އެމެރިކާގައި ސިނގިރެޓް ބޯ މީހުން ރެކޯޑް މިންވަރަކަށް ދަށަށް

އެމެރިކާގައި ސިނގިރެޓް ބޯ މީހުންގެ އަދަދު މިދިޔަ އަހަރު ރެކޯޑް މިންވަރަކަށް ދަށްވެފައިވާ ކަމަށް ސެންޓަ ފޮ ޑިޒީޒް ކޮންޓްރޯލް އެންޑް ޕްރިވެންޝަން (ސީޑީސީ) އިން ބުނެފި އެވެ.


އެތަނުން ބުނީ މިދިޔަ އަހަރު، އެމެރިކާގައި ސިނގިރެޓް ބޯ ބޮޑެތި މީހުންގެ އަދަދު 13.7 ޕަސެންޓަށް ދަށްވެފައިވާ ކަމަށެވެ. އަދި މިއީ ދުންފަތުގެ އިސްތިއުމާލުކުރާ މީހުންގެ ޑޭޓާތައް 1965 ގައި ނަގަން ފެށި ފަހުން މި ވަރުގެ ބޮޑު ތަފާތެއް ފެނުނު ފުރަތަމަ ފަހަރު ކަމަށް ބުންޏެވެ.

"މި ވަރުގެ ނަތީޖާއެއް ފެނިފައި ވަނީ ޕަބްލިކް ހެލްތު ކޮމިއުނިޓީ އާއި ދުންފަތުގެ އިސްތިއުމާލުކުރުމާ ދެކޮޅަަށް ހިންގާ ކެމްޕޭންތަކުގައި ޝާމިލުވި ފަރާތްތައް ގުޅިގެން ކުރި މަސައްކަތުގެ ސަބަބުން،" ސީޑީސީގެ ޑިރެކްޓަރު ޑރ. ރޮބަޓް އާރް ރެޑްފީލްޑް ވިދާޅުވި އެވެ. "މިއީ ވަރަށް ބޮޑު ކާމިޔާބީއެއް. އަދި މިއީ މަސައްކަތް އިތުރަށް ފުޅާކުރަން ވަރުގަގަދަ ކުރަން ޖެހޭ ކަމެއް. މި ހިސާބުން އަދި އަހަރެމެންގެ މަސައްކަތްތައް ހުއްޓާލައިގެން ނުވާނެ."

ސީޑީސީން ނެރުނު ރިޕޯޓްގައި ބުނާގޮތުން ފާއިތުވި އަހަރު އެމެރިކާގައި ދުންފަތުގެ އިސްތިއުމާކުރި ކުރި މީހުންގެ އަދަދު ވަނީ 49.1 މިލިއަނަށް ދަށްވެ ނުވަތަ ދުންފަތުގެ އިސްތިއުމާކުރި މީހުންގެ އަދަދު ކޮންމެ ފަސް މީހަކުން އެކަކަށް ވެއްޓިފަ އެވެ.

ރިޕޯޓްގައި ބުނެފައިވާ ގޮތުގައި ސިނގިރެޓް ބުއި މީހުންގެ އަދަދު ދަށްވި ކަމަށް ބަލާފައި ވަނީ އާންމުކޮށް މި ބޭނުންކުރާ ފިލްޓަރު ލީ ސިނގިރެޓާއި ބިޑި އާއި ސުއްޓާ ބުއި މީހުންގެ ނިސްބަތަށް ބަލައިފަ އެވެ.

މި ބާވަތްތައް ބޭނުންކުރި މީހުންގެ އަދަދު މިދިޔަ އަހަރު ދަށްވި ނަމަވެސް އެމެރިކާގައި މިހާރު އެންމެ ގިނައިން ދުންފަތުގެ އިސްތިއުމާލަށް ބޭނުން ކުރަނީ އީ-ސިނގިރެޓް ކަމަށް ސީޑީސީގެ ރިޕޯޓްގައި ބުންޏެވެ. އެގޮތުން އެ ބާވަތުގެ ދުންފަތުގެ އިސްތިއުމާކުރާ ބޮޑެތި މީހުންގެ ނިސްބަތް މިދިޔަ އަހަރު 3.2 ޕަސެންޓަށް އިތުރުވެފައިވެ އެވެ. އެ ނިސްބަތް 2017 ގައި އުޅުނީ 2.8 ޕަސަންޓްގަ އެވެ.

ސީޑީސީން ބުނިގޮތުގައި ނަތީޖާ އިން ދައްކުވައި ދެނީ އީ-ސިނގިރެޓާއި ވޭފިންގެ އާދަ އާންމުވަމުން ދިއުމެވެ. އެގޮތުން ވޭޕްކުރާ މީހުންގެ ނިސްބަތް 2017 ގައި 5.2 ޕަސަންޓްގައި އޮތްވައި މިދިޔަ އަހަރު އެ ނިސްބަތް ވަނީ 7.6 ޕަސަންޓަށް އިތުރުވެފަ އެވެ. ވޭޕްކުރާ މީހުންގެ އެވްރެޖް އުމުރަކީ 18-24 އަހަރާ ދެމެދު ކަމަށް ވެސް ސީޑީސީން ބުންޏެވެ.

ރިޕޯޓްގައި ފާހަގަކޮށްފައިވާ ގޮތުގައި ސިނގިރެޓް ބޯ މީހުން މަދުވަމުންދާކަމުން ދައްކުވައިދެނީ އެ ވަބާއާ ދުރަށްދާން ގިނަ މީހުން ކުރާ މަސައްކަތް ކާމިޔާބިވަމުން އަންނަ ކަމެވެ.

ސިނގިރެޓް ބޯ މީހުން އެމެރިކާގައި މަދުވަމުން ދިޔަ ނަމަވެސް އީ-ސިނގިރެޓާއި ވޭޕިންގެ އާދަ ބޮޑުވެ، ކުރިމަތިވަމުންދާ ސިއްހީ މައްސަލަތައް އިތުރުވެ މަރުވާ މީހުން އަދަދު ވެސް ދަނީ އިތުރުވަމުންނެވެ. މިކަމާ ގުޅިގެން އެމެރިކާ ސަރުކާރުން ވަނީ އެ ގައުމުގައި ފްލެވާޑް އީ-ސިނގިރެޓް މަނާކުރާނެ ކަމުގެ އިޝާރާތެއް ވެސް ދާދި ފަހުން ދީފަ އެވެ.