ޕްރިންސް ފިލިޕްގެ ޑްރައިވިން ލައިސަންސް ފުލުހުންނާ ހަވާލުކޮށްފި

އިނގިރޭސިވިލާތުގެ ރާނީ ކްއީން އެލިޒަބަތުގެ ފިރިކަލުން ޕްރިންސް ފިލިޕް މިދިޔަ މަހު އަމިއްލަފުޅަށް ކާރު ދުއްވަނިކޮށް އެކްސިޑެންޓްވެ، އެ ހާދިސާގައި ބަޔަކަށް އަނިޔާވެ، ފާޑުކިޔުންތައް ވެސް އަމާޒުވެފައި ވަނިކޮށް ޑްރައިވިން ލައިންސް އަމިއްލަފުޅަށް ދޫކޮށްލައްވައިފި އެވެ.


އުމުރުފުޅުން 97 އަހަރުގެ ފިލިޕްސް ލައިސަންސް ދޫކޮށްލެއްވިކަން ޝާހީގަނޑުވަރު ބަކިމްހަމް ޕެލަސްގެ ތަރުޖަމާނު ވެސް ވަނީ މީޑިއާތަކަށް ކަށަވަރުކޮށް ދީފަ އެވެ.

މިދިޔަ މަހުގެ 17 ވަނަ ދުވަހު ފިލިޕް ސީޓް ބެލްޓް ވެސް ނާޅުއްވައި ނޯފޯކްގެ ސޭންޑްރިންހަމްގައި އަމިއްލަފުޅަށް ކާރު ދުއްވަނިކޮށް އެކްސިޑެންޓްވީ އެހެން ކާރަކާ އޯވަޓޭކް ކުރައްވަން އުޅުއްވުމުގެ ތެރޭގަ އެވެ. މި ހާދިސާގައި އަނެއް ކާރު ދުއްވަން އިން 28 އަހަރުގެ އަންހެން ޑްރައިވަރުގެ ކަކޫ ޒަހަމްވެ، ކާރުގައި އިން 45 އަހަރުގެ އަންހެނެއްގެ އަތުކުރި ވަނީ ބިންދައިގެން ގޮސްފަ އެވެ.

މި ހާދިސާ ހިނގި އިރު އެ ކާރުގައި ނުވަ މަހުގެ ކުއްޖަކު ވެސް އިން ނަމަވެސް އެ ކުއްޖާ އަށް އެއްވެސް ގެއްލުމެއް ނުވެ އެވެ.

ފިޕިލް އެކްސިޑެންޓްވި ހާދިސާ މިހާރު އިތުރަށް ތަހުގީގު ކުރަމުން އަންނަ އިރު، ނޯފޯކް ފުލުހުން ބުނީ ޕްރިންސް ފިލިޕްގެ ލައިސަންސް ފުލުހުންނާ ހަވާލުކޮށްފައިވާ ކަމަށާއި ލައިންސަސް ކާޑް ޑްރައިވާ އެންޑް ވެހިކަލް ލައިސެންސިން އެޖެންސީ (ޑީވީއެލްއޭ) އަށް ރައްދު ކުރާނެ ކަމަށެވެ.

އީބޭގައި ޖެހި ޕްރިންސް ފްލިޕްސްގެ ކާރުގެ ޑެބްރީސްގެ އިޝްތިހާރު.

އެކްސިޑެންޓްވި ހާދިސާގައި މަގުމައްޗަށް ފޭބި ކާރުގެ ބައިތަކެއް ވިއްކަން ބަޔަކު "ޕްރިންސް ފިލިޕް ކާ ކްރޭޝް ޕާޓްސް" ގެ ނަމުގައި އީބޭގައި މިދިޔަ މަހުގެ ފަހުކޮޅު އިއުލާން ވެސް ކުރި އެވެ. އެކަމަކު އޭގެ ބިޑް 65،900 ޕައުންޑަށް އަރާފައި ވަނިކޮށް، އިއުލާން ފަހުން ވަނީ ނަގައިފަ އެވެ.

ޕްރިންސް ފިލިޕަކީ ޕްރިންސް ވިލިއަމާއި ޕްރިންސް ހެރީގެ ކާފާފުޅެވެ.