ޒުވާން އަންހެނަކު ވޭޕްކުރަނީ.
10 ސެޕްޓެމްބަރ 2019 - 07:52
ވޭޕް ކުރުމުގެ ސަބަބުން ފުއްޕާމޭ ހަލާކުވެ އެމެރިކާގައި މަރުވި މީހުންގެ އަދަދު ފަހަކަށް އެރުމާ އެކު، ކަންބޮޑުވުން އިތުރުވެއްޖެ އެވެ.
އެމެރިކާގެ ސެންޓަ ފޮ ޑިޒީޒް ކޮންޓްރޯލް (ސީޑީސީ) އިން މިދިޔަ މަހުގެ ފަހުކޮޅު ބުނެފައިވާ ގޮތުގައި ފުއްޕާމެޔަށް ޖެހޭ، ގޮތް ނޭނގޭ ބައްޔެއް އެމެރިކާގައި އާންމުވަމުންދާ އިރު މިއީ ވޭޕްކުރުން ނުވަތަ އީ-ސިނގިރެޓާ ގުޅުން ހުރި ކަމެއްކަން މިހާތަނަށް ހިންގި ތަހުގީގުތަކުން ސާބިތުވެފައިވެ އެވެ.
އެގޮތުން ވޭޕް ކުރުން އިތުރުވެ، މިކަން ސިއްހީ ބޮޑު މައްސަލައަކަށްވަމުންދާ އިރު، ފުއްޕާމެއަށް ޖެހޭ އާ ބައްޔަކީ ލިޕޮއިޑެވެ. ސީޑީސީން ބުނީ މި ބައްޔަކީ ނިއުމޯނިއާގެ ނާދިރު ވައްތަރެއް ކަމަށްވާ ލިޕޮއިޑް އެވެ. ލިޕޮއިޑަށް މަގުފަހިވަނީ ވޭޕްކުރަން ބޭނުން ކުރާ އާލާތްތަކަށް އަޅާ ދިޔާ ތަކެތިިން ކަމަށް ވެސް ސީޑީސީން ބުންޏެވެ.
އެގޮތުން ވޭޕް ކުރަން ބޭނުންކުރާ އެކި ރަހަތަކުގެ ދުންފަތަކީ ސިއްހަތަށް ވަރަށް ނުރައްކާތެރި އެއްޗެއްގެ ގޮތުގައި ފާހަގަކޮށް، އެފަދަ އެއްޗިއްސާ ދުރުވާން ސީޑީސީން ވަނީ ގޮވާލައިފަ އެވެ.
ވޭޕްކޮށްގެން ޕުއްޕާމެ އަށް ލިބުނު ގެއްލުންތަކުގައި އެމެރިކާގެ ލޮސް އެނެޖެލިސް އިލިނޯއި، އިންޑިއާނާ، މިޝިގަން، މިނެސޯޓާ އަދި އޮރެގަން އިން ފަސް މީހަކު މިހާތަނަށް މަރުވެފައިވެ އެވެ.
ކަމާބެހޭ ފަރާތްތަތަކުން ބުނާ ގޮތުގައި ވޭޕްކޮށްގެން މަރުވާ މީހުންގެ އަދަދު އިތުރުވަމުން ދިއުމަކީ އެކަމަށް ހޭލައި، މިހާރުން މިހާރަށް ވެސް ފިޔަވަޅުތަކެއް އަޅަންވެއްޖެ ކަމުގެ ސިގްނަލެކެވެ. އެހެންވެ ވޭޕް ކުރުމާ ދެކޮޅަށް ގައުމީ ފެންވަރުގައި މަސައްކަތްތައް ކުރަން ވެސް ސިއްހީ ބައެއް ތަޖުރިބާކާރުން އަންނަނީ ގޮވައިލަމުންނެވެ.
އެގޮތުން އީ-ސިނގިރެޓް ނުވަތަ ވޭޕްކުރުމަކީ އާންމުކޮށް ކުރާ ދުންފަތުގެ އިސްތިއުމާލާ ހިލާފަށް ގެއްލުން ކުޑަ ކަމެއްގެ ގޮތުގައި ޕްރޮމޯޓް ކުރިޔަސް، މީގެ ނުރައްކާތެރިކަން ދަނީ އެއް ދުވަހުން އަނެއް ދުވަހަށް ބޮޑުވަމުންކަން ސީޑީސީން ވެސް ފާހަގަކުރެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy