ކިޔަވަން ނެގި ލޯނުން ޕެޑް ހަދިޔާކޮށްފި

އިނގިރޭސިވިލާތުގެ ޔުނިވަސިޓީއެއްގައި ކިޔަވާ ދަރިވަރަކު އޭނާ ކިޔަވަން ނެގި ލޯނުން ބައެއް ޔުނިވަސިޓީ ކެމްޕަހުގެ އަންހެން ދަރިވަރުންގެ ތެރެއިން ސެނިޓަރީ ނެޕްކިން ހޯދަން ދަތި ދަރިވަރުންނަށް ޕެޑް ހޯދައި ދޭން ހަރަދުކޮށްފި އެވެ.


ބްރިސްޓަލްގައި ހިންގާ ޔުނިވަސިޓީ އޮފް ވެސްޓް އިންގްލެންޑް (ޔޫޑަބްލިއުއީ) ގެ ޑްރޯވިން އެންޑް ޕްރިންޓިން އިން ޑިގްރީ އަށް ކިޔަވަމުން އަންނަ ޑެއިޒީ ވޭކްފީލްޑް ވަނީ "ޕީރިއަޑް ޕަވަޓީ" ޔުނިވަސިޓީގެ މެނޭޖްމަންޓާއި ދަރިވަރުންގެ ސަމާލު ކަމަށް ގެންނަން ބޮޑު ކެމްޕޭނެއް ވެސް ހިންގައިފަ އެވެ.

އޭނާ ބުނި ގޮތުގައި ކިޔަވަން ނެގި ލޯނުން ބައެއް، ޕެޑް ގަނެދޭން ބޭނުންކުރީ އެ މައްސަލަ ޔުނިވަސިޓީގެ ސަމާލު ކަމަށް ގެންނަން ކުރި މަސައްކަތް ކާމިޔާބު ނުވެ، އެތައް އަންހެން ދަރިވަރުންނެއް މައްސަރު ދުވަސްވަރުގެ ތަކުލީފުތައް ވަރަށް ބޮޑަށް އުފުލަން ޖެހޭތީ އެވެ. އެގޮތުން ގިނަ ދަރިވަރުންނަކީ މާލީ ތަނަވަސްކަން ކުޑަވުމުގެ ސަބަބުން އެކަށީގެންވާ ވަރަށް ޕެޑް ހޯދަން ނުކުޅެދިފައިވާ ދަރިވަރުންނެވެ.

ޔޫޑަބްލިއުއީގެ ސަމާލުކަމަށް މި މައްސަލަ ގެންނަން ޑެއިޒީ މެނޭޖްމަންޓަށް އެތައް އީމެއިލެއް ފޮނުވި ނަމަވެސް އެކަމަށް އެތަނުން އިޖާބައެއް ދީފައެެއް ނުވެ އެވެ.

އެހެންވެ އެންމެ ފަހުން އަމިއްލަ އަށް "ފްރީ ސެނިޓަރީ ޕްރޮޑަކްޓްސް ފޮ އޯލް" ގެ ނަމުގައި ޑެއިޒީ ކުރިއަށް ގެންދިޔަ މަސައްކަތުގެ ތެރޭގައި މިދިޔަ ހަފުތާގައި އެކަނި ވެސް ވަނީ އެތައް ދަރިވަރަކަށް މައްސަރު ދުވަސްވަރު ބޭނުން ކުރާނެ އާލާތްތައް ހަދިޔާކޮށްފަ އެވެ. އޭނާ އެ ތަކެތި ދަރިވަރުންނަށް ހަދިޔާކުރީ އަމިއްލަ އަށް ޑިޒައިންކޮށްފައިވާ ފޮށްޓެއްގައި ބަންދު ވެސްކޮށްފަ އެވެ. އޭގެ ފޮޓޯ އާއި ވީޑިއޯ ވެސް ޑެއިޒީ ވަނީ އިންސްޓަގްރާމްގައި ވެސް ހިއްސާކޮށްފަ އެވެ.

އުމުރުން 22 އަހަރުގެ ޑެއިޒީގެ މި މަސައްކަތުގެ ވާހަކަ ސޯޝަލް މީޑިއާގައި ހިއްސާ ކުރުމުން ވަރަށް ގިނަ ބަޔަކު ވަނީ އޭނާގެ މަސައްކަތަށް ތައުރީފުކޮށް، ހިތްވަރު ވެސް ދީފަ އެވެ.

ޑެއިޒީގެ މި މަސައްކަތް އެންމެ ފަހުން ޔުނިވަސިޓީގެ ސަމާލު ކަމަށް ވެސް އައިސްފައިވެ އެވެ. އަދި ޔޫޑަބްލިއުއީގެ ތަރުޖަމާން މީޑިއާތަކަށް ވިދާޅުވީ އުސޫލު ހަމަޖެހިފައި އޮންނަ ގޮތުން އެތަނަކީ މިހާރު އަންހެން ދަރިވަރުންނަށް ހިލޭ ޕެޑް ފޯރުކޮށްދޭ ތަނެއް ނޫން ކަމަށެވެ.

"އެކަމަކު އިމަޖެންސީ ހާލަތެއް މެދުވެރިގެން އެކަން މެނޭޖްމަންޓަށް އަންގައިފި ނަމަ އެހީ ފޯރުކޮށް ދޭނެ،" އޭނާ ވިދާޅުވި އެވެ.

ތަރުޖަމާން ވިދާޅުވި ގޮތުގައި "ޕީރިއަޑް ޕަވަޓީ" އަކީ ބައިނަލްއަގްވާމީ މައްސަލައެއް ކަމަށް ގަބޫލު ކުރައްވާ ކަމަށެވެ.

"އަދި ބްރިސްޓަލް ދަރިވަރުންނަކީ ބަދަލުތަކަށް އަބަދުވެސް ވަކާލާތު ކުރާ ބައެއް. އެކަމާ އަހަރެމެން އުފާކުރަން،" އޭނާ ވިދާޅުވި އެވެ. "ހިލޭ ސެނިޓަރީ ފޯރުކޮށް ދޭނެ އުސޫލެއް ހަމަޖެހިފައި ނެތަސް މި ވަގުތު ދަރިވަރުންނަށް އެކި ކަހަލަ އިނާޔަތްތައް ލިބޭނެ އިންތިޒާމު ހުންނާނެ ހަމަޖެހިފައި."

ޔޫޑަބްލިއުއީން ބުނި ގޮތުގައި އެތަނުގައި ކިޔަވާ ދަރިވަރުންގެ ތެރެއިން އެކައުންޓްގައި 100 ޕައުންޑަށް ވުރެ ދަށް އަދަދެއް ހުންނަ ދަރިވަރުންނަށް ކުރު މުއްދަތެއްގައި ދައްކަން ލޯނު ހަމަޖައްސައި ވެސް ދެ އެވެ.