ޕްރިންސް ހެރީ އަށް ބާގަ ކިންގުން ވަޒީފާއެއް!

އަމިއްލަ މަސައްކަތްޕުޅުން ދިރިއުޅުއްވުން ބިނާކުރައްވަން ނިންމަވައި ޝާހީ ޒިންމާތަކުން އެކަހެރިވެވަޑައިގެންފައިވާ ޕްރިންސް ހެރީ އަށް އެމެރިކާގެ މަޝްހޫރު ފާސްޓްފުޑް ޗެއިން، ބާގަ ކިންގުން ވަޒީފާއެއް ހުށަހަޅައިފި އެވެ.


ހެރީގެ އަނބިކަނބަލުން މޭގަން މާކަލްގެ އުފަން ގައުމުގެ ކުންފުނިން ހެރީ އަށް ހުށަަހަޅާފައި ވަނީ ޕާޓް-ޓައިމް ވަޒީފާއެއްގެ ފުރުސަތެވެ. ސީދާ ކޮން މަގާމެއްކަން ހާމަނުކޮށް، ބާގާ ކިންގްގެ "ސަމާސާ" ޓްވީޓްގައި ބުނީ އެ އާއިލާ އިން ޕާޓް-ޓައިމް މަގާމެއް ހުށަހަޅާ ކަމަށެވެ.

ބާގަ ކިންގްގެ ޓްވީޓާ ގުޅިގެން ވަރަށް ގިނަ މީހުން އެކި ހިޔާލުތައް ފާޅުކޮށްފައިވެ އެވެ. އެގޮތުން ބައެއް މީހުން ވަނީ އެ ކުންފުނީގެ އެ ހުށަހެޅުމަކީ ވަރަށް މޮޅު ހިޔާލެއް ކަމަށް ބުނެފަ އެވެ. އަދި ބައެއް މީހުން ވަނީ ބާގަ ކިންގްގައި ހެރީ ވަޒީފާ އަދާކުރައްވާ ނަމަ އޭނާ އަށް ކިޔާނެ ނަމަކާ ބެހޭ ގޮތުން ވެސް ޖޯކް ޖަހައިފަ އެވެ. އެގޮތުން އޭނާ އަށް ކިޔަން ވާނީ ބާގަ ބޯއިގެ ބަދަލުގައި ބާގާ ޕްރިންސްތޯ އަހާފައިވެ އެވެ.

އެެހެން މީހަކު ކުރި ޓްވީޓެއްގައި ބުނީ ވަޒީފާގެ ފުރުސަތު ބާގަ ކިންގުން ހެރީ އަށް ދިނަސް އެކަމަށް އޭނާ އެއްބަސްވެވަޑައިގަންނަވަން ޖެހޭނީ ޝާހީ އާއިލާގެ ހުއްދަ އޮވެގެން ކަމަށެވެ. އަދި ބައެއް މީހުން ވަނީ ޓްވިޓާގައި ހެރީ ބާގާ ހިފައިގެން ހުންނަވާ ފޮޓޯތަކެއް ހަދައިގެން ބާގާ ކިންގުން ދިން ހުށަހެޅުމަށް ޖޯކް ޖަހައިފަ އެވެ.

އެހެން މީހަކު ކުރި ޓްވީޓެއްގައި ބުނީ ބާގަ ކިންގްގެ ޓްވީޓަކީ މި ފަހުން ޓްވިޓާ އިން ފެނުނު އެންމެ ފައްކާ ޓްވީޓް ކަމަށެވެ.

އަމިއްލަފައިމައްޗަށް ތެދުވެވަޑައިގަންނަވަން ބޭނުންފުޅުވާ ކަމަށް ވިދާޅުވެ ހެރީގެ ދެކަނބަލުން ޝާހީ އާއިލާއާ ފެއަށްޖެހިވަޑައިގަތުމަށް ފަހު ވިދާޅުވީ އެ ބޭފުޅުންގެ ދިރިއުޅުއްވުން ދެން ބައްޓަންކުރައްވާނެ ގޮތަކާ ބެހޭ މައުލޫމާތު ފަހުން ހިއްސާކުރައްވާނެ ކަމަށެވެ.

މިފަދަ ނިންމެވުމަށް ކުއްލި ގޮތަކަށް ނިންމެވި އިރު ރިޕޯޓްތައް ބުނާ ގޮތުން ހެރީ އާއި މޭގަން އަށް ނިސްބަތްވާ ދަ ޑޫކް އެންޑް ޑަޗެސް އޮފް ސަސިކްސްގެ ނަމުގައި ދެ ބޭފުޅުން މިދިޔަ ޖޫން މަހުގެ ތެރޭގައި ވަނީ ވިޔަފާރިއެއް ފަށަން ނިންމަވައި އެ ނަން ވިޔަފާރީގެ ނަމެއްގެ ގޮތުގައި ވެސް ރަޖިސްޓްރީކުރައްވައިފަ އެވެ. އަދި އޭގެ ދަށުން ވަރަށް ގިނަ އުފެއްދުންތަކެއް ނެރޭނެ ކަމަށްވެ އެވެ.