ފޭކް އައިފޯނުން ޗައިނާ ދެ މީހަކު އެއް މިލިއަން ޑޮލަރު ހޯދައިފި

ހަލާކުވެފައި ހުންނަ "ފޭކް އައިފޯން" އެޕަލްގެ ސާވިސް ސެންޓަރުތަކަށް ގެންގޮސް އޭގެ ބަދަލުގައި މިލިއަނެއްހާ ޑޮލަރުގެ އާ އައިފޯނު ހޯދި ކަމުގެ ތުހުމަތު، އެމެރިކާގައި އުޅޭ ޗައިނާގެ ދެ ދަރިވަރަކަށް ކޮށްފި އެވެ.


މި މީހުންގެ މައްޗަށް މިދިޔަ މަހު ހުށަހަޅާފައިވާ މައްސަލާގައި ބުނެފައި ވަނީ ޗައިނާ އިން "ފޭކް އައިފޯން" އެމެރިކާ އަށް އެތެރެކޮށް، އެއީ މައްސަލަޖެހިފައިވާ ފޯނުގެ ގޮތުގައި އެޕަލްގެ ފިހާރަތަކަށް ގެންގޮސް އޭގެ ބަދަލުގައި އަސްލު ފޯނު ހޯދާ ކަމަށެވެ. އަދި މިހެން ހޯދާ އަސްލު ފޯނުތައް ޗައިނާ އަށް ފޮނުވައިގެން ވިއްކާ ކަމަށް ބުނެފައިވެ އެވެ.

މިގޮތަށް ވަގު ހަދަން ޗައިނާ އިން އެތެރެކުރި ފޯނުތަކުގެ ތެރެއިން ގާތްގަނޑަކަށް ދެ ބައިކުޅަ އެއް ބައި ފޯނުގެ ބަދަލުގައި އަސްލު ފޯނު ހޯދާފައިވާ ކަމަށްވެ އެވެ.

ތުހުމަތުކުރެވޭ ދެ މީހުން ބުނެފައި ވަނީ ޗައިނާ އިން އެ މީހުންނަށް ފޮނުވަނީ ފޭކް ފޯނުކަން ނޭނގޭ ކަމަށެވެ.

އެޕަލް އިން ބުނި ގޮތުގައި މި ހީލަތުގެ ސަބަބުން 895،800 ޑޮލަރުގެ ގެއްލުން ވަނީ ވެފަ އެވެ.

މިގޮތަށް ފޯނު ބަދަލުކުރާކަން ފަޅާއެރީ ހޮންކޮންގުން އެމެރިކާ އަށް ފޮނުވި ދެ ޕެކޭޖެއްގައި ފޭކް އައިފޯނު ހުރި ކަމަށް ޝައްކުވެގެން ކަސްޓަމްސް އޮފިސަރުން އެ ބެލުމުންނެވެ.

ހޯމްލޭންޑް ސެކިއުރިޓީން ބުނި ގޮތުގައި، މައްސަލާގައި ތުހުމަތުކުރެވޭ އެއް ދަރިވަރެއްގެ ގެއިން ފޭކް 300 ޑިވައިސްއެއް ފެނިފައިވެ އެވެ.

ތަހުގީގަށް އެޕަލް އިން ބުނެފައިވާ ގޮތުގައި ހަލާކުވެފައިވާ އައިފޯނު ކަމަށް ބުނެ 3،069 ފޯނެއް ލިބުނެވެ. އޭގެ ތެރެއިން 1،493 ފޯނަކީ ފޭކުކަން އެނގިގެން ވަނީ ރައްދުކޮށްފަ އެވެ.