10 އޮކްޓޯބަރ 2021 - 06:40
ދީޕިކާ ޕަދްކޯނާއި ކާތިކް އާރިޔަން އެކީގައި ފިލްމަކަށް ގެންނަން އުޅޭ ވާހަކަ ދެކޭވޭތާ މިހާރު ދުވަސްތަކެއް ވެއްޖެ އެވެ. ކުރިން އަޑު އަރާފައީވާ ގޮތުން ދެ ތަރިން އެކީގައި ފެންނާނެ ފިލްމަކީ އިމްތިއާޒް އަލީ ލިޔެ، ޑައިރެކްޓްކުރާ ފިލްމެކެވެ. ދީޕިކާ އާއި ކާތިކް ވެސް ކުރިން އިމްތިއާޒާ އެކު މަސައްކަތްކޮށްފައިވެ އެވެ. އެގޮތުން އޭނާ އެންމެ ފަހުން ގެނެސްދިން މިދިޔަ އަހަރުގެ "ލަވް އާޖް ކަލް" އަކީ އިމްތިއާޒާ އެކު ދީޕިކާ 2009 ގައި މަސައްކަތްކުރި ފުރަތަމަ ފިލްމުގެ ނަމުގައި ގެނެސްދިން ފިލްމެކެވެ. އެ ފިލްމުގެ ބަތަލާ އަކީ ދީޕިކާއާ އެކު "ލަވް އާޖް ކަލް" ކުޅުނު ސައިފް އަލީ ޚާންގެ ދަރިފުޅު ސާރާ އަލީ ޚާނެވެ.
އިމްތިއާޒާ އެކު ދީޕިކާ މަސައްކަތްކުރި ދެވަނަ ފިލްމަކީ ރަންބީރް ކަޕޫރް ބަތަލުގެ ރޯލު ކުޅުނު 2015 ގެ "ތަމާޝާ" އެވެ.
ބޮލީވުޑް ހަންގާމާ އިން ބުނި ގޮތުގައި "ލަވް އާޖް ކަލް" ގެ ޕްރޮޑިއުސަރު ދިނޭޝް ވިޖަންގެ ފިލްމު ކުންފުނި މެޑޮކް ފިލްމްސް މިހާރު އަންނަނީ ދީޕިކާ އާއި ކާތިކް ކުޅޭ ފިލްމެއް އިއުލާން ކުރަން ތައްޔާރު ވަމުންނެވެ.
ރޮމޭންޓިކް ކޮމެޑީއެއްގެ ގޮތުގައި ހަދާ މި ފިލްމަށް އަނގަ ބަހުން ކާތިކް ރުހުން ދީފައިވާ އިރު، ދީޕިކާގެ ޝެޑިއުލް މިހާރު ވަރަށް ތާށިކޮށް އުޅޭތީ އޭނާ އަށް ވަގުތު ދެވޭނެ އިރަކަށް ބަލައި، ސޮއި ހޯދަން މިހާރު އަންނަނީ މަސައްކަތް ކުރަމުންނެވެ.
ހަންގާމާ އިން ބުނި ގޮތުގައި ކާތިކާއި ދީޕިކާގެ ޖޯޑު އެކީގައި ސްކްރީނަށް ގެންނަން ދިނޭޝް ކުރާ މަސައްކަތް މި ފަހަރު ކާމިޔާބު ކޮށްފައި ނޫނީ ހުއްޓައެއް ނުލާނެ އެވެ. އެކަމަކު އެ ފިލްމު ޑައިރެކްޓް ކުރާނީ ކާކު ކަމެއް އަދި ނޭނގެ އެވެ. ދިނޭޝް ޑައިރެކްޓްކުރި ހަމައެކަނި ފިލްމު 2017 ގެ "ރާބްތާ" އަކީ ދީޕިކާގެ ހާއްސަ ލަވައެއް ވެސް ހިމެނުނު ފިލްމެކެވެ.
ދިނޭޝް ޕްރޮޑިއުސްކޮށް ކާތިކް ކުޅުނު ފިލްމުތަކުގެ ތެރޭގައި 2019 ގެ "ލުކާ ޗުޕީ" ވެސް ހިމެނެ އެވެ. ދީޕިކާ އަކީ ދިނޭޝް ޕްރޮޑިއުސްކުރި 2012 ގެ "ކޮކްޓެއިލް" އާއި 2014 ގެ "ފައިންޑިން ފެނީ" ގެ ވެސް ޕްރޮޑިއުސަރެވެ.
ޑިސެމްބަރުގައި ރިލީޒްކުރާ "83" ގެ ރޯލެއް ކުޅެފައިވާ ދީޕިކާ ދާދި ފަހުން ޑައިރެކްޓަރު ޝަކުން ބަޓްރާގެ ތުރިލާގެ މަސައްކަތް ނިންމާލި އިރު، ސޮއިކޮށްފައި ހުރި ފިލްމުތަކުގެ ތެރޭގައި "ޕަތާން" އާއި "ފައިޓާ" އާއި "ދި އިންޓާން" ގެ އިތުރުން ޕްރަބާސްއާ އެކު ކުޅޭ ފިލްމެއް ހިމެނެ އެވެ.
މީގެ ދެ ހަފުތާއެއްހާ ދުވަސް ކުރިން "ފްރެޑީ" ގެ މަސައްކަތް ނިންމައިލި ކާތިކްގެ އަތުގައި ހުރި ފިލްމުތަކުގެ ތެރޭގައި ރިލީޒްކުރަން ތައްޔާރު ވަމުން އަންނަ "ދަމާކާ" ގެ އިތުރުން "ބޫލް ބުލައްޔާ 2" އާއި "ޝެހެޒާދާ" އާއި "ކެޕްޓަން އިންޑިއާ" އަދި "ސަތިއަނާރަޔަން ކީ ކާތާ" ހިމެނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy