މައިކްރޮސޮފްޓުން ވާވޭ ލެޕްޓޮޕް ވިއްކުން ހުއްޓާލައިފި

އެމެރިކާ އިން ޗައިނާގެ ވާވޭއާ ޖައްސާލައި، ކުރިމަތި ކުރަމުންދާ ފިއްތުންތަކުގެ ތެރެއިން އަނެއްކާ ވެސް އިތުރު ފިޔަވަޅެއް އަޅައިފި އެވެ. މި ފަހަރު މައިކްރޮސޮފްޓުންނެވެ.


އެ ކުންފުނިން ވަނީ އެތަނުގެ ހުރިހާ އޮންލައިން ފިހާރައަކުން ވާވޭގެ ލެޕްޓޮޕް ވިއްކުން ހުއްޓާލައިފަ އެވެ. އަދި މިކަމާ ބެހޭ އެއްވެސް ވާހަކަ ދައްކާކަށް މައިކްރޮސޮފްޓުން ބޭނުމެއް ވެސް ނޫނެވެ.

"އެއްވެސް ފެންވަރެއްގައި އެއްވެސް ވާހަކައެއް ވާވޭގެ މައްސަލާގައި ދައްކާކަށް ބޭނުމެއް ނޫން،" މައިކްރޮސޮފްޓްގެ ތަރުޖަމާނު އެންޑްރޫ ޕިކަޕް ސީއެންއެން އަށް ވިދާޅުވި އެވެ.

ވާވޭ އަކީ ޓެލެކޮމިއުނިކޭޝަންގެ ވިޔަފާރީގައި ހަރަކާތްތެރިވާ އަދި އެންމެ ފުޅާކޮށް އެ ދާއިރާގެ އުފެދުންތަކުގެ ވިޔަފާރިގައި އެމެރިކާގެ އެޕަލް އާއި ދެކުނު ކޮރެއާގެ ސެމްސަންގާ އެންމެ ބޮޑަށް ވާދަކުރާ ކުންފުނި ވެސް މެ އެވެ.

އެމެރިކާ އިން ވާވޭ އިނދަޖައްސައިލެވޭތޯ މަސައްކަތް ކުރަމުންދާ އިރު، އެ ގައުމުން ވަނީ އެ ކުންފުނި ބްލެކްލިސްޓް ވެސް ކޮށްފަ އެވެ. އަދި އެމެރިކާގެ ކުންފުނިތަކުން ވާވޭއާ ގުޅިގެން ހިންގާ ވިޔަފާރީގެ މުއާމަލާތްތައް ބަންދުވަމުންދާ އިރު، މިދިޔަ ހަފުތާގައި ވާވޭ އެންޑްރޮއިޑް ސްމާޓްފޯނުތަކަށް ބޭނުންވާ ސޮފްޓްވެއާ ލައިސަންސް ވިއްކުން ވެސް ގޫގުލުން ހުއްޓާލައިފި އެވެ.

ވާވޭގެ ސީއީއޯ ރެން ޒެންފީ.

އެމެރިކާ އިން ވާވޭ އަށް ފުރަގަސް ދީފައިވާ ކުންފުނިތަކުގެ ކުއަލްކޮމް، އިންޓެލް، ބްރޯޑްކޮމް އަދި ޒީލިންކް ފަދަ ޓެކްނޮލޮޖީ ކުންފުނިތައް ހިމެނެ އެވެ.

މި މައްސަލަތަކާ ގުޅިގެން ވާވޭގެ ބާނީ އަދި ސީއީއޯ ރެން ޒެންފީ ވިދާޅުވީ އެމެރިކާ އިން އުޅެނީ އެ ކުންފުނީގެ ބާރު ނޭނގިގެން ކަމަށެވެ. އަދި އެމެރިކާ އިން އަޅާ ފިޔަވަޅުތަކާ ހެދި ދުވަހަކު ވެސް ގޮތް ހުސްނުވާނެ ކަމަށް ވިދާޅުވި އެވެ.