ނަފްސާނީ މައްސަލަތަކުން ދުރުވާން ކަސްރަތު މުހިންމު

ހަރަކާތްތެރިކަން ކުޑަ މެދުއުމުރުގެ އަންހެނުންނަށް ޑިޕްރެޝަންގެ ބިރު ވަކިން ބޮޑު ކަމަށް ދިރާސާއެއްގައި ބުނެފި އެވެ.


ނަފްސާނީ މައްސަލަތަކާ ދުރުވުމަށް، ކޮންމެ ޖިންސެއްގެ މީހަކަށް ވެސް ކަސްރަތު މުހިންމެވެ. ނަމަވެސް ނޯތު އެމެރިކަން މެނަޕޯޒް ސޮސައިޓީ ޖާނަލްގައި ޝާއިއުކޮށްފައިވާ ރިޕޯޓްގައި ބުނީ އުމުރުން ދުވަސްވާ ވަރަކަށް ހަރަކާތްތެރި ދިރިއުޅުމަކަށް މަގުފަހިކުރަން ޖެހޭ ކަމަށެވެ. އަދި ހާއްސަކޮށް، މެދުއުމުރުގެ އަންހެނުންގެ ހަރަކާތްތެރިކަން ކުޑަވާ ނަމަ ޑިޕްރެޝަނާއި އެންޒައިޓީ ފަދަ ނަފުސާނީ އުނދަގޫތަކާ ކުރިމަތިލާން ޖެހޭ ކަމަށް ބުންޏެވެ.

ދިރާސާގައި ފާހަގަކޮށްފައިވާ ގޮތުގައި އެފަދަ ސިއްހީ މައްސަލަތަކުގެ ތެރެއަށް މީހާ ވެއްޓުމަކީ ސިއްހީ ބޮޑެތި ބަލިތައް ވެސް ކުރިމަތި ކުރުވާނެ ކަމެކެވެ. އެގޮތުން ހިތުގެ މައްސަލަތަކާއި އެކި ކަހަލަ ނުކުޅުދުންތެރި ކަމަށް މަފުގަހިވުމާ އެކު ހަރަކާތްތެރި ކުޑަ ދިރިއުޅުމަކަށް އާދަވެއްޖެ ނަމަ މީހާގެ އުމުރު ވެސް ކުރުވާ ކަމަށް ބުންޏެވެ.

އެހެންވެ މުޅި ހަށިގަނޑަށް އެނގުންވާ ކަހަލަ ކަންކަމުގައި މަޝްއޫލުވުން މުހިއްމު ކަމަށް ދިރާސާގައި ފާހަގަކޮށްފައިވެ އެވެ. ދިރާސާގައި ބުނީ ހަރަކާތްތެރި ދިރިއުޅުމަކުން އުފާވެރިކަމާއި ހިތްހަމަޖެހުން ވެސް ގެނުވައިދީ، ހާސްކަމާއި އުދާސްތަކާއި ބޭކާރު ފިކުރުތަކުން ވެސް މީހާ ދުރުކޮށް ދޭނެ ކަމަށެވެ.

އަދި މިކަމުގެ ސަބަބުން އިޖުތިމާއީ ގުޅުން ބަދަހި ދިރިއުޅުމަކަށް މަގުފަހިކޮށްދޭ ކަމަށް ވެސް ބުންޏެވެ.