ޖިންސީ ތަފާތުކުރުންތަކާ ހެދި އަންހެނުންްނަށް ޑިޕްރެޝަން ކުރިމަތިވޭ

ޖިންސީ ތަފާތުކުރުންތައް ތަޖުރިބާކުރަންޖެހޭ އަންހެނުންނަށް ޑިޕްރެޝަނާ ކުރިމަތިވުމުގެ ފުރުސަތު އެ ނޫން އަންހެނުން ވުރެ ތިން ގުނަ ބޮޑު ކަމަށް ދިރާސާއެއްގައި ބުނެފި އެވެ.


ޔުނިވަސިޓީ ލަންޑަން ކޮލެޖް ޔުނިވަސިޓީން 16 އަހަރުން މަތީގެ 2،956 އަންހެނުންގެ މައުލޫމާތު އެއްކޮށްގެން ހެދި ދިރާސާގައި ބުނިގޮތުގައި އަންހެނަކަށްވީތީ ކުރިމަތިވާ އެކި ކަހަލަ ތަފާތު ކުރުންތައް ދިރިއުޅުމުގެ އެކި ހާލަތްތަކުގައި އެ މީހުންނަށް ތަޖުރިބާކުރަން ޖެހިފައިވެ އެވެ. އަދި މީގެ ސަބަބުން އެ މީހުންގެ ނަފުސާނީ ދުޅަހެޔޮ ކަމަށް އަސަރުކޮށް، ނަފުސާނީ ގޮތުން މީހާ ބަލިކަށިކޮށްލާ ކަމަށް ވެސް ބުންޏެވެ.

ދިރާސާގައި ބައިވެރިވި މީހުންގެ ގާތުން ސާފުކުރި ކަންކަމުގެ ތެރޭގައި އެ މީހުންނަށް އިތް ރައްކާތެރިކަމާއި ގަޔާވާނުވާ ކަހަލަ ނަންނަމުން ގޮވުމާއި ޖިސްމާނީ ގޮތުން ކުރިމަތިވާ ކަންކަމާ ބެހޭ ގޮތުން ސުވާލުކޮށްފައިވެ އެވެ.

ހެލްތު ސައިކޮލޮޖީ ޖާނަލްގައި ޝާއިއުކޮށްފައިވާ ދިރާސާގައި ބުނީ އެފަދަ ކަންކަމަށް ރިއާޔަތްކުރާ އިރު، ވަކި ޖިންސެއްގެ މީހަކަށްވީތީ އަންހެނުންނަށް ކުރިމަތިވާ ގޮންޖެހުންތައް ގިނަ ކަމަށެވެ. އަދި މިކަހަލަ ކަންކަމާ ކުރިމަތިލާން ނުކުޅެދި، ވަރަށް ގިނަ ބަޔަކަށް ޑިޕްރެޝަން ކަހަލަ ނަފުސާނީ އުނދަގޫތަކުގެ ތެރެއަށް ގޮސް، ދިރިއުޅުން ހަލާލުކޮށްލާ ކަމަށް ވެސް ދިރާސާގައި ފާހަގަކުރި އެވެ.

ދިރާސާގައި ބުނިގޮތުގައި އަންހެނަކަށްވީތީ ކުރާ ތަފާތާ ހެދި އަންހެނުންނަށް ކުރިމަތިވާ ސައިކޮލޮޖިކަލް ޑިސްޓްރެސް 26 ޕަސެންޓަށް އަރަ އެވެ. އަދި އަންހެނުންނަށް ތަފާތުކުރުންތައް އެންމެ އާންމުކޮށް ކުރިމަތިވާ ތަންތަނުގެ ތެރޭގައި މަގުމައްޗާއި އާންމު ދަތުރުފަތުގެ ހިދުމަތްދޭ ތަންތަން ހިމެނެ އެވެ.

ދިރާސާގައި ފާހަގަކޮށްފައިވާ ގޮތުގައި އަންހެނުންނާ ހިލާފަށް ޖިންސީ ތަފާތުކުރުންތަކާ ކުރިމަތިލާން ޖެހޭ ފިރިހެނުންގެ ނިސްބަތް ވަރަށް ކުޑަ އެވެ.

ޖިންސީ ތަފާތުކުރުންތަކަކީ، ދުޅަހެޔޮ މުޖުތަމައެއް ބިނާކުރުމަށް ވެސް އެޅޭ ހުރަހެއް ކަމަށް ވަނީ ފާހަގަކޮށްފަ އެވެ.