ފްލެވަޑް އީ-ސިނގިރެޓް މަނާކުރަން ޕްލޭނެއް އެބައޮތް: ޑޮނަލްޑް ޓްރަމްޕް

ތަފާތު އެކި ރަހަތަކުގެ އީ-ސިނގިރެޓް ބޭނުންކުރާ މީހުންނަށް ކުރިމަތުވަމުންދާ ސިއްހީ މައްސަލަތަކާ ގުޅިގެން މަރުވާ މީހުންގެ އަދަދު އިތިރުވަމުންދާތީ އެ ބާވަތުގެ ސިނގިރެޓް އެމެރިކާގައި މަނާކުރާނެ ކަމުގެ އިޝާރާތެއް ރައީސް ޑޮނަލްޑް ޓްރަމްޕް ބުދަ ދުވަހު ދެއްވައިފި އެވެ.


އެމެރިކާގެ ސިއްހީ ދާއިރާގެ އިސް އޮފިޝަލުންތަކަކާ އެކު ވައިޓް ހައުސްގައި ބޭއްވި ބައްދަލުވުމުގައި ޓްރަމްޕް ވިދާވީ އީ-ސިނގިރެޓާ އެކު، ވޭޕްކުރުމުގެ މައްސަލަ މިހާރު ކަންބޮޑުވާ ހިސާކަށް ހިނގައްޖެ ކަމަށެވެ. އަދި އެފަދަ އުފެއްދުންތައް ތައްޔާރުކޮށް ވިއްކާ ކުންފުނިތައް މުއްސަނދިވަމުންދާ އިރު، ބައެއްގެ ފުރާނަ ގެއްލޭ ކަމަށް ވެސް ވިދާޅުވި އެވެ.

"އެހެންވީމާ ފްލެވާޑް އީ- ސިނގިރެޓާ ދެކޮޅަށް އެބަޖެހޭ މަސައްކަތްކުރަން. އަދި މީގެ އަވާގައި ޒުވާނުން ޖެހެމުންދާ އިރު އެ މީހުންނާއި ބެލެނިވެރިންނަށް ވެސް މީގެ ނުރައްކާތެރިކަން ކިޔައިދީ، ހޭލުންތެރިކަން އުފައްދަން ޖެހޭ،" ޓްރަމްޕް ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި އީ-ސިނގިރެޓްގެ ވަބާގައި ޖެހިގެން ގައުމުގެ ޒުވާނުން މަރުވާން ދޫކޮށެއް ނުލެވޭނެ އެވެ. އަދި އެ މަންޒަރު ބައްލަން ނުހުންނަވާނެ ކަމަށް ވެސް ޓްރަމްޕް ވިދާޅުވި އެވެ.

"އަހަރެމެން މިހާރު އެބަ ގެންގުޅެން ފްލެވާޑް އީސިނގިރެޓް މަނާކުރުނުގެ ޕްލޭންތަކެއް،" ރައީސް ވިދާޅުވި އެވެ.

ނަމަވެސް އެކަން ކުރައްވާނެ ކަމަށް އިރެއް ވިދާޅުވެއް ނުވެ އެވެ.

ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި ސެކްރެޓަރީ އޮފް ހެލްތު އެންޑް ހިއުމަން ސާވިސް އެލެކްސް އެޒާރް ވިދާޅުވީ އީ-ސިނގިރެޓްގެ ވިޔަފާރި ހުއްޓުމަކަށް ގެންނަން ފުޑް އެންޑް ޑްރަގް އެޑްމިނިސްޓްރޭޝަން (އެފްޑީއޭ) އިން ވަރަށް އަވަހަށް ގައިޑްލައިންތަކެއް އެކުލަވާލާނެ ކަމަށެވެ.

އޭނާ ވިދާޅުވި ގޮތުގައި ބާޒާރުގައި މިހާރު ވިއްކަން ކުރި ފްލެވާޑް އީ-ސިނގިރެޓް ވިއްކުން ހުއްޓުމަކަށް ގެނައުމަށް އަލުން އެފަދަ އުފެއްދުންތަކަށް ހުއްދަ ދޭނީ އެފްޑީއޭ އިން އެކުލަވައިލާ ގައިޑްނައިލްގެ ދަށުން ދެވޭ ހާއްސަ ހުއްދައެއްގެ ދަށުންނެވެ.

ފްލެވާޑް އީ-ސިނގިރެޓްގެ ވޭޕިންއާ އެކު ފުއްޕާގެ އާ ބައްޔެއް ވެސް މިހާރު ދަނީ އާންމުވަމުންނެވެ. އެއީ ލިޕޮއިޑް ނިއުމޯނިއާ އެވެ. މި ބަލީގައި މިހާތަނަށް ހަ މީހަކު މަރުވެ، ވޭޕިންގެ ނުރައްކަލުގެ ވާހަކަ ވަރަށް ބޮޑަށް އަންނަނީ ދެކެވެމުންނެވެ.

ކަމާބެހޭ ފަރާތްތަތަކުން ބުނާ ގޮތުގައި ވޭޕްކޮށްގެން މަރުވާ މީހުންގެ އަދަދު އިތުރުވަމުން ދިއުމަކީ އެކަމަށް ހޭލައި، މިހާރުން މިހާރަށް ވެސް ފިޔަވަޅުތަކެއް އަޅަންވެއްޖެ ކަމުގެ ސިގްނަލެކެވެ. އެހެންވެ ވޭޕް ކުރުމާ ދެކޮޅަށް ގައުމީ ފެންވަރުގައި މަސައްކަތްތައް ކުރަން ވެސް ސިއްހީ ބައެއް ތަޖުރިބާކާރުން އަންނަނީ ގޮވައިލަމުންނެވެ.

އެގޮތުން އީ-ސިނގިރެޓް ނުވަތަ ވޭޕްކުރުމަކީ އާންމުކޮށް ކުރާ ދުންފަތުގެ އިސްތިއުމާލާ ހިލާފަށް ގެއްލުން ކުޑަ ކަމެއްގެ ގޮތުގައި ޕްރޮމޯޓް ކުރިޔަސް، މީގެ ނުރައްކާތެރިކަން ދަނީ އެއް ދުވަހުން އަނެއް ދުވަހަށް ބޮޑުވަމުންކަން އެމެރިކާގެ ސެންޓަ ފޮ ޑިޒީޒް ކޮންޓްރޯލް (ސީޑީސީން) ވެސް ފާހަގަކުރެ އެވެ.