ތިން ފިރިހެނަކު ވެގެން 17 އަހަރުގެ ކުއްޖަކު ރޭޕްކުރި މައްސަލައެއް

ތިން ފިރިހެނުންގެ ގުރޫޕަކުން އުމުރުން 17 އަހަރުގެ އަންހެންކުއްޖަކު ރޭޕްކުރި މައްސަލައެއް ބަލަމުން އަންނަ ކަމަށް ފުލުހުން މިރޭ ބުނެފި އެވެ. އެކަމަކު، އެ އަމަލު ހިންގި މީހުން އަދި ހައްޔަރެއް ނުކުރެ އެވެ.


ފުލުހުން ބުނީ، ތިން މީހުން "ގޭންގް ރޭޕް" ހިންގީ ރޭގެ 8:15 ހާއިރު ކަމަށެވެ. މެދު ރާއްޖެތެރޭގެ ރަށެއްގައި (ކ. އއ. އދ އަދި ވ. އަތޮޅު) ހިންގި މި މައްސަލަ ފުލުހުންނަށް ހުށަހެޅީ މިރޭ ކަމަށް ފުލުހުން ބުންޏެވެ.

މި މައްސަލައިގެ ތަފްސީލެއް އަދި ފުލުހުން ހާމައެއް ނުކުރެ އެވެ.

ފުލުހުން ބުނީ، ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މައްސަލަތައް ވަރަށް ސީރިއަސް ކަމެއްގެ ގޮތުގައި ބަލާ ކަމަށެވެ. ކުއްޖާގެ ހިމާޔަތަށްޓަކައި އެ ކުއްޖާގެ އަތޮޅާއި ރަށް ފުލުހުން ހާމައެއް ނުކުރެ އެވެ.

ކުޑަކުދިންނަށް ޖިންސީ ގޯނާކުރުމާއި ރޭޕްގެ މައްސަލަތައް އިތުރުވެ، އެންމެންގެ ސަމާލުކަމަށް އައިސްފައި މިވަނީ ގއ. ކަނޑުހުޅުދޫގައި އުމުރުން ދެ އަހަރު ވެސް ނުވާ އަންހެންކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައެއް ފެންމަތިވި ފަހުންނެވެ. އެ ކުއްޖާ އަށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތު ކުރަނީ އެ ކުއްޖާގެ ކާފަ އާއި މުނިކާފަ އަށެވެ. އެ ދެ މީހުން ވަނީ ހައްޔަރުކޮށްފަ އެވެ. އަދި އެ ކުއްޖާގެ ބައްޕަ އަށް އިހުމާލުވުމުގެ ތުހުމަތު ކުރާއިރު އޭނާ ވެސް ވަނީ ހައްޔަރުކޮށްފަ އެވެ.