މުނިފޫހިފިލުވުން / ބޮލީވުޑް

ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް

އިންޑިއާގެ އަންހެން ބެޑްމިންޓަން ތަރި ސައިނާ ނެހްވާލްގެ ވާހަކަ ކިޔައިދޭ ބައޮގްރަފިކަލް ޑްރާމާ "ސައިނާ" މި މަހުގެ 26 ގައި ރިލީޒްކުރާ ގޮތަށް ނިންމައި، ފިލްމުގެ ޕޯސްޓަރު ދައްކާލައިފި އެވެ.

ފިލްމުގައި ސައިނާގެ ރޯލު ކުޅެފައި ވަނީ ޕަރިނީތީ ޗޯޕްޅާ އެވެ. އޭނާ އެންމެ ފަހުގެ ފިލްމަކީ މިދިޔަ މަހު ނެޓްފްލިކްސް އިން ޕްރިމިއާކުރި "ދަ ގާލް އިން ދަ ޓްރެއިން" އެވެ. މި މަހު ރިލީޒްކުރާނެ ޕަރިނީތީގެ ފިލްމުތަކުގެ ތެރޭގައި "ސަންދީޕް އޯރް ޕިންކީ ފަރާރު" ވެސް ހިމެނެ އެވެ. އަރުޖުން ކަޕޫރާ އެކު ކުޅެފައިވާ ފިލްމު ރިލީޒްކުރާނީ މި މަހުގެ 19 ގަ އެވެ.

"ސައިނާ" އަކީ ބުޝަން ކުމާރުގެ ޓީ ސީރީޒުން ޕްރޮޑިއުސްކޮށް، އަމޯލް ގުޕްތޭ ޑައިރެކްޓްކޮށްފައިވާ ފިލްމެކެވެ.

މީގެ ކާސްޓްގައި ޕަރޭޝް ރާވަލާއި މާނަވް ކޯލް ވެސް ހިމެނެ އެވެ.

"އޭކް ވިލަން ރިޓާންސް" ގެ ޝޫޓިން ފަށައިފި

ޑައިރެކްޓަރު މޯހިތު ސޫރީގެ "އޭކް ވިލަން ރިޓާންސް" ގެ ޝޫޓިން ހޯމަ ދުވަހު ފަށައިފި އެވެ.

އޭނާ 2014 ގައި ގެނެސްދިން "އޭކް ވިލަން" ގެ ސީކްއެލްގެ ތަރިންނަކީ ޖޯން އަބްރަހަމް، ޑިޝާ ޕަޓާނީ، އަރުޖުން ކަޕޫރް އަދި ތާރާ ސުތާރިއާ އެވެ. "އޭކް ވިލަން" އަކީ ޝްރަދާ ކަޕޫރާއި ސިދާތު މަލްއުތުރާ އަދި ރިތޭޝް ދޭޝްމުކް ލީޑް ރޯލު ކުޅުނު ފިލްމެކެވެ.

"އާޝިގީ 2" އާއި "ޒެހެރު" ފަދަ ފިލްމުތައް ގެނެސްދިން މޯހިތު އެންމެ ފަހުން ގެނެސްދިން ފިލްމަކީ މިދިޔަ އަހަރުގެ "މަލަންގް" އެވެ. އޭގެ ދެވަނަ ބައެއް ވެސް ގެނެސްދޭނެ އެވެ.

"އޭކް ވިލަން ރިޓާންސް" އަކީ ބުޝަން ކުމާރާއި އެކްތާ ކަޕޫރް ޕްރޮޑިއުސްކުރާ ފިލްމެކެވެ.

ދިއާގެ ތެލެގޫ ފިލްމު އަންނަ މަހު

މިދިޔަ މަހު ދެވަނަ ކައިވެނިކުރި ބަތަލާ ދިއާ މިރުޒާ މުހިއްމު ރޯލެއް ކުޅެފައިވާ ތެލެގޫ ފިލްމު "ވައިލްޑް ޑޯގް" އަންނަ މަހުގެ 2 ގައި ރިލީޒްކުރާ ގޮތަށް ނިންމައިފި އެވެ.

މި އެކްޝަން ތުރިލާގެ ބަތަލަކީ މަޝްހޫރު ތެލެގޫ އެކްޓަރު ނާގުރްޖުނާ އެވެ. އަޝިޝޯރް ސޮލޮމަން ޑައިރެކްޓްކޮށްފައިވާ "ވައިލްޑް ޑޯގް" ގެ ކާސްޓްގައި އަނިލް ކަޕޫރްގެ ފިރިހެން ދަރިފުޅު ހާޝްވަރުދަން ކަޕޫރް 2016 ގައި ބޮލީވުޑަށް ތައާރަފުކުރި ފިލްމު "މިރުޒިޔާ" ގެ ބަތަލާ ސައްޔާމީ ކޭރް ވެސް ހިމެނެ އެވެ. އޭނާ އެންމެ ފަހުން ފެނިފައި ވަނީ މިދިޔަ އަހަރު އަހަރު އަނޫރާގް ކެޝަޕް ނެޓްފްލިކްސް އިން ގެނެސްދިން "ޗޯކްޑް" އިންނެވެ.

"ވައިލްޑް ޑޯގް" ގެ ކާސްޓްގައި އަތުލް ކުލްކަރްނީ އާއި އަލީ ރިޒާ ވެސް ހިމެނެ އެވެ.

ކާތިކްގެ "ދަމާކާ" ގެ ޓީޒާ ދައްކާލައިފި

ބޮލީވުޑްގެ ޒުވާން އެކްޓަރު ކާތިކް އާރިޔަން ޑިސެމްބަރު މަހުގެ ތެރޭގައި 10 ދުވަހުން ޝޫޓިން ނިންމައިލި ފިލްމު "ދަމާކާ" ނެޓްފްލިކްސް އިން ޕްރިމިއާކުރާ ގޮތަށް ނިންމައި އޭގެ ޓީޒާ ދައްކާލައިފި އެވެ.

ރާމް މަދުވާނީ ޑައިރެކްޓްކުރި މި ފިލްމަކީ 2013 ގެ "ކޮރެއާ ފިލްމު "ދަ ޓެލާ ލައިވް" އަސްލަކަށް ބަލައިގެން ހަދާފައިވާ ފިލްމެކެވެ. "ދަމާކާ" ގައި ކާތިކް ކުޅެފައި ވަނީ އަރުޖުން ޕަތަކް ކިޔާ ނޫސްވެރިއެއްގެ ރޯލެވެ.

ޕްރިމިއާކުރާނެ ތާރީހެއް އަދި އިއުލާން ނުކުރާ ފިލްމުގެ ކާސްޓްގައި މުރުނާލް ތާކޫރާއި އަމްރުތާ ސުބާޝް، ވިކާސް ކުމާރު އަދި ވިޝްވަޖީތު ޕްރަދާން ހިމެނެ އެވެ.

މަދުވާނީ އަކީ ބެލުންތެރިންގެ ވަރަށް ބޮޑު މަގުބޫލުކަމެއް ހޯދި 2016 ގެ ފިލްމު "ނީރްޖާ" ގެނެސްދިން ޑައިރެކްޓަރެވެ. އޭނާގެ އާ ފިލްމު ނެޓްފްލިކްސް އިން ޕްރިމިއާކުރަން ނިންމި އިރު، ސުޝްމިތާ ސެންއާ އެކު މިދިޔަ އަހަރު ގެނެސްދިން ވެބް ސީރީޒް "އާރިއާ" ގެ ދެވަނަ ސީޒަންގެ މަސައްކަތް ވެސް މިހާރު އަންނަނީ ކުރަމުންނެވެ.

0 ކޮމެންޓް, 0 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454