އަފްޣާނިސްތާނު މީހަކު އަންހެން ދަރިފުޅަށް ކިޔަވައިދޭން ނަމޫނާ ދައްކަނީ

އަފްޣާނިސްތާނަކީ އަންހެން ކުދިން ކިޔެވުމަށް ވަރަށް ބޮޑެތި ހުރަސްތައް ހުރި ގައުމެކެވެ. އެކަމަކު އެ ގައުމުގެ ހޭލުންތެރިން ގިނަ ބެލެނިވެރިންނަކީ މިހާރު އެ މީހުންގެ އަންހެން ދަރިން ތައުލީމީ ބަޔަކަށް ހެދުމަށް ހިތްވަރުކުރާ ބައެކެވެ. މިފަދަ ބައެއް މީހުންނަކި އަމިއްލަ އަށް ތައުލީމީ ފުރުސަތުތަކުން މަހުރޫމުވެފައި ތިބި މީހުން ކަމަށް ވިޔަސް، އެ މީހުން ދަރިންނަކީ ތަނެއްދޮރެއް ނޭނގޭ ބަޔަކަށްވާކަށް ގިނަ މައިންބަފައިން މިހާރު ބޭނުމެއް ނޫނެވެ.


އަފްޣާނިސްތާނުގެ މި ބައްޕަގެ ވާހަކަ އިން ސާބިތުކޮށް ދެނީ އެކަމެވެ. މިއާ ޚާނަކީ އޭނާގެ އަންހެން ދަރިފުޅު ސްކޫލަށް ގެންދިއުމަށްޓަކައި ކޮންމެ ދުވަހަކު 12 ކިލޯމީޓަރުގެ ރާސްތާއެއް ކަޑައްތުކުރާ ބަފައެކެވެ. އޭނާގެ ހުރިހާ ވެސް ހުވަފެނަކީ ދަރިފުޅު ކިޔައިވައިގެން މޮޅު މީހަކަށްވުމެކެވެ.

އެހެންވެ ސައިކަލުގައި ކޮންމެ ދުވަހަކު ދަރިފުޅު ސްކޫލަށް ގެންދިއުމާއި ގެނުމަށް ކޮޅަކަށް 12 ކިލޯމީޓަރުގެ ދަތުރެއްކުރަން ޖެހުމަކީ މިއާގެ އުފެލެކެވެ.

އަފްޢާނިސްތާނުގެ ޝަރާނާގައި ދިރިއުޅޭ މިއާގެ މި ވާހަކަ ޖަމިއްޔާއެއް ކަމަށްވާ ސްވެޑިޝް ކޮމިޓީ ފޮ އަފްޣާނިސްތާނުގެ ފޭސްބުކް ޕޭޖްގައި ވެސް ހިއްސާކޮށްފައިވެ އެވެ. އެތަނުން ހިންގާ ނޫރާނިއްޔާ ސްކޫލްގެ ގްރޭޑް ހައެއްގައި މިހާރު ކިޔަވަމުން އަންނަ ދަރިފުޅު ރޯޒީއާ ބެހޭ ގޮތުން މިއާ ބުނެފައި ވަނީ އެންމެ ބޮޑު ހުވެފަނަކީ ދަރިފުޅު ޑޮކްޓަރަކަށް ވުން ކަމަށެވެ.

އޭނާ ކިޔައިދިން ގޮތުގައި އެމީހުން ދިރިއުޅޭ އަވަށުގައި އަންހެން ޑޮކްޓަރަކު ނެތުމުގެ ދަތިކަން ވަރަށް ބޮޑެވެ. އެހެންވެ ދަރިފުޅު ކިޔަވައިގެން ޑޮކްޓަރަކަށްވެ، ރައްޔިތުންނަށް ހިދުމަތްކުރާ ތަން ދުށުމަކީ ބައްޕައެއްގެ ހައިސިއްޔަތުން އެންމެ އުންމީދުކުރާ ކަންތައް ކަމަށް ބުންޏެވެ.

"އަހަންނަކީ ކިޔަވާނެ ފުރުސަތު ނުލިބުނު ލިޔަންކިޔަން ނުދަންނަ މީހެއް. މަސައްކަތްކުރަނީ ދުވަހު މުސާރަ އަށް. ލިބޭ އާމްދަނީން އަހަރެން ބޭނުންވޭ ފިރިހެން ދަރިފުޅެކޭ އެއްގޮތަށް އަންހެން ދަރިފުޅަށް ވެސް ކިޔަވައިދޭން. އަހަރެން ބޭނުން ވަނީ އޭނާގެ އަންހެނުންގެ ޑޮކްޓަރަކަށްވާން،" މިއާ ބުންޏެވެ.

ރޯޒީ ބުނިގޮތުގައި ކިޔަވަން ލިބުނު ފުރުސަތުގެ ބޭނުން އޭނާ ވަރަށް ރަނގަޅަށް ހިފާނެ އެވެ. އަދި އޭނާ އާއި ބޭބެ އަށް ކިޔަވައިދޭން ބައްޕަވަމުން އަންނަ ގުރުބާނިއަކީ އަބަދު ވެސް ޝުކުރުވެރިވާނެ ކަމެއް ކަމަށް ބުންޏެވެ.

"ބައްޕަގެ ހުވަފެން ހަގީތަތަކަށް ހަދައިދޭން އަހަރެން ވެސް އެ ވަރަށް މަސައްކަތްކުރާނަން." އޭނާ ބުންޏެވެ.

މިއާގެ މި ވާހަކަ ފޭސްބުކްގައި ހިއްސާކުރުމުން ވަރަށް ގިނަ ބަޔަކު އޭނާ އަށް ތައުރީފުކޮށް ކޮމެންޓްކޮށްފައިވެ އެވެ. އަދި އެއީ އަފްޢާނިސްތާނުގެ ހުރިހާ ބަފައިން ވެސް ނަމޫނާއަކަށް ބަލަންވާ ވަރުގެ މީހެއް ކަމަށް ބުނެފައިވެ އެވެ. އަދި ބައެއް މީހުން ވަނީ އެ މީހުންހެ ހެޔޮދުއާ މިއާއާ އެކުގައި ވާނެ ކަމަށް ބުނެފަ އެވެ.