ޖަޕާނުގެ މަހުޖަނާ އެކު ހަނދަށް ދާން 20،000 ހުށަހެޅުން

ޖަޕާނުގެ މަޝްހޫރު މަހުޖަނު ޔުސާކޫ މައެޒާވާއާ އެކު ހަނދަށް ދާނެ އަންހެނަކު ހޯދަން ހުޅުވާލައި ސުންގަޑި ހަމަވި އިރު 20،000 މީހުން ކުރިމަތިލައިފި އެވެ.


އޭނާއާ އެކު ހަނދަށް ދާނެ މީހަކު ހޯދަން މި މަހުގެ 12 ވަނަ ދުވަހު އިއުލާންކޮށް، ކުރިމަތިލުމުގެ ފުރުސަތު ހަމަވީ މިމަހުގެ 17 ވަނަ ދުވަހު އެވެ. މީޑިއާތަކުން ބުނީ ސުންގަޑި ހަމަވި އިރު 20،000 އަންހެނުން ކުރިމަތިލުމަކީ ބިލިއަރު އުންމީދުކުރި ވަރަށް ވެސް ބޮޑު ތަރުހީބެއް ކަމަށެވެ. އަދި އޭނާއާ އެކު ހަނދަށް ދާން ކޮލިފައިވާ މީހަކު އިއުލާންކުރުން އޮންނާނީ އަންނަ މާޗް މަހުގެ ފަހުކޮޅު އެވެ.

ޔުސާކޫއާ އެކު ހަނދަށް ދާނެ މީހަކު ހޯދަން އިއުލާންކުރި އިރު، ޝަރުތުތަކުގެ ތެރޭގައި ހިމެނުނީ 20 އަހަރުން މަތީގެ ހުސްހަށިބައި މީހަކަށްވުމާއި ޖައްވީ ދަތުރުތަކަށް ވަރަށް ބޮޑަށް ޝައުގުވެރިވާ މީހަކަށްވުމެވެ.

އެމެރިކާގެ މަހުޖަނު އީލޮން މަސްކްގެ ސްޕޭސް އެކްސް އިން 2023 ގައި ޓޫރިސްޓުންގެ ގޮތުގައި ހަނދަށް މީހުން ގެންދިއުމުގެ ދަތުރުތައް ފަށަން އަމާޒު ހިފާފައިވާ އިރު، އެކަމަށް އެންމެ ފުރަތަމަ އަގު ދެއްކި މީހަކީ ޔުސާކޫ، 44، އެވެ.

އޭނާ ބައިވެރިއަކާ އެކު ހަނދަށް ކުރާ "ފުލް މޫން ލަވާޒް" ގެ މަންޒަރުތައް ޖަޕާނުގެ އަބީމާ ޓީވީން ލައިވް-ސްޓްރީމްކުރާ ގޮތަށް ވެސް ހަމަޖެހިފައިވެ އެވެ.