"ބޮހީމިއަން ރާޕްސޮޑީ" 108 ފަހަރު ބަލައިގެން ދުނިޔޭގެ ރެކޯޑް ފޮތަށް

މީގެ ދެ އަހަރު ކުރިން ރިލީޒްކުރި ހޮލީވުޑްގެ ކާމިޔާބު ފިލްމު "ބޮހީމިއަން ރަޕްސޮޑީ" ބަލައިގެން އޮސްޓްރޭލިއާގެ އަންހެނަކަށް ދުނިޔޭގެ ރެކޯޑް ފޮތުން ޖާގައެއް ޔަގީންކޮށްފި އެވެ.


އެ ގައުމުގެ ބްރިޒްބޭން ސިޓީގެ ރެޑްކްލިފަށް ނިސްބަތްވާ ޖޮއާން ކޮނާ އަށް ދުނިޔޭގެ ރެކޯޑް ފޮތުން ޖާގަ ދިނުމުގެ މަސައްކަތް ގިނިސް ވޯލްޑް ރިކޯޑުން ފަށާފައި ވަނީ 2018 ގައި ގެނެސްދިން ފިލްމު 108 އަށް ފަހަރު ތިއޭޓަރުގައި ބަލާފައިވާތީ އެވެ. މި ރެކޯޑް ޖޮއާން ލިބޭ ވާހަކަ ގިނިސް އިން ވަނީ ޓްވިޓާގައި ވެސް ބުނެފަ އެވެ.

ޖޮއާން ބުނިގޮތުގައި "ބޮހީމިއަން ރާޕްސޮޑީ" މިހާތަނަށް 400 އަށް ވުރެ ގިނަ ފަހަރު ބެލުނީ އޭގެ ވާހަކަ ބިނާކޮށްފައި އޮތް އިނގިރޭސިވިލާތުގެ ކުރީގެ މިއުޒިކް ބޭންޑް "ކްއީން" އަކީ ވަރަށް މަގުބޫލު ބޭންޑަކަށްވާތީ އެވެ. ފިލްމުގައި ކިޔައިދިނީ ބޭންޑާއި އޭގެ ލީޑް ވޯކަލިސްޓް ފްރެޑީ މާކިއުރީގެ ވާހަކަ އެވެ. "ބޮހީމިއަން ރާޕްސޮޑީ" ގައި ފްރެޑީގެ ރޯލް ކުޅެގެން ރަމީ މާލިކް ވަނީ އެންމެ މޮޅު އެކްޓަރުގެ އޮސްކާ އެވޯޑް ވެސް ހޯދައިފަ އެވެ.

ދެ ގަޑިއިރާއި 13 މިނިޓްގެ ފިލްމަކީ ބްރަޔަން ސިންގާ ޑައިރެކްޓްކުރި ފިލްމެކެވެ.

ޖޮއާން ތިއޭޓަރުގައި 108 ފަހަރު އަށް ފިލްމު ބަލާފައި ވަނީ 10 ދުވަސް މަތިންނެވެ. އަދި އޭނާ އަށް ދުނިޔޭގެ ރެކޯޑް ފޮތުން ޖާގަ ދޭއިރު، ގޭގައި "ބޮހީމިއަން ރާޕްސޮޑީ" ބެލި 291 ފަހަރެއް ނުހިމަނާނެ އެވެ. ނަމަވެސް ތިއޭޓަރަށް ގޮސް ފިލްމު ބަލަން އޭނާ ވަނީ 240 ގަޑިއިރު ހޭދަކޮށްފަ އެވެ.

ޖޮއާން ބުނީ "ބޮހީމިއަން ރާޕްސޮޑީ" އަކީ ބަލައި ފޫހިނުވާ، ވަރަށް ވެސް ގަޔާވާ ފިލްމެއް ކަމަށެވެ. އަދި އެ ފިލްމު ބަލައިލަން މިހާތަނަށް ލިބުނު އެއްވެސް ދަނޑިވަޅެއް ދޫކޮށްނުލާ ކަމަށް ބުންޏެވެ.

"އަހަންނަށް އެ ފިލްމު އެހާ ބޮޑަށް ލޯބި ޖެހުނު އެއް ސަބަބަކަށް ވާނެ ބޭންޑްގެ ބައެއް މެމްބަރުންނާ ބްރިޒްބޭންގައި ބައްދަލުވުން ވެސް. އޭގެ ތެރޭގައި ބްރަޔަން މޭ އާއި ރޮޖާ ޓޭލާ ހިމެނޭ." ޖޮއާން ބުންޏެވެ. "އެ މީހުންނާ ބައްދަލުވީ އަހަރުތަކެއް ކުރިން ޝޯއެއް ދޭން ބްރިޒްބޭން އަށް އައިސްގެން އުޅެނިކޮށް ބެކްސްޓޭޖުން."

ޖޮއާން ބުނީ އަދިވެސް އޭނާ "ބޮހީމިއަން ރާޕްސޮޑީ" ބަލާނެ ކަމަށާއި އެއީ ފަހު ނޭވައާ ހަމައަށް ވެސް ހުއްޓައިނުލާނެ ކަމެއް ކަމަށެވެ.

ތިއޭޓަރުގައި އެންމެ ގިނަ ފަހަރަށް އެއް ފިލްމެއް ބެލި މީހާގެ ރަސްމީ ރެކޯޑް މި ވަގުތު އޮތީ އެމެރިކާގެ އެންތަނީ މިޝެލްގެ އަތުގަ އެވެ.

އޭނާ އަށް ދުނިޔޭގެ ރެކޯޑް ފޮތުން ޖާގަ ލިބުނީ 2018 ގައި ގެނެސްދިން "އެވެންޖާޒް" ގެ ތިން ވަނަ ފިލްމު "އިންފިނިޓީ ވޯ" 103 ފަހަރު ބަލައިގެންނެވެ.

އެ ރެކޯޑް މުގުރައިލަން ފްލޮރިޑާގައި ދިރިއުޅޭ އަގަސްޓިން އެލާނިސް ކިޔާ ޒުވާނަކު މިދިޔަ އަހަރު ރިލީޒްކުރި "އެވެންޖާޒް: އެންޑްގޭމް" 114 ފަހަރު ބަލާފައިވާ ކަމަށް ބުނެފައިވެ އެވެ. އެކަމަކު އޭނާ އަށް ރެކޯޑް ކަށަވަރުވާ ގޮތެއް ނުވި އެވެ.