20 ޖޫން 2021 - 06:44
ހިންދީ ސިނަމާގެ އެންމެ ރީތި އަދި އެންމެ ކާމިޔާބު ފިލްމުތަކުގެ ތެރޭގައި ހިމެނޭ ޑައިރެކްޓަރު ސަންޖޭ ލީލާ ބަންސާލީގެ ފިލްމު "ހަމް ދިލް ޗުކޭ ސަނަމް" އަށް މިދިޔަ ހުކުރު ދުވަހު 22 އަހަރު ފުރި، އެކަން ފިލްމުގެ ޓީމުން ސޯޝަލް މީޑިއާގައި ވަނީ ފާހަގަކޮށްފަ އެވެ. އެކަމަކު މިހާ ހިސާބަށް އައި އިރު އޭގެ ލީޑް ދެ ތަރިން ކަމަށްވާ ސަލްމާން ޚާނާއި އައިޝްވާރިއާ ރާއީ އެކަކު އަނެކަކުގެ މަތިން ހަނދާން ނައްތާލައިފި އެވެ.
"ހަމް ދިލް ދޭ ޗުކޭ ސަނަމް" އަށް 22 އަހަރު ފުރުނުކަން ހަނދާންކޮށް ސަލްމާން އާންމުކުރީ އެންމެ ފޮޓޯއެކެވެ. އެއީ ބަންސާލީއާ އެކު ފެންނަ ފޮޓޯއެއް އެކަންޏެވެ. އަދި މީޑިއާތަކަށް އެންމެ އަޅައިގަތް ކަމަކީ އަޖޭ އާއި ބަންސާލީ ޓެގްކުރި ނަމަވެސް އައިޝްވާރިއާ ޓެގްނުކުރާތީ އެވެ.
"ހަމް ދިލް ދޭ ޗުކޭ ސަނަމް" އަކީ ލޯބީގެ ގުޅުމެއް ބޭއްވި ސަލްމާނާއި އައިޝްވާރިއާ އެކީގައި ލީޑް ރޯލު ކުޅުނު ހަމައެކަނި ފިލްމެވެ. އެ ދެ މީހުންގެ ލޯބީގެ ގުޅުން ނިމުމަކަށް އައީ ވަރަށް ހިތްދަތިކޮށެވެ. އެންމެ ބޮޑު މައްސަލަ އަކީ ސަލްމާން މަސްތުވެގެން ހަމައިން ނެއްޓި އައިޝްވާރިއާ އަށް އަނިޔާކުރުރުން ކަމަށް އަޑު އަރާފައިވެ އެވެ.
އެ ވާހަކަ އެ ދުވަސްވަރު ވަރަށް ގަދައަށް މީޑިއާތަކުގައި ވެސް ދެކެވުނެވެ. އެކީގައި އިތުރު ފިލްމުތަކެއްގެ ލީޑް ރޯލު ދެ ތަރިން ނުކުޅަސް އައިޝްވާރިއާ އާއި ފިރިމީހާ އަބީޝެކް ބައްޗަންގެ 2000 ވަނަ އަހަރުގެ ފިލްމު "ދާއީ އަކްޝަރު ޕްރޭމް ކޭ" ގެ ހާއްސަ ފެނިލުމެއް ސަލްމާން ކުޅުނެވެ. އަދި ސަލްމާނާއި މަދޫރީ ޑިކްސިޓާއި ޝާހްރުކް ޚާންގެ 2002 ގެ "ހަމް ތުމާރޭ ހޭ ސަނަމް" ގެ ހާއްސަ ފެނިލުމެއް އައިޝްވާރިއާ ކުޅުނެވެ.
"ހަމް ދިލް ދޭ ޗުކޭ ސަނަމް" ގެ ހަނދާންތައް އައިޝްވާރިއާ ވެސް އިންސްޓަގްރާމްގައި އާކޮށް ޕޯސްޓްކުރި ފޮޓޯތަކުގެ ތެރޭގައި ސަލްމާންގެ ފޮޓޯއެއް ނެތެވެ. އަދި އެ ފޯސްޓްގައި އެއްވެސް ޓެގެއް ވެސް ނެތެވެ. އައިޝްވާރިއާގެ ޕޯސްޓްގައި އެ ފިލްމުން ބެލުންތެރިން ދިން ލޯތްބަށް ޝުކުރު އަދާކޮށްފައިވެ އެވެ. ސަލްމާން ވަކިވުމަށް ފަހު، ވިވެކް އޮބެރޯއީއާ ވެސް ރައްޓެހިވި ކުރީގެ ރީތީގެ ރާނީ، އަބީޝެކް ބައްޗަންއާ ކައިވެނިކުރީ 2007 ގަ އެވެ. އެ ކައިވެންޏަށް 9 އަހަރުގެ އަންހެން ކުއްޖަކު ވެސް މިހާރު އެބަހުއްޓެވެ.
ބަންސާލީ ގެނެސްދިން އެންމެ ރީތި ފިލްމުގެ ގޮތުގައި އަދިވެސް ބެލުންތެރިން އެންމެ ބޮޑަށް ފާހަގަކުރާ އެ ފިލްމަކީ ޖޫން 18، 1999 ގައި ރިލީޒްކުރި ފިލްމެކެވެ. "ހަމް ދިލް ދޭ ޗުކޭ ސަނަމް" އަކީ ސަލްމާނާއި އައިޝްވާރިއާގެ އިތުރުން އަޖޭ ދޭވްގަން މައިގަނޑު ރޯލު ކުޅުނު ވަރަށް އަސަރު ގަދަ ލޯބީގެ ފިލްމެކެވެ.
މި ފިލްމުގެ ހަނދާންތައް ބަންސާލީ ޕްރޮޑަކްޝަނުން ފާހަގަކުރީ ފިލްމުގެ ސެޓުން ނަގާފައިވާ ބައެއް ފޮޓޯތަކާ އެކީގަ އެވެ. އެގޮތުން ފިލްމުގެ މައި ތިން ކެރެކްޓާ ކަމަށްވާ ސަމީރު (ސަލްމާން) އާއި ނަންދިނީ (އައިޝްވާރިއާ) އަދި ވަންރާޖް (އަޖޭ) އަކީ އަދިވެސް ދިރިދިރި ހުރި ކެރެކްޓާތަކެއް ކަމަށް ބުންޏެވެ.
މި ފިލްމުގެ ހަނދާންތައް ތިން ފޮޓޯއަކުން އާކޮށް އަޖޭ ބުނީ "ހަމް ދިލް ދޭ ޗުކޭ ސަނަމް" ގެ މަސައްކަތްކުރި ވެސް އިރު އެއީ ވަރަށް ޖަޒުބާތީ ފިލްމަކަށް ވާނެކަން އެނގޭ ކަމަށެވެ. އެކަމަކު އެ ފިލްމު ހޯދި ބޮޑު ކާމިޔާބީ އަކީ ކުރިން އުންމީދުކުރި ކަމެއް ނޫން ކަމަށެވެ.
އަޖޭ އިންސްޓަގްރާމްގައި ޕޯސްޓްކުރި ފޮޓޯތަކުގައި ބަންސާލީއާ އެކު ނަގާފައިވާ ފޮޓޯއަކާއި އައިޝްވާރިޔާއާ އެކި ނަގާފައިވާ ފޮޓޯއެއްގެ އިތުރުން ސަލްމާނާ އެކު ހުރި ފޮޓޯއެއް ހިމެނެ އެވެ. އަދި އެ މީހުން ޓެގްކޮށްފައިވެ އެވެ.
"ހަމް ދިލް ދޭ ޗުކޭ ސަނަމް" އަކީ އެ ފިލްމުގެ ޖާދޫގައި ބެލުންތެރިން ވަަރަށް ބޮޑަށް ޖެހުނު ފިލްމެކެވެ. ވަރަށް އިންޑިއާވަންތަކޮށް ގެނެސްދިން ފިލްމުގައި ކިޔައިދެނީ އިންތިހާ އަށް ލޯބިވާ ދެ މީހަކަށް އާއިލާ ތެރެއިން ދިމާވާ ހުރަސްތަކާ ހެދި ފުރަތަމަ ލޯބި ގުރުބާންކުރަން ޖެހުމުން ދިމާވާ ހާދިސާތަކެވެ.
"ހަމް ދިލް ޗުކޭ ސަނަމް" އަކީ އެ ފިލްމުގެ ލަވަތައް އަދިވެސް ވަރަށް މަޝްހޫރު ފިލްމެކެވެ. އިސްމާއިލް ދަރުބާރު މިއުޒުކް ހެދި ފިލްމުގެ އެންމެ ފާހަގަކޮށްލެވޭ ލަވަތަކުގެ ތެރޭގައި "ޗާންދު ޗުޕާ ބާދަލް މޭ"، "އާނކީ ކޯ ގުސްތާކިޔާ"، "ދޯލި ތާރޯ"، "ތަޅަމް ތަޅަޕް" އަދި ފިލްމުގެ ޓައިޓްލް ލަވަ ހިމެނެ އެވެ.
މި ފިލްމުން އައިޝްވާރި އާއި ބަންސާލީ އެތައް އެވޯޑެއް ވެސް ހޯދި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ކަޓްރީނާ
21 June 2021
ސައްލޫ ބާއި. ބޮލިވުޑް މާފިއާ.
ކުލްކުލީ
20 June 2021
ރަލަކީ ހުރިހާ ނުބައިކަމެއްގެ މަންމަ.