އެންމެ ޒުވާން ބިލިއަނަރަކީ ކައިލީ ޖެނާ

މި ވަގުތު ދުނިޔޭގައި ހުރި އެންމެ ޒުވާން ބިލިއަނަރުގެ މަގާމު އެމެރިކާގެ މަޝްހޫރު ރިއަލިޓީ ޝޯ ތަރި ކައިލީ ޖެނާ އަށް ލިބިއްޖެ އެވެ.


ކުރިން އެންމެ ޒުވާން އުމުރުގައި ބިލިއަނަރަކަށް ވުމުގެ ޝަރަފު އޮތީ ފޭސްބުކްގެ ވެރިޔާ މާކް ޒުކަބާގް އަތުގަ އެވެ. އެއީ އުމުރުން 23 އަހަރުގަ އެވެ.

ނަމަވެސް ފޯބްސް އިން ނެރުނު އައު ލިސްޓަށް ބަލާ އިރު، ކައިލީ އެންމެ ޒުވާން ބިލިއަނަރުގެ މަގާމުން ޖާގަ ހޯދީ އުމުރުން 21 އަހަރުގަ އެވެ.

އޭނާގެ މިލްކިއްޔާތު މިހާރު އެއް ބިލިއަން ޑޮލަރަށް އަރާ އިރު، މީގެ ތިން އަހަރެއްހާ ދުވަސް ކުރިން އަމިއްލަ ނަމުގައި ލޯންޗް ކުރި ކޮސްމެޓިކް ބްރޭންޑުން ކައިލީ އަށް މިދިޔަ އަހަރު އެކަނި ވެސް 360 މިލިއަން ޑޮލަރުގެ އާމްދަނީއެއް ލިބިފައިވެ އެވެ.

"މިއީ އެއްގޮތަކަށް ވެސް އުންމީދުކުރި ކަމެއް ނޫން. އެކަމަކު ވަރަށް އުފާވެއްޖެ ފޯބްސްގެ ލިސްޓަށް ހާއްސަ ޝަރަފަކާ އެކު އެރީމަ،" މިދިޔަ އަހަރު ދަރިއަކު ވެސް ލިބުނު އަދި ކާޑޭޝިއަން އާއިލާ އަށް ނިސްބަތްވާ، ކައިލީ ބުންޏެވެ.

ދުނިޔޭގައި މި ވަގުތު ހުރި އެންމެ މުއްސަނދި މީހަކީ އެމެޒޯންގެ ބާނީ ޖެފް ބެޒޯސް، 55، އެވެ. އޭނާގެ މިލްކިއްޔާތު 139.9 ބިލިއަން ޑޮލަރަށް އަރަ އެވެ.