ތާޒާކޮށް ހުންނަން، ތާޒާ މޭވާ އާއި ތަރުކާރީ

ސިއްހީ ތަޖުރިބާކާރުން އަބަދު ވެސް ދޭ ނަސޭހަތެއް އޮވެ އެވެ؛ ވީހާ ވެސް ގިނައިން ތަރުކާރީ އާއި މޭވާގެ ބާވަތްތައް ކާށެވެ. ވަކިން ހާއްސަކޮށް، ތާޒާ މޭވާ އާއި ތަރުކާރީ ކޮންމެ ދުވަހަކު ވެސް ކާށެވެ.


ބައެއް މީހުންނަށް ތަރުކާރީގެ ބައެއް ބާވަތްތަކަކީ ނުކައްކައި ނުވަތަ ރޯ ނުފިލުވައި ކާން އެހާ ފަސޭހަ ބާވަތްތަކެއް ނޫނެވެ. އެހެން ވިޔަސް، މީގައި މުހިއްމު ކަމަކީ ވީހާ ވެސް ކުޑަކޮށް ތަރުކާރީ ކައްކައިގެން ކެއުމެވެ.

ދިރާސާއެއްގައި މިހާރު ބުނާ ގޮތުން އާދަކޮށް، ތާޒާ މޭވާ އާއި ތަރުކާރީ ކާ ނަމަ، ނަފްސާނީ ގޮތުން މީހާ ދުޅަހެޔޮކޮށްދީ، ޑިޕްރެޝަން ފަދަ ސިއްހީ މައްސަލަތަކުން ރައްކާތެރިކޮށްދެ އެވެ.

ނިއުޒިލެންޑްގެ އޮޓާގޯ ޔުނިވަސިޓީން ހެދި ދިރާސާއެއްގައި ބުނެފައިވާ ގޮތުގައި މޭވާގެ ބާވަތްތަކުގެ ތެރެއިން ދޮންކޭލާއި ކިވީ އާއި އާފަލާއި ފެހިކަން ގަދަ ތަރުކާރީގެ ބާވަތްތައް ތާޒާކޮށް ކެއުމަކީ ސިއްހަތަށް ވަރަށް ވެސް ރަނގަޅު ކަމެކެވެ.

އެ ދިރާސާގައި ފާހަގަކޮށްފައިވާ ގޮތުގައި ޕްރޮސެސްކޮށްފައި ހުންނަ ބާވަތްތަކާއި ދަޅުގައި ބަންދުކޮށްފައި ހުންނަ ތަރުކާރީގެ އާއި މޭވާގެ ބާވަތްތަކާއި އަދި ކައްކައިގެން ތަރުކާރީ ފަދަ ބާވަތްތައް ބޭނުން ކުރުމަކީ އެއިން ލިއްބައި ދޭން ޖެހޭ ފުރިހަމަ ނިއުޓްރިޝަން އުނިކޮށްލާނެ ކަމެކެވެ.

ތަރުކާއި މޭވާގެ ބާވަތްތަކެއް: ފައިދާތައް ގިނަ.

ދިރާސާ ޓީމްގައި ހިމެނުނު ޓެމްލިން ކޮނާ ވިދާޅުވި ގޮތުގައި ވީހާ ވެސް ތާޒާކޮށް މޭވާ އާއި ތަރުކާރީ ކެއުމަކީ މީހާ ވެސް ތާޒާކޮށްލަދޭ އުފާވެރިކަމާއި ހިތްހަޖެހުން ގެނެސްދީ މީހާގެ މޫޑް ރަނގަޅުކޮށްލާ ކަމެކެވެ.

"އެހެންވީމާ އިސްކަން ދޭންވީ މޮޑިފައި ނުކޮށް ތަރުކާރީ އާއި މޭވާ ކާން،" އޭނާ ވިދާޅުވި އެވެ.

ފްރޮންޓިއާސް އިން ސައިކޮލޮޖީ ޖާނަލްގައި ޝާއިއު ވެސް ކޮށްފައިވާ ދިރާސާގައި ބުނެފައި ވަނީ ތަރުކާރީ އާއި މޭވާގެ ބާވަތްތައް، މަދުވެގެން ހަފުތާގެ ފަސް ދުވަހު ކެއުން ކޮންމެހެން ވެސް މުހިއްމު ކަމަށެވެ.

"ދުޅަހެޔޮ ދިރިއުޅުމަކަށް އަމާޒު ހިފާ ނަމަ، ތާޒާ މޭވާ އާއި ތަރުކާރީ ކާން އިހުމާލުކޮށްލައިގެން ނުވާނެ،" ކޮނާ ވިދާޅުވި އެވެ. "އަދި ޑިޕްރެޝަން ފަދަ މައްސަލަތައް ބޮޑު މި ޒަމާނުގައި އެކަމުން ރައްކާތެރިވުމަށް މިއީ ވަރަށް ވެސް މުހިއްމު ކަމެއް."