28 އެޕްރީލް 2021 - 08:29
ކުރިއަށް އޮތް ފިތުރު އީދާ ދިމާކޮށް ސަލްމާން ޚާންގެ "ރާދޭ" ސިނަމާތަކަށް ގެންނަން ނިންމާފައި އޮއްވައި ހަމަ އެ ދުވަހު ރިލީޒްކުރަން ތާވަލުކުރި ޖޯން އަބްރަހަމްގެ "ސަތިޔަމޭވް ޖަޔަތޭ 2" ފިތުރު އީދުގައި ރިލީޒްނުކުރާ ގޮތަށް ނިންމައިފި އެވެ.
އަންނަ މަހުގެ 13 ގައި ފިލްމު ނުދައްކަން ނިންމީ އިންޑިއާގައި މި ވަގުތު ކޮވިޑް-19 ގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެފައިވާތީ އެވެ. ނަމަވެސް ސަލްމާން އަންނަނީ ހަމަ އެ ތާރީހުގައި އޭނާގެ ފިލްމު ރިލީޒްކުރަން ނިންމައި "ރާދޭ" ގެ ޕްރޮމޯނަޝަނަލް ހަރަކާތްތައް ވެސް ބާއްވަމުންނެވެ. ފިތުރު އީދުގައި ފިލްމު ރިލީޒްކުރާ އިރު ހަމަ އެ ދުވަހު ޒީ5 އާއި ޒީ ޕްލެކްސް އިން ވެސް އެ ފިލްމު ޕްރިމިއާކުރާނެ އެވެ.
ޖޯންގެ ފިލްމު ފަސްކުރަން ނިންމައި ނެރުނު ބަޔާނެއްގައި ބުނީ ގައުމުގެ ހާލަތު މި ވަގުތު އޮތީ އާންމުންގެ ސަލާމަތާއި ރައްކާތެރިކަމަށް ވަރަށް ބޮޑަށް އިސްކަން ދޭން ޖެހިފައި ކަމަށްވާތީ މިފަދަ ދަނޑިވަޅެއްގައި ފިލްމު ރިލީޒްކުރަން ބޭނުން ނުވާ ކަމަށެވެ. އެހެންވެ "ސަތިޔަމޭވް ޖަޔަތޭ 2" ރިލީޒްކުރާނެ ތާރީހެއް ފަހުން އިއުލާންކުރާނެ ކަމަށް ބުންޏެވެ.
ބުޝަން ކުމާރުގެ ޓީ ސީރީޒާއި ނިކިލް އަދުވާނީ އެއްމޭ އެންޓަޓައިންމަންޓް ގުޅިގެން ޕްރޮޑިއުސްކޮށްފައިވާ މި ފިލްމަކީ ކުރިން މިދިޔަ އަހަރުގެ އޮކްޓޯބަރު 2 ގައި ގެނެސްދޭން އުޅުނު ފިލްމެކެވެ. އޭރު ވެސް ފިލްމު ފަސްކުރަން ޖެހުނީ ކޮވިޑާ ހެދި އެވެ.
"ސަތިޔަމޭޖް ޖަޔަތޭ 2" އަކީ ޑައިރެކްޓަރު މިލަޕް މިލަން ޒަވޭރީ ޖޯންއާ އެކު 2018 ގައި ގެނެސްދިން "ސަތިޔަމޭވް ޖަޔަތޭ" ގެ ސީކްއެލް އެވެ.
ޖޯންގެ އެންމެ ފަހުގެ ފިލްމަކީ މިދިޔަ މަހުގެ 19 ގައި ސިނަމާތަކަށް ގެނައި "މުމްބާއީ ސާގާ" އެވެ. އޭނާ ރޯލެއް ކުޅެފައިވާ "ސަރުދާރު ކާ ގްރޭންޑްސަން" އަންނަ މަހުގެ 18 ގައި ނެޓްފްލިކްސް އިން ޕްރިމިއާކުރާނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy