ބޫމީ އަދި ޔާމީ.
09 ޖޫން 2021 - 06:42
ބޮލީވުޑްގެ އެކްޓަރު އަކްޝޭ ކުމާރު ޝޫޓިން ފަށަން ތައްޔާރުވަމުން އަންނަ ދެ ފިލްމަކަށް ބަތަލާއިން ހަމަޖައްސައިފި އެވެ.
ފިލްމީ ޚަބަރުތައް ގެނެސްދޭ ނޫސްތަކުން ބުނި ގޮތުގައި ޑައިރެކްޓަރު އާނަންދު އެލް ރާއީއާ އެކު އަކްޝޭ މަސައްކަތްކުރާ ދެވަނަ ފިލްމު "ރަކްޝާބަންދަން" ގެ ބަލަތާއަކަށް ހަމަޖައްސާފައި ވަނީ ބޫމީ ޕިޑްނޭކަރެވެ. އަކްޝޭއާ އެކު ޒުވާން ބަތަލާ ކުރިން ވެސް މަސައްކަތްކޮށްފައިވެ އެވެ. އެއީ 2017 އެންމެ ކާމިޔާބު ފިލްމުތަކުގެ ތެރޭގައި ހިމެނޭ "ޓޮއިލެޓް: އޭކް ޕްރޭމް ޚަތާ" ގަ އެވެ.
އަކްޝޭ ޕްރޮޑިއުސްކުރި ފިލްމަކުން ވެސް މިދިޔަ އަހަރު ބޫމީ ފެނިފައިވެ އެވެ. އެއީ މިދިޔަ އަހަރު އެމެޒޯން ޕްރައިމް ވީޑިއޯ އިން ޕްރީމިއާކުރި ހޮރޯ ތުރިލާ "ދުރުގާމަތީ" އެވެ.
ރިޕޯޓްތައް ބުނާ ގޮތުން "ރަކްޝާބަންދަން" ގެ ޝޫޓިން މި މަހުގެ 21 ގައި ފަށާނެ އެވެ. މި ފިލްމު 2019 ގައި އިއުލާންކުރީ ކުރިން މި އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައި ސިނަމާތަކަށް ގެންނަ ގޮތަށެވެ. އެކަމަކު ކޮވިޑް-19އާ ހެދި އެ ފުރުސަތު ގެއްލުނީ އެވެ.
"ރަކްޝާބަންދަން" ގެ ކުރިން އާނަންދާ އެކު އަކްޝޭ މަސައްކަތްކުރި ފުރަތަމަ ފިލްމު "އަތުރަންގީ ރޭ" ގެނެސްދޭނެ އެވެ. އެއީ މަސައްކަތް ނިމިފައި އޮތަސް ކޮވިޑާ ހެދި ރިލީޒްކުރުން ފަސްކޮށްފައިވާ ފިލްމެކެވެ. "އަތުރަންގީ ރޭ" ގައި ސާރާ އަލީ ޚާނާއި ދަނޫޝް ވެސް ހިމެނެ އެވެ.
ބަތަލާ އަކު ހަމަޖެއްސި އަކްޝޭގެ އަނެއް ފިލްމަކީ ސެޕްޓެމްބަރުގައި ޝޫޓިން ފަށަން ރާވާފައިވާ ފިލްމު އޯ މައި ގޯޑް (އޯއެމްޖީ) 2 އެވެ. ރިޕޯޓްތައް ބުނާ ގޮތުން އޭގެ ބަތަލާއަކަށް ނެގީ މިދިޔަ ހުކުރު ދުވަހު ކައިވެނިކުރި ޔާމީ ގޯތަމެވެ.
މި ފިލްމަކީ އަކްޝޭއާ އެކު ޔާމީ މަސައްކަތްކުރާ ފުރަތަމަ ފިލްމެވެ.
"އޯއެމްޖީ 2" ގެ ޑައިރެކްޓަރަށް އަމިތު ރާއީ ހަމަޖައްސާފައިވާ އިރު މީގެ ކާސްޓްގައި ޕަންކަޖް ތުރިޕަތީ ވެސް ހިމެނެ އެވެ. މި ފިލްމަކީ އަކްޝޭ 2012 ގައި ކުޅުނު "އޯއެމްޖީ" ގެ ސީކްއެލް އެވެ.
އަކްޝޭ ސޮއިކޮށްފައިވާ ފިލްމުތަކުގެ ތެރެއިން ޝޫޓިން ފަށާފައި އޮތް ދެ ފިލްމަކީ ކްރިތީ ސެނަން އާއި ޖެކްލިން ފެނަންޑޭޒް ބަތަލާއިންގެ ރޯލުން ފެންނާނެ "ބައްޗަން ޕާންޑޭ" އާއި ޖެކްލީން އާއި ނުޝްރަތު ބަރޫޗާއާ އެކު ކުޅޭ "ރާމް ސެތޫ" އެވެ.
ރިލީޒްވާން ހުރި އަކްޝޭގެ ފިލްމުތަކަކީ ކެޓްރީނާ ކައިފާ އެކު ކުޅެފައިވާ "ސޫރިޔަވަންޝީ" އާއި ސާރާއާ އެކު ކުޅެފައިވާ "އަތުރަންގީ ރޭ" ގެ އިތުރުން "ވާނީ ކަޕޫރާ އެކު ކުޅެފައިވާ "ބެލް ބޮޓަމް" އަދި 2017 ގެ މިސް ވޯލްޑް މަނޫޝީ ޗިލާރު ތައާރަފުކުރާ ފިލްމު "ޕްރިތުވީރާޖް" އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy