އެޕަލް އިން އެމެރިކާ އާއި ޔޫރަޕަށް މާސްކް ދެނީ

ކޮރޯނާވައިރަސް އެމެރިކާ އާއި ޔޫރަޕްގެ ގައުމުތަކުގައި ހަލުވިކޮށް ފެތުރެމުންދާ އިރު، އެ ގައުމުތަކަށް މާސްކްގެ ދަތިކަން ކުރިމަތިވެފައިވާތީ އެކަމަށް އެހީވާން އެޕަލް ކުންފުނިން ނިންމައިފި އެވެ.


އެ ކުންފުނީގެ ސީއީއޯ ޓިމް ކުކް ވިދާޅުވީ މާސްކްގެ ދަތިކަމަށް ހައްލެއް ހޯދައިދޭން އެޕަލް އިން އެމެރިކާ އާއި ޔޫރަޕްގެ ކަމާބެހޭ ފަރާތްތަކަށް މިލިއަނުން މާސްކް ފޯރުކޮށްދޭނެ ކަމަށެވެ. ކުކް ކުރެއްވި ޓްވީޓެއްގައި ވަނީ ކޮވިޑް-19 އާ އެކު ކުރީ ސަފުގައި ހިތްވަރާ އެކު މަސައްކަތްކުރަމުން އަންނަ ފަރާތްތަކަށް ޝުކުރު ވެސް އަދާކޮށްފަ އެވެ.

އެޕަލް އިން މާސްކް ފޯރުކޮށްދޭން ނިންމި އިރު، އެމެރިކާ އަށް ވަރަށް ބޮޑަށް މާސްކްގެ ދަތިކަން ކުރިމަތިވެފައިވާތީ ސަރުކާރުން ވެސް މިދިޔަ ހަފުތާގައި ވަނީ މިކަމަށް އެހީތެރިކަން ފޯރުކޮށް ދޭން ގޮވާލައިފަ އެވެ. އަދި އެ އެޕަލް އިން މާސްކް ފޯރުކޮށްދޭން ނިންމިކަން އިއުލާންކޮށްފައި ވަނީ އެމެރިކާގެ ނައިބު ރައީސް މައިކް ޕެންސް ވެސް އެޕަލް އިން ދެ މިލިއަން މާސްކް ފޯރުކޮށްދޭން އުޅޭ ޚަބަރު ލިބިވަޑައިގެންފައިވާ ކަމަށް ހޮނިހިރު ދުވަހު ވިދާޅުވެފައި ވަނިކޮށެވެ.

ދާދި ފަހުން ޗައިނާގެ މަހުޖަނު ޖެކް މާ ވެސް ވަނީ އެމެރިކާ އަށް 500،000 ޓެސްޓް ކިޓާއި މިލިއަން ފޭސް މާކްސް ހަދިޔާކުރާނެ ކަމަށް ވިދާޅުވެފަ އެވެ.