ވޯލްޑް ކަޕްގެ މެޗުތައް މީޑިއާނެޓުގެ ޕްލެޓްފޯމްގައި ފެންނާނެ ކަމުގެ ޔަގީންކަން ދީފި

އަންނަ ބުރާސްފަތި ދުވަހު ރަޝިޔާގައި ފަށާ މި އަހަރުގެ ވޯލްޑް ކަޕްގެ މެޗުތައް މީޑިއާނެޓުގެ ޕްލެޓްފޯމްގައި ބަލައިލުމުގެ ފުރުސަތު ނުލިބިދާނެ ކަމަށް ބަޔަކު މީހުން އަޑު ފަތުރައި، ޝައްކު އުފެއްދި ނަމަވެސް އެ ވާހަކަތަކުގެ އެއްވެސް ހަގީގަތެއް ނެތް ކަމަށް އެ ކުންފުނިން އިއްޔެ ބުނެފި އެވެ.


މީޑިއާނެޓުން އެހެން ބުނިއިރު، ވޯލްޑް ކަޕްގެ މެޗުތައް ސޮނީ ޕިކްޗާސްގެ ޗެނަލްތަކުން ދައްކަން ރާއްޖޭގެ ކޭބަލް ޓީވީ އޮޕަރޭޓަރުންނާ އެކު މިހާތަނަށް އެއްބަސްވުމަކަށް ނާދެވޭ ކަމަށް ދައުލަތުގެ މީޑިއާ ހިންގާ ކުންފުނި، ޕީއެސްއެމުން ކުރިން ވަނީ ބުނެފަ އެވެ.

ސޮނީން ވަނީ ޕީއެސްއެމަށް ވޯލްޑް ކަޕްގެ މެޗުތައް ބްރޯޑްކާސްޓް ކުރުމުގެ ރައިޓްސް ދީފަ އެވެ. އަދި ޕީއެސްއެމުން މިދިޔަ ބުދަ ދުވަހު ނެރުނު ނޫސްބަޔާނެއްގައި ބުނެފައި ވަނީ ރާއްޖޭގައި ވޯލްޑް ކަޕް ދެއްކުމުގެ ރައިޓްސް ލިބިފައިވާ ހަމައެކަނި ފަރާތަކީ އެ ކުންފުނި ކަމަށެވެ.

ނަމަވެސް، ޕީއެސްއެމްގެ އެ ބަޔާނާ ގުޅިގެން، ރާއްޖޭގައި ފުޅާ ދާއިރާއެއްގައި ކޭބަލް ޓީވީގެ ޚިދުމަތް ދޭ މީޑިއާނެޓުން ނެރުނު ނޫސްބަޔާނެއްގައި ވަނީ އެކަމަށް ރައްދު ދީފަ އެވެ.

މީޑިއާނެޓުން ބުނީ ވޯލްޑް ކަޕްގެ މެޗުތައް މި ސަރަހައްދުގެ ގައުމުތަކަށް ފޮނުވައި ދިނުމުގެ ރައިޓްސް އޮންނަ ސޮނީ ޕިކްޗާސްގެ ޗެނަލްތައް މީޑިއާނެޓުގެ ޕްލެޓްފޯމްގައި ރާއްޖެ އަށް ރީބްރޯޑްކާސްޓް ކުރުމަށް ސޮނީއާ އެކު ސައްހަ އެއްބަސްވުމެއް ހަދާފައިވާ ކަމަށެވެ.

"މިގޮތުގެ މަތިން، ސޮނީ ޕިކްޗާސް ނެޓްވޯކުގެ ޗެނަލްތަކުން ފޮނުވާ އެހެން ވެސް ބޮޑެތި ކުޅިވަރު މުބާރާތްތައް ފެންނަ ފަދައިން، މި އަހަރުގެ ވެސް ފީފާ ވޯލްޑް ކަޕް 2018ގެ މެޗުތައް ސޮނީ ޓެން 2 އަދި ސޮނީ ޓެން 3 އިން، މީޑިއާނެޓުގެ ޕްލެޓްފޯމް މެދުވެރިކޮށް ފެނިވަޑައިގަންނަވާނެ އެވެ،" ހަގީގަތް އޮޅުން ފިލުވައި ދިނުމަށް ނެރުނު ބަޔާނުގައި މީޑިއާނެޓުން ބުންޏެވެ.

އެ ކުންފުނިން ބުނިގޮތުގައި، މި އަހަރު މުޅިން އަލަށް ގެނެސްދޭ އަލްޓްރާ ހައިޑެފިނިޝަން (ޔޫއެޗްޑީ) ކޮލިޓީ (4ކޭ) ކޮލިޓީގެ މެޗުތައް ސޮނީ ޓެން 2ގެ ޔޫއެޗްޑީ ޗެނަލް އިން ފޮނުވާއިރު، އެކަމަށް ޚާއްސަ ކޮށްގެން މީޑިއާނެޓުން ތައާރަފް ކުރާ ޔޫއެޗްޑީ ސަޕޯޓްކުރާ 580އެމް ޑިކޯޑަރު މެދުވެރިކޮށް 4ކޭ މެޗުތައް ބެލުމުގެ ފުރުސަތު ލިބޭނެ އެވެ.

މީޑިއާނެޓުގެ އިތުރުން، ރާއްޖޭގައި ކޭބަލް ޓީވީގެ ޚިދުމަތް ދޭ ދިރާގުން ވެސް ބުނެފައި ވަނީ ވޯލްޑް ކަޕްގެ މެޗުތައް އެ ކުންފުނިން ދައްކާނެ ކަމަށެވެ.