ހަކުރު އެޅި ބުއިންތައް އާންމުކޮށް ބުއިމުން ހިތުގެ ބައްޔަށް ހުށަހެޅޭ

ހަކުރު އަޅައިގެން ހަދާފައި ހުންނަ ބުއިންތައް އާންމުކޮށް ބުއިމުން ހިތުގެ ބަލިތައް ޖެހުމުގެ ނުރައްކާ ބޮޑުވާ ކަމަށް އާ ދިރާސާއެއްގައި ބުނެފި އެވެ.


ސާކިއުލޭޝަން ޖާނަލްގައި ހޯމަ ދުވަހު ޝާއިއުކޮށްފައިވާ ދިރާސާ ރިޕޯޓެއްގައި ބުނި ގޮތުގައި ހަކުރު އެކުލެވޭ ސޮފްޓް ޑްރިންތަކާއި އެނަޖީ ޑްރިންކާއި ސްޕޯޓްސް ޑްރިންކް ފަދަ ތަކެތި އާންމުކޮށް ބޯ ނަމަ ހިތުގެ ބަލިތަކާއި ހަކުރު ބައްޔާއި ކެންސަރުގެ ނުރައްކާ ވެސް ބޮޑުވެ އެވެ.

މިފަދަ ބުއިންތަކުން ހިތުގެ މައްސަލަތައް ކުރިމަތިވުމުގެ ފުރުސަތު 31 ޕަސަންޓަށް ބޮޑުވާއިރު ކެންސަރު ފަދަ ބަލިތައް ކުރިމަތިވެގެން އުމުރު ކުރުވުމުގެ ފުރުސަތު 18 ޕަސަންޓަށް އިތުރުވާ ކަމަށް ދިރާސާ އިން ދެއްކި އެވެ. ދިރާސާއިން އެނގުނު ގޮތުގައި މި ނުރައްކާތައް އަންހެނުންނަށް 63 ޕަސެންޓް ބޮޑެވެ. ފިރިހެނުންނަށް 29 ޕަސެންޓެވެ.

ދިރާސާގައި ބުނި ގޮތުގައި ހަކުރު އެކުލެވޭ ތައްޔާރީ ބުއިންތައް ދުވާލަކު ގިނަވެގެން ދެ ފަހަރު ބޯ މީހުންނަށް ޑޯޒް އިފެކްޓް ކުރިމަތިވާނެ އެވެ. ގިނައިން ބޯ ވަރަކަށް އެފަދަ ބުއިންތަކުން ލިބޭ ގެއްލުންތައް ދާނީ އިތުރުވަމުންނެވެ.

ހަކުރު ގިނަ ތައްޔާރީ ބުއިންތަކާ، ހިތުގެ މައްސަލަތަކާއި ޓައިޕް 2 ޑައިބެޓީޒާއި ފަލަވުމާއި ސްޓްރޯކް ޖެހުން ފަދަ ސިއްހީ މައްސަލަތަކާ ގުޅުން ހުރިކަން މީގެ ކުރިން ވެސް ހާމަވެފައިވެ އެވެ.

މި ފަހަރުގެ ދިރާސާގައި ފާހަގަކޮށްފައިވާ ގޮތުގައި ހަކުރު އެޅި ބުއިންތަކުން އެންމެ ބޮޑަށް ކުރިމަތި ކުރުވާނީ ހިތުގެ މައްސަލަތަކެވެ. އަދި ގިނަ މީހުން އުމުރު ކުރުވާން ދިމާވަނީ ވެސް ހިތުގެ ތަފާތު މައްސަލަތަކާ ހެދި އެވެ.

"އަދި މީގެ ތެރޭގައި ކެންސަރު ވެސް އެބަ ހިމެނޭ. އެގޮތުން އުރަމަތީގެ ކެންސަރާއި ކޮލޯން ކެންސަރުގެ ނުރައްކާ ވެސް ބޮޑު،" ދިރާސާ ހެދުމުގައި އިސްކޮށް އުޅުއްވި ހާވަޑް އެޗްޓީ ޗެން ސްކޫލް އޮފް ޕަބްލިކްގެ ނިއުޓްރިޝަން ޑިޕާޓްމަންޓްގެ ސައިންޓިސްޓް ވަސަންތީ މާލިކް ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ދުޅަހެޔޮ ސިއްހަތަކަށް ބޭނުން ވަނީ ނުރަނގަޅު އާދަތައް ދޫކޮށްލުމެވެ.

"ނޭނގި ނަމަވެސް ލައިފްސްޓައިލަށް ގެނެވޭ ބަދަލަކުން ސިއްހަތު ނުރައްކަލުގެ ތެރެއަށް ވެއްޓިދާނެ. އެހެންވީމާ މީގައި އެންމެ މުހިއްމު ކަމަކީ ލައިފްސްޓައިލަށް ހެޔޮ ބަދަލެއް ގެނައުން. ނުރަނގަޅު އާދަކުން ރައްކާތެރިވާން މަސައްކަތް ކުރުން."