނެ ފިލްމެކެވެ.
އެ ދެ ފިލްމުގެ ޝޫޓިން ވެސް ނިންމާލައި މިހާރު އޮތީ ޕޯސްޓް-ޕްރޮޑަކްޝަން މަރުހަލާގަ އެވެ.
އެކްޓަރު އިމްރާން ހާޝިމީގެ އާ ވީޑިއޯ ލަވައެއް ދައްކާލައިފި އެވެ.
ކުރިން ވެސް ވީޑިއޯ ލަތަކެއް ކުޅެފައިވާ އެކްޓަރުގެ އާ ވީޑިއޯ ލަވަ އަކީ "ލުޓް ގަޔޭ" އެވެ. ޓީ ސީރީޒްގެ ތައްގަނޑުގައި ނެރުނު ލަވައިން އިން ފެންނަނީ އަލަށް ތައާރަފުކުރި ޔުކްތީ އެވެ.
މި ލަވައިގެ މިއުޒިކް ތަނިޝްގް ބަގްޗީ ހަދާފައިވާ އިރު، ލަވަ ކިޔާފައި ވަނީ ޖުބީން ނޯޓިޔާލެވެ. ޅެން ލިޔުނީ މަނޯޖް މުންތަސިރެވެ.
އަސަރު ގަދަ ލޯބީގެ ވާހަކައެއް ފެނިގެންދާ "ލުޓް ގަޔޭ" އަކީ ކުރިން ވެސް ރީތި ވީޑިއޯ ލަވަތަކެއް ގެނެސްދީފައިވާ ރާދިކާ ރާއޯ އާއި ވިނޭ ސަޕްރޫގެ ޑައިރެކްޝަނެކެވެ.
އިމްރާންގެ ރިލީޒްވާން ހުރި ފިލްމުތަކުގެ ތެރޭގައި "މުމްބާއީ ސާގާ" އާއި "ޗެހެރޭ" ހިމެނެ އެވެ.
މިހާރު ވެސް ފިލްމީ މަސައްކަތުގައި ވަރަށް ބިޒީކޮށް އުޅެމުން އަންނަ ތާޕްސީ ޕައްނޫ އަނެއްކާ ވެސް އާ ފިލްމަކަށް ސޮއިކޮށްފި އެވެ.
މި މަހުގެ ކުރީކޮޅު އަނޫރާގް ކޭޝަޕްގެ "ދޮބާރާ" އަށް ސޮއިކުރި ބަތަލާ މި ފަހަރު ސޮއިކުރީ ސިދާތު ރޯއި ކަޕޫރްގެ ރޯއި ފިލްމްސް އިން ހަދާ އިންވެސްޓިގޭޓިވް ކޮމެޑީ "ވޯ ލަޅުކީ ހޭ ކަހާ؟" އަށެވެ.
މި ފިލްމަކީ "ސްޓޫޑަންޓް އޮފް ދި އިޔާ 2" އާއި "އަދާލަތު" އަދި ވެބް ސީރީޒް "ބުރީތު: އިންޓު ޑަ ޝެޑޯސް" ގެ ސްކްރީން ރައިޓަރު އަރުޝަދު ސައިދު ޑައިރެކްޝަނަށް ނުކުންނަ ފިލްމެވެ.
ރިޕޯޓްތައް ބުނާގޮތުން ތާޕްސީ ފުލުހެއްގެ ރޯލު ކުޅޭ "ވޯ ލަޅުކީ ހޭ ކަހާ؟" ގެ ބަތަލަކީ ދާދި ފަހުން ގެނެސްދިން ވެބް ސީރީޒް "ސްކޭމް 1992" އިން ވިދައިލި އެކްޓަރު ޕްރަތީކް ގާންދީ އެވެ.
ތާޕްސީގެ ކުރިއަށް ހުރި ފިލްމުތަކުގެ ތެރޭގައި "ހަސީން ދިލްރުބާ" އާއި "ލޫޕް ލަޕޭޓާ" އާއި "ރާޝްމީ ރޮކެޓް" އަދި "ޝަބާޝް މިތޫ" ހިމެނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy