އަލުވި ރޯސްކުރަން ހާއްސަ ފޯމިއުލާއެއް

ކާ އެއްޗެހި ތައްޔާރުކުރަން ބޭނުންކުރާ އުކުޅުތަކަކީ އެ އެއްޗެހީގެ ރަހަ އިތުރަށް ފުރިހަމަކޮށްދޭނެ ކަމެކެވެ. އެގޮތުން އަލުވި ރޯސް ކުރާ ނަމަ އެކަމަށް ވެސް ހާއްސަ ގޮތެއް މިހާރު އެބަ އޮތެވެ. އެއީ ދަރިވަރުންތަކެއް ތައްޔާރުކުރި ފޯމިއުލާއެކެވެ. މީގެ އެންމެ މައިގަނޑު ކަމަކީ އަލުވި 30 ޑިގްރީ އެންގަލަށްވާ ގޮތެއް ކޮށުމެވެ.


މި ފޯމިއުލާ އުފައްދާފައި ވަނީ އިނގިރޭސިވިލާތުގެ އެސިކްސް ޔުނިވަސިޓީގެ އެޖް ހޮޓެލް ސްކޫލާއި ސެމުއެލް ވިޓްބްރެޑް ސްކޫލްގެ ދަރިވަރުންތަކެއް ގުޅިގެންނެވެ. ފޯމިއުލާ އަށް މި ޓީމުން ދީފައިވާ ނަމަކީ "އެޖް ހޮޓެލް ސްކޫލް މެތަޑް" އެވެ.

އެ މީހުން ކިޔައިދިން ގޮތުގައި 30 ޑިގްރީ އަށްވާ ގޮތަށް އަލުވި ފަޅިކޮށްފައި ކޮންމެ ފަޅިއެއްގެ ބޮޑު މިން، ހުރިހާ ފަޅިތަކެއްގެ އަދަދާ ގުނަކޮށްލުމުން އޭގެ ސާފޭސް އަކީ ކޮބައިކަން އެނގޭނެ އެވެ. އެހެންވެ އެގޮތަށް ހިސާބު ހަދާފައި އަވަނުގައި އަލުވި ރޯސްޓްކުރުމުން އަނގަށް މާ މީރުވާކަން ފޯމިއުލާން ދައްކާ ކަމަށް ބުންޏެވެ.

މި ފޯމިއުލާގެ ވާހަކަ ތިލަވުމާ އެކު ޕްރޮފެޝަނަލް ބައެއް ޝެފުންނާއި ބައެއް އާންމުން ވެސް ވަނީ "އެޖް ހޮޓެލް ސްކޫލް މެތަޑް" އަށް އަލުވި ރޯސްޓްކޮށްގެން ތަޖުރިބާކޮށްފަ އެވެ. އެފަދަ ބައެއް މީހުން ވަނީ ދަރިވަރުންގެ ފޯމިއުލާ ސައްހަ ކަމަށް ވެސް ބުނެފަ އެވެ.

ދެން އޮތީ އަލުވި ކާން ލޯބިކުރާ މީހުން އަމިއްލަ އަށް މި ފޯމިއުލާ ޓެސްޓްކުރުމެވެ. ގަޔާވާ ކަހަލަ ރެސިޕިއަކާ އެކު މިކަން ކުރެވިދާނެ އެވެ.