ކުޑަކަމުދާ ތަކެތިން ޕްރޮސްޓޭޓް ކެންސަރު ދެނެގަނެވޭނެ ގޮތެއް ހޯދަނީ

ފިރިހެނުންނަށް ކުރިމަތިވާ ޕްރޮސްޓޭޓް ކެންސަރު، ކުޑަކަމުދާ ތަކެތި ޓެސްޓްކޮށްލައިގެން ދެނެގަނެވޭނެ ގޮތެއް ހޯދުމުގެ މަސައްކަތް ފަށައިފި އެވެ.


ޕްރޮސްޓޭޓް ޔޫރިން ރިސްކް (ޕީޔޫއާރް) ގެ ނަން ދީފައިވާ މި ޓެސްޓް ތަރައްގީކުރަނީ އިނގިރޭސިވިލާތުގެ އީސްޓް އެންގްލިއާ ޔުނިވަސިޓީ (ޔޫއީއޭ) އާއި އެމެރިކާގެ ނޯފޯލްކް ސްޓޭޓް ޔުނިވަސިޓީގެ އިތުރުން އިނގިރޭސިވިލާތުގެ ނޯވިޗް ޔުނިވަސިޓީ ހޮސްޕިޓަލް ގުޅިގެންނެވެ.

މި ޓެސްޓް ސިފަކޮށްފައި ވަނީ ޕްރޮސްޓޭޓް ކެންސަރަށް މިހާރު ހަދާ އުނދަގޫ އަދި ބައެއް މީހުން ޖެހިލުންވާ ޓެސްޓްތަކަށް އިންގިލާބެއް ގެނުވާނެ ޓެސްޓެއްގެ ގޮތުގަ އެވެ. ޕްރޮސްޓޭޓް ކެންސަރަށް ހަދާ ސީދާ ވަކި ހާއްސަ ޓެސްޓެއް މިހާތަނަކަށް ނެތެވެ. އެހެންވެ އާންމުކޮށް މިކަމަށް ބޭނުން ކުރަނީ ލޭގެ ސާމްޕަލާއި އެމްއާރްއައި އެވެ.

ޕީޔޫއާރް ވުޖޫދަށް ގެންނަ ޓީމުން ބުނި ގޮތުގައި މިއީ ގޭގައި ވެސް ހެދިދާނެ ޓެސްޓެކެވެ. އަދި އާ ޓެސްޓް ކިޓުން ބަލީގެ ހާލަތު މާ ބޮޑަށް އަންގައިދޭނެ ކަމަށާއި ބަލީގެ ނުރައްކާ އޮތް މިންވަރާއި ކިހާ އަވަހަކަށް ފަރުވާ ބޭނުންވޭތޯ ފަދަ ކަންކަން އާ ޓެސްޓުން މާ ފަސޭހަކޮށް ވަޒަންކުރެވޭނެ ކަމަށް ބުންޏެވެ.

އާ ޓެސްޓް ތަރައްގީކުރުމުގައި އިސްކޮށް ހިއްސާވި ޑރ. ޖެރެމީ ކްލާކް ވިދާޅުވި ގޮތުގައި ޕީޔޫއާރަކީ ޕްރޮސްޓޭޓް ކެންސަރަށް ހަދާ ރެކްޓަން އެގްޒަމިނޭޝަންތަކަށް ވުރެ ކެންސަރުގެ ބައޮމާކްތައް ފަަސޭހައިން އަންގައިދޭނެ ޓެސްޓެކެވެ.

ޕްރޮސްޓޭޓް ކެންސާ ޔޫކޭގެ ރިސާޗް ފަންޑިން ހެޑް ސައިމަން ގްރީވެޒެން ވިދާޅުވި ގޮތުގައި ޕީޔޫއާރު އަދި ވަރަށް ކުރީކޮޅުގެ މަރުހަލާއެއްގައި އޮތަސް މިއީ ވަރަށް އުންމީދީ މަސައްކަތެެކެވެ. އޭނާ ވިދާޅުވީ މި ޓެސްޓް ވެގެން ވާނީ ކްލިނިކަކަށް ނުގޮސް ވަރަށް ފަސޭހައިން ޕްރޮސްޓޭޓް ކެންސަރު ދެނެގަންނަން ގެނެވޭ އިންގިލާބަކަށެވެ.

ދިރާސާ ޓީމުން ބުނިގޮތުގައި ޕީޔޫއާރްގެ ތަޖުރިބާގެ އަލީގައި، ކުރިއަށް އޮތް ތަނުގައި ކިޑްނީ އާއި މައިދާގެ ކެންސަރު ވެސް އަމިއްލަ އަށް ގޭގައި ދެނެގަވޭނެ ކަހަލަ ޓެސްޓްތަކެއް އީޖާދުކުރެވޭނެ އެވެ.